Advertisement

"ގާލްސް: ސުންނަތް ދިރުވަން ސަހަރާއަށްވަނުމުގެ މިނިވަންކަން ލިބިގަނޭ"

19 Feb 2021 | 05:48

އަޅުގަނޑުމެން އަޑުއަހާގޮތުން ރާއްޖޭގެ ތާރީޚްގައި " ދަންނަ" އިލްމުވެރިންތަކެއްގެ ވާހަކަ އައިސްފައިވެއެވެ. އެއްބޭކަލަކީ މީލާދީން 1420 ވަނަ އަހަރު ރާއްޖޭގެ ތަޚްތައް އިސްވެވަޑައިގަތް " ދަންނަ މުހައްމަދު" އެވެ. މިއީ ވަރަށް ދީންވެރި އަދި އިލްމުވެރި ރަސްކަލެކެވެ. 11 މަހު ތަޚްތުގައި ހޭދަކުރެއްވިތަނާ ވެރިކަން ވަށްޓާލިއެވެ. އޭނާގެ ރަސްކަމުގައި ދަންނަމުހައްމަދު ރަސްގެފާނު މިސްކިތާއި މާފަންނު ބަންޑާރަ މިސްކިތާއި ކަބާފާނު ގަޑުވަރު ހެއްދިއެވެ. ދެން އަންނަ އެއްބޭފުޅަކީ " ވާދޫ ދަންނަ ކަލޭފާނު" އެވެ. މިއީ ވެސް ވަރަށް އިލްމުވެރި ބޭކަލެކެވެ. މިފަހު ޒަމާނުގައިވެސް ދިވެހި ރާއްޖޭގެ އުދަރެހުން އިލްމުވެރިކަމަށް އަރާހުރި އުސްތާޒަކު ދިއްލާލައިފިއެވެ. އޭނާ ސަނަދެއް ހާސިލު ކުރިއެވެ. ވަރަށް ބުއްދިވެރި ކަމަށް ބުނެވޭ ބޭކަލެކެވެ. ދީނީތައުލީމު ހޯއްދަވާފައިނެތަސް އޭނާގެ ބުއްދިން އިސްލާމީ އެންމެ ބޮޑެތި އިލްމުވެރިންނަށް ގޮންޖަހާލެވޭފަދަ ފަތުވާތައް ދީއުޅެތެވެ. އެފަތުވާތައް ކަމުދާވަރަށް ގިނަ މީހުންއުޅެއެވެ. އޭނާ އާއްމުކުރި އެއްވާހަކައަކީ އިސްލާމްދީނުގައި ޒިނޭކުރާމީހުން ރަޖަމްކުރުން އެއީ ސާބިތުކުރެވޭކަމެއްނޫންކަމަށް ބުނި ބުނުމެވެ. އެއީ ގުރުއާން ތަރުޖަމާ ކިޔާފައި އެވާހަކަ ގުރުއާންގައި ބަޔާންކުރައްވާފައިވާތަން އޭނާއަށް ނުފެނުމުންނެވެ.

މިހާރު އެހެން ފަތުވާއެއް ނެރެދީފިއެވެ. ކޮންމެވެސް އަންހެންކުއްޖަކު އޭނާގެ މާމަގެ ގަބުރަށް ޒިޔާރަތް ކުރުމުގައި އަންހެނަކަށްވީމާ ހުއްދަނެތިގެން ސޯޝަލް މީޑިއާގައި ފާޅުކުރި ނުރުހުމުގެ ޝުއޫރަކާއި ގުޅިގެން އޭނާ ލިޔުނެވެ.

ލޯބިވާ އަންހެން ކުދިންނޭވެ. ތިޔަބައިމީހުން ލޯބިވާ މީހުން ވަޅުލެވިފައިވާ ގުބުރުގެ ކައިރިއަށް ނުވަތަ ވަޅުލުމުގެ ރަސްމިއްޔާތު ހިގާތަނަށް ހާޒިރުވުން މަނާ ވާހަކަ އަހުރެން އަޑުއަހައިފީމެވެ. ފަހެ ތިޔަބައި މީހުން ގަބުރުސްތާނަށް ޒިޔާރަތްކުރުން މަނާ އެއްވެސް ގާނޫނެއް ނެތެވެ. އާޓިކަލް 19 ވަނީ ތިޔަބައި މީހުން ގަބުރުސްތާނަށް ޒިޔާރަތްކުރުމުގެ މިނިވަންކަން ދީފައެވެ.

އެއްވެސް މީހަކު ތިބާގާތު މަނާކަމެކޭ ބުނެފިނަމަ އަހުރެން މަނާތިކުރަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސުވާލު ކުރާށެވެ. އަހުރެންގެ ލަފައަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ސުންނަތުގައިވާ ގޮތަށް ކޮންމެ ބުރާސްފަތި ދުވަހަކު ގަބުރުސްތާނަށް ޒިޔާރަތްކުރުމެވެ. ގާނޫނާއި ޚިލާފަށް ކުރާ މިކަންތަކާއި ދެކޮޅަށް އަންހެން އެކްޓިވިސްޓުން ނުކުންނާނެކަމަށް އުއްމީދުކުރަމެވެ. އެތާގައި ވަޅުލެވިފައި އޮތީ ތިމާގެ ލޯބިވާ މީހާއެވެ. ތިބާ ނުހުއްޓުވޭނެއެވެ. އަދި ކުރިން ފާހަގަކޮށްލި އަންހެންކުއްޖާއަށް ހިއްވަރުދީ އޭނާ ބުންޏެވެ. ތިބާއާއިއެކު ގަބުރުސްތާނަށް ދިއުމަށް އަހަރެން މިހިރީ ތައްޔާރަށެވެ. ދާންވީ ދުވަސް އަންގާލާށެވެ.

ޢިލްމުވެރިން ބުނާގޮތުގައި ގަބުރުސްތާނަށް އަންހެނުން ޒިޔާރަތްކުރުމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އުފެދިފައި އޮވެއެވެ. އެޚިލާފަކީ ޢިލްމުވެރިންކުރެ ދިވެހި ރާއްޖޭގެ ޑޮކްޓަރ އިޔާޒާއި އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމާއި ދެމެދު ދީނީކަންކަމުގައި ޚިލާފެއް އޮތުން ފަދަ ކަމެއް ކަމެއް ނޫނެވެ. އިސްލާމީ އުއްމަތު އެންމެ މަތީ އަދި ގަދަރުވެރި އިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތުމެވެ. ކީރިތި ނަބިއްޔާ އެއްފަހަރަކު އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭގޮތަށް އިސްލާމުން ގަބުރުސްތާނަށް ޒިޔާރަތްކުރުން މަނާކުރެއްވިއެވެ. ޔަހޫދީންނާއި ކްރިސްޓިއަން ފާދިރީން ދީނުގެ ކަންކަންކަމަށް އަމިއްލައަށް ހަދައިގެން އުޅުނު އާދަކާދަތަކާއި މުސްލިމުން ގާތްނުވުމަށް ނަބިއްޔާ ބާރުއެޅުއްވިއެވެ. ޝިރުކުގެ ނުބައި އަމަލްތަކެއް އެކަމުގައި ހިމެނިގެންވާތީއެވެ. އަންހެނުން ގަބުރުސްތާނަށްވަދެ މަރުވެފައި ތިބި މީހުންނަށް ޒިޔާރަތްކުރުން ލައުނަތްލެއްވިކަމަށްވެސް ވާރިދުވެގެން އައިސްފައިވެއެވެ. އަދި ފަހުން ގަބުރުސްތާނަށް ޒިޔާރަތްކުރުމަށް ހުއްދަދެއްވިކަމަށްވެސް ވެއެވެ. ނަބިއްޔާގެ ހަޔާތްޕުޅުގައި އިސްލާމުން މަރުވުމުން ވަޅުލާތަނަށް އަންހެނުން ގޮސް އުޅޭކަމަށް ވާރިދުވެފައެއް ނުވެއެވެ. އަދި ސަހާބީންގެ ދުވަސްވަރުވެސް އަންހެނުން މައްޔިތާއާއިއެކު ވަޅުލާތަނަށް ގޮސް އުޅޭކަން އެގޭކަށެއް ނެތެވެ. އަންހެނުން ގަބުރުސްތާނަށް ޒިޔާރަތްކުރުން ހުއްދަކަމަށް އިލްމުވެރިން ނަންގަވަނީ ނަބިއްޔާ ހުއްދަދެއްވުން އައިސްފައި ވުމުންނެވެ. އެހުއްދައިގައި އަންހެނުން ހިމެނޭކަމެއް ނުވަތަ ނޫންކަން އެހާ ސާފެއް ނޫނެވެ. ލައުނަތް ލެއްވުމުގެ ބަސްފުޅެއް އައިސްފައި އޮންނާތީ އިލްމުވެރިންނަށް ގޮތެއް ނިންމެވުމުގައި ފަސްޖެހުމެއް އޮންނަނީއެވެ. އައިޝަތުގެފާނު މަރުވެފައިވާ ތިމާގެ މީހަކަށް ޒިޔާރަތްކުރެއްވިކަމަށް ބަޔާންވެގެން އައިސްފައި އޮތަސް ގަބުރުސްތާނަށް ވެދެވަޑައިގެންނެވިކަން އެހާބޮޑަކަށް ސާފެއްނޫނެވެ. ގަބުރުގައި ވަޅުލެވިފައި އޮންނަ މީހާއަށް އަޑުނީވޭނެކަމަށް އައިޝަތުގެފާނު ގުރުއާނުން ހެކިދައްކަވާފައި އޮވެއެވެ. މަރުވެފައި އޮންނަ މީހާއަށް ﷲ ދަރުމަ އިތުރުކޮށްދެއްވަނީ އޭނާގެ ސާލިހް ދަރިން ﷲ އަށް ކުރާ ދުއާއިންނެވެ. ގަބުރުސްތާނަށްވަދެ މަހާނަމަތީގައި މާބޮޑިއެއް ބޭއްވުމަކުން މަރުވެފައި އޮންނަމީހާއަށް ކުރާނެ އަސަރެއް ދުވާނެ ވަހެއް ނޯވެއެވެ. ދެއިރުދެދަޅަޔަށް ދޮންވެލި ލައި ހިރިގަލުގައި ރަންކުލައިގެ ލިޔުމެއް ބެހެއްޓުމަކުން މަރުވެފައި އޮންނަމީހާއަށް ކަށްވަޅުގައި ކުރިމަތިވާ ކަންކަމަށް ލުޔެއް ނުމެލިބޭމެއެވެ.

މިކަންމިހެން އޮއްވައި ދިވެހި ރާއްޖެއަށް އުފަން އައު ދަންނަކަލޭފާނަކު ފައުޅުވެ އޭނާގެ އިލްމުވެރިކަމުން ކަން އޮތްގޮތް އެބަޔާންކޮށްދެއްވީއެވެ. މިކަމުގައި އޭނާ އިސްކުރީ އޭނާގެ ބުއްދިއާއި މިޒަމާނުގެ އިންސާނީ ހައްގުތަކެވެ. ފަހުޒަމާނުގައި އިލްމުވެރިންގެ މައްޗަށް އިލްމު ލިބިފައިނުވާމީހުން އިލްމުގެ ރޮގުގައި ބަސްބުނެ ކުރިހޯދައި ހަދާކަމަށް ބުނެވެމުންއައިސްފައި އޮވެއެވެ.

Advertisement

ކޮމެންޓް

Advertisement