ދިވެހި ދައުލަތުގެ ޝަރަފުގެ ޢިއްޒަތް ދެ ބޭފުޅަކަށް އަރުވައިފި

26 Dec 2020 | 22:18

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.މ.ޝ.ޢ) މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރަށް އަރުވައިފިއެވެ.

މި ދެ ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) މިރޭ އެރުވި އިބްރާހީމް އިސްމާޢީލް ޢަލީއަކީ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ، ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ފާހަގަކުރެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮޅުމަޑުލު ތިމަރަފުށްޓަށް އުފަން އިބްރާހީމް އިސްމާޢީލް ޢަލީ ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1970 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ.

ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާއެވެ. އަދި އެއަށްފަހު ޓީޗިންގްގެ ދާއިރާއާއި، އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން އެ މަނިކުފާނު ވަނީ އޮސްޓްރޭލިޔާއާއި، އެމެރިކާ އަދި އިންޑިޔާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އެރުވި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)އަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ ޢިއްޒަތެކެވެ. މިރޭ މި ޢިއްޒަތް އެރުވި ބަދުރުއްނަޞީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1967 ވަނަ އަހަރުގެ ޖޫން މަހު އެ މަނިކުފާނު ރޭޑިއޯ ބްރޯޑްކާސްޓިންގގެ ދާއިރާއާ ގުޅިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

1971 ވަނަ އަހަރު ރޭޑިއޯ ޓެލެވިޜަން ސިންގަޕޫރުގައި ފުރިހަމަ ކުރެއްވި ތަމްރީނާއެކު އެ މަނިކުފާނު ވެވަޑައިގަންނެވީ ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވި ބޭފުޅަށެވެ. މީގެ އިތުރުން، ނެދަރލެންޑްސްއާއި އޮސްޓްރޭލިޔާއިން ވެސް އެ މަނިކުފާނު ވަނީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement