އެމްޕީއެލްގެ ބަސް ކޮންޑަކްޓަރަކާއި މުވަޒަފެއް ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ!

03 Feb 2021 | 16:01

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގްރޭޓާ މާލެ ސަރަހައްދުގައި ދެމުންގެންދާ ބަސް ހިދުމަތުގައި ހަރަކަތްތެރިވަމުން އަންނަ ކޮންޑަކްޓަރަކާއި، ބަސް ޓާމިނަލްގެ މުވަޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ވޮއިސް" އަށް އެމްޕީއެލްގެ އޮފިޝަލް މައުލޫމާތު ދިންގޮތުގައި ޕޮޒިޓިވްވެފައިވަނީ ޑްރައިވަރެއްގެ ޓްރެއިނީގޮތުގައި މަސައްކަތްކުރަމުން އަންނަ އެކަކާއި ބަސް ޓާމިނަލްގައި ހަރަކާތްތެރިވާ އެކަކެވެ.

އެމްޕީއެލްއިން މާލެ ސަރަހައްދުގައި ދެމުން ގެންދާ ބަސް ހިދުމަތަކީ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ހިދުމަތެއްނަމަވެސް، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައް ބަހުގެ ހިދުމަތް ނުދޭކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ގައިދުރުކަމެއް ނެތި ގިނަބަޔަކު ބަހަށް އެރުވުންފަދަ ކަންކަން ފާހަގަކުރެވެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 99 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 82 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 5 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 16،155 އަށް އަރާފައެވެ. މީގެ ތެރެއިން 186 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،263 އަށް އަރާފައެވެ.

Advertisement

ކޮމެންޓް