އަމިއްލަ ދަތުރުގެ ތަޖުރިބާއިން އެތައް ބަޔަކަށް އެހީގެ އަތެއް!

14 Jan 2021 | 11:07

ދެހިތެއްގެ ދެމެދުގައި އުފެދޭ ލޯތްބާއި ކުލުނުގެ ޝުއޫރުތައް ހަރުދަނާވެ، އުމުރު ދުވަހު އެކުގައި އުޅުމަށް ވައުދުވެ ކައިވެންޏަކާ ހިސާބަށް ދަތުރުކުރަނީ ވަރަށްވެސް ފޮނި އުންމީދުތަކާ އެކުގައެވެ. ކޮންމެ ދެމަފިރިއަކުވެސް އެދޭނީ އެކުގައި ލިބެން އޮތް އެންމެ އުފާވެރި ދިރިއުޅުމެއް ހާސިލްކުރާށެވެ. އެ ދެމީހުންގެ އުފަލަކީ އެ ދެމީހުން އަމިއްލައަށް ކަނޑައަޅައި ނިންމާ ކަމެކެވެ.

ދިވެހި މުޖުތަމައު ބިނާވެފައި އޮންނަގޮތުން ކައިވެންޏެއް ކުރުމުން މާ ގިނަ ދުވަސްތަކެއް ނުވެ ދެމަފިރިންގެ މައްޗަށް ބޭރުން އެކި ޕްރެޝަރުތައް އާދެއެވެ. ވަކިން ޚާއްސަކޮށް، "މާގިނަ ދުވަސް ހޭދަނުކޮށް" ދަރިއަކު ހޯދުމަށް ދެ ފަރާތުގެ އާއިލާ އަދި ދަންނަ މީހުންގެ ފަރާތުން އަންނަ ބަސްތައް މަދެއް ނުވާނެއެވެ. ގިނަ ފަހަރަށް އެހެން ބުނެލާއިރު، ބައެއް ދެމަފިރިންނަށް ދަރިން ހޯދުމުގެ ދަތުރަކީ ދަތި އަދި އަޑިގުދަންތަކެއް ހިމެނޭ ދަތުރެއްކަން ވިސްނާލެވެނީވެސް ވަރަށް މަދު ފަހަރެއްގައެވެ.

ދަރިން ހޯދުމުގައި ދިމާވާ ސިއްހީ ދަތިތަކުގެ ވާހަކަތަކަކީ ވަރަށް ގިނަ ފަހަރަށް ސިއްރު ކުރެވިގެންދާ ވާހަކަތަކެކެވެ. ގޭގެ ހަތަރުފާރުން ބޭރުގައި އެ ވާހަކަ ދައްކައި، އެކަމަށް ހިތްވަރު ލިބިގަތުމަކީ ބައެއް ފަރާތްތަކަށް ކުރަން "އޮޑް" ކަމެކެވެ. ނަމަވެސް، ދަރިމައިވުމާ ގުޅޭގޮތުން ވީ މިންވަރަކުން މައުލޫމާތާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ ބަޔަކަށް ވެދެވޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ވިސްނައިގެން، އެކަން ކުރާ ބަޔަކު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް އެބަ އުޅެއެވެ.

ސޯޝަލް މީޑިއާގައި ހިނގަމުންދާ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތަކީ މިއީއެވެ.

މި ކޮމިއުނިޓީގެ ވާހަކަ ފެށިގެން އަންނަނީ އެ ކޮމިއުނިޓީގެ ފައުންޑަރ އާޝާ ހުސައިންގެ ހިސާބުންނެވެ. އުމުރުން 33 އަހަރުގެ އާޝާއަށް އަލަތު ދަރިއަކު ލިބުނީ ކައިވެންޏަށް ގިނަ އަހަރުތަކެއް ފާއިތުވެގެންދިޔަ ފަހުންނެވެ. ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން އުޅުމަށްފަހު، ރާާއްޖެއަށް އެނބުރި އައިސް ދަރިއަކު ހޯދުމަށް އޭނާ އަދި އޭނާގެ ފިރިމީހާ ބޮޑަށް މަަސައްކަތްކުރަން ފެށިއިރު ކައިވެންޏަށް 8 އަހަރު ވެދާނެއެވެ. ސިއްހީ މައްސަލަތަކެއް ހުރުމުން، އެކަމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެ ދެމަފިރިންވެސް ގަބޫލުކުރިއެވެ. އެހެނަސް ދަރިއަކު ހޯދުމަށް އޮތްގޮތަކީ އައިވީއެފް ފަރުވާ ހޯދުންކަމަށް ޑޮކްޓަރުން ބުނުން ވެގެންދިޔައީ އާޝާ ހީކުރި ގޮތާއި ޚިލާފް ކަމަކަށެވެ.

އެހެނަސް އާޝާ އަދި އޭނާގެ ފިރިމީހާ ބޭނުންވީ އެކަމާއިގެން ކުރިއަށްދާށެވެ. ކުރިއަށް އޮތް ދަތުރުގެ ރާޅުތައް ނަގާނެ ގޮތް ނޭނގުނަސް، އާޝާ ބޭނުންވީ އެ ދަތުރުގެ މަންޒިލަށް ވާސިލްވުމަށް ކުރި މަސައްކަތް އަމިއްލަ ނަފްސަށްޓަކައި ލިޔެ ރައްކާކުރާށެވެ.

"ޑޮކްޓަރަށްގޮސް އައިވީއެފް ހަދަން ބުނި ހިސާބުން ވަރަށް ބޮޑަށް ހާސްވެފައި ހުރީ. އިންސްޓަގްރާމް އިން ބެލީ އައިވީއެފް ހަދާ އެހެން މީހުންގެ ބްލޮގްސް. އިންފޮމޭޝަން ހޯދަން ވަދެފަ ހިތަށް އެރީ ލޮގް ޑައުން ކުރަން އާޝާގެ ޖާނީވެސް. އޭރު ހިތަކަށް ނާރާ ޕަބްލިކް ކުރާކަށް. ކޯޕިންގ އަށް ހެދި އެކައުންޓެއް އެއީ"، އާޝާ ކިޔައިދިނެވެ.

ދަރިއަކު ހޯދުމުގެ ދަތުރުގައި އާޝާގެ އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ކިޔަމުންދިޔަ ބްލޮގްތަކާ، އަމިއްލައަށް ލިޔަމުންދިޔަ ބަަސްތަކެވެ. އައިވީއެފްގެ ފަރުވާ ކާމިޔާބުވެ، މާބަނޑުވެއްޖެކަން އެނގުމުން އާޝާވެސް ބޭނުންވީ އޭނާގެ އަމިއްލަ ދަތުރުގެ ވާހަކަތައް އެންމެންނަށް ކިޔައިދޭށެވެ. މީހުން ދެކޭނެ ގޮތަކާއި މެދު ބިރުން ހުރެ ނަމަވެސް، ބްލޮގް އާންމުކޮށްލީ އެހެން ބަޔަކަށް ހިތްވަރެއް ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ. އެއާއި އެކު މަޑުމަޑުން، އާޝާގެ ބްލޮގް ކިޔައި އޭނާގެ ކިބައިން ސުވާލު އަހަމުންދިޔަ ފަރާތްތައް ދިޔައީ އިތުރުވަމުންނެވެ.

ދަރިއަކު ހޯދުމުގެ ކަންކަމާ ގުޅޭގޮތުން ގިނަބަޔަކު އަހަމުންދިޔަ ސުވާލުތަކަށް ޖަވާބު ހޯދައިދޭން އާޝާ ބޭނުންވިއެވެ. އެ ވާހަކަތައް އަހައި، އެފަރާތްތަކަށް އެހީގެ އަތެއް ފޯރުކޮށްދޭން ބޭނުންވިއެވެ. އެއާއެކު، ސެންޓަރ ފޮރ ހެލްތު އެޑިއުކޭޝަން ނުވަތަ ޝީގެ އެހީގައި ތަނެއް ހޯދައި، ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ އެންމެ ފުރަތަމަ ސެޝަން ބޭއްވިއެވެ.

އެ ސެޝަން ވެގެންދިޔައީ އާޝާއަށް މުޅިން އާ ތަޖުރިބާއަކަށެވެ. އޭނާ ބުނިގޮތުގައި އެ ސެޝަނުން ފެނިގެންދިޔައީ ވަރަށްވެސް ޒުވާން މޫނުތަކެކެވެ. ކައިވެންޏަށް ގިނަ ދުވަސްތަކެއް ވޭތުވެ، ދަރިއަކު ނުލިބިވުމާއި އެފަރާތްތަކުން ދިޔައީ ކުރިމަތިލަމުންނެވެ. އެމީހުންގެ ވާހަކަތައް އަޑުއަހައި، އާޝާ އަމާޒުހިފީ އިތުރު ސެޝަންތަކެއް ބޭއްވުމަށެވެ.

"ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ހަ ސެޝަނެއް މިދިޔަ އެއް އަހަރު ތެރޭގައި ވަނީ ބާއްވައިފަ. މި ސެޝަންތަކުގަ ގާތްގަނޑަކަށް 60 އެއްހާ މީހުން ބައިވެރިވި"، އާޝާ އުފަލާއި އެކު ފާހަގަކުރިއެވެ.

ދެމަފިރިންނަށް ދަރިއަކު ނުލިބޭނަމަ ގިނަފަހަރަށް ވިސްނިފައި އޮންނަނީ އެއީ ހަމައެކަނި އަންހެންމީހާގެ ކިބައިގައި ހުރި ސިއްހީ މައްސަލައަކުން ދިމާވާ ކަމެއްކަމަށެވެ. ނަމަވެސް އާޝާވެސް ފާހަގަކުރިގޮތުގައި ފިރިހެންމީހާ ނުވަތަ ދެމީހުންގެ ކިބައިގައި ހުންނަ މައްސަލައަކުންވެސް ދަރިއަކު ލިބުން ދަތިވާ ފަހަރުތައް އާދެއެވެ. އާޝާގެ ސަޕޯޓް ގްރޫޕްގެ އަމާޒަކީ އެފަދަ ކަންކަމަށް އަލިއަޅުވާލައި، ރަނގަޅު ސިއްހީ ލަފާ ހޯދޭނެ މަގު ތަނަވަސްކުރުމެވެ. ރަނގަޅު ފަރުވާ ދެނެގަނެ، އެންމެ އެކަށޭނެ ގޮތެއްގައި އެ ފަރުވާ ހޯދުމަށް ހިތްވަރުލައި ދިނުމެވެ.

ފިރިހެނެއްގެ ކިބައިގައި ހުންނަ މައްސަލައެއް ނުވަތަ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އާއި އެންޑޮމީޓްރިއޯސިސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުންވެސް ދަރިއަކު ލިބުމަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ ހާލަތްތަކުގައި އައިވީއެފް ފަދަ ފަރުވާތަކަށް ދެމަފިރިން މިސްރާބު ޖަހަނީ އެފަރާތްތަކުގެ އަމިއްލަ އުފަލަށްޓަކައި، އެތަކެއް ވިސްނުމަކަށް ފަހުގައެވެ. އެހެނަސް އެފަދަ ފަރާތްތަކަށް އަދިވެސް މުޖުތަމައުއިން ބަދުބަސް ބުނެހަދާކަން އާޝާވެސް ފާހަގަކުރިއެވެ. އެގޮތުން އެއީ ހަމަ އެ ދެމަފިރިންގެ ދަރިއެއްތޯވެސް ބައެއް ފަހަރަށް އަހާ ހަދާކަން އާޝާ ހިތާމައާ އެކު ފާހަގަކުރިއެވެ.


އާޝާގެ ބޭނުމަކީ އެފަދަ ވިސްނުން ބަދަލުކޮށްލުމެވެ. ދަރިއަކު ހޯދުމުގެ ދަތުރުގައި އެހެން ފަރާތްތަކަށްވެސް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެންމެ ދެމަފިރިންނަށް އެހީވެވުނަސް އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ނަމުގައި އަމިއްލަ ޖަމްއިއްޔާއެއް އުފައްދައި، ވީހާވެސް ގިނަބަޔަކަަށް އުފާވެރިކަމާ ހިތްހަމަޖެހުން ގެނެސްދިނުމަކީ އޭނާގެ ބޮޑު އުންމީދެކެވެ!


Advertisement

ކޮމެންޓް