ރާއްޖެ-އިންޑިއާ އެއަރ ބަބްލް: އިޤްތިޞާދީ ދުވެލި ބާރުކޮށްލަދިން!

23 Feb 2021 | 14:59

މިދިޔަ އަހަރުގެ ތެރޭގައި މުޅި ދުނިޔެއިން ކުރިމަތިލި އެންމެ ނުރައްކާތެރިކަމަކީ ކޮވިޑް-19ގެ އާލަމީ ވަބާއެވެ. އަތުން ގުނާލެވޭފަދަ މަދު ޤައުމުތަކެއް ފިޔަވައި، ދުނިޔޭގެ ގިނަ ޤައުމުތަކުން ދިޔައީ ކޮވިޑާއި ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މި ހަނގުރާމައިގައި ދިފާޢު ވަރުގަދަކުރަން، ޤައުމުތަކުން ނުރުހުމުގައިވެސް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. އެއީ އިޤްތިޞާދީގޮތުން ނުރަނގަޅު ފިޔަވަޅުތަކަކަށް ވީނަމަވެސްމެއެވެ. އެގޮތުން ބޯޑަރުތައް ބަންދުކުރުމަށް ޤައުމުތަކުން ނިންމުން ވެގެންދިޔައީ، މުޅި ދުނިޔޭގެ ދަތުރުފަތުރަށް ހުރަސްއެޅިގެންދިޔަ ކަމަށެވެ.

މި ފިޔަވަޅު އެޅި އެއް ޤައުމަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއެވެ. އިޤްތިޞާދީ ހަރަކާތްތެރިކަމުގެ ބޮޑުބައެއް ދަތުރުފަތުރާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރުން ވެގެންދިޔައީ އިޤްތިޞާދަށް ވަރުގަދަ ލޮޅުމެއް އައިކަމަކަށެވެ. އެކަން ކުރި އިރުގައިވެސް، ގިނަ އެއާލައިންތަކާއި ފަތުރުވެރިން ދަތުރުކުރުން ހުއްޓާލުމުން ރާއްޖެއަށް އަންނަ ފުލައިޓްތައް އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ.

ގިނަ މަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ޖުލައިމަހުގެ 15ވަނަ ދުވަހު ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް ބޯޑަރުތައް ހުޅުވާލީ އިޤްތިޞާދު އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި އިތުރު ބާރެއް ލިބުމުގެ އުންމީދުގައެވެ. ދިވެހިރާއްޖޭގެ މަޝްހޫރު "ވަން އައިލެންޑް- ވަން ރިސޯޓް" ޔޫއެސްޕީއާއި އެކު ރާއްޖެ މާކެޓް ކުރެވިގެންދިޔައީ ސޭފް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައެވެ. ދިވެހިރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ ސޭފް ޓްރެވަލްސް ސްޓޭމްޕްވެސް ލިބިފައެވެ.

ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަސްވަރު، ގިނައިން އަންނަމުންދިޔައީ ޔޫރަޕްގެ ޤަމުތަކާއި މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންނެވެ. މިޤައުމުތަކުގެ ފަތުރުވެރިންނަކީ އާންމުގޮތެއްގައި ދިވެހިރާއްޖޭގެ ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކެވެ. އަންނާނީ ޢާއިލާއެއް، ދެމަފިރިން ނުވަތަ ދެ ލޯބިވެރިންގެ ގޮތުގައެވެ. ބޯޑަރު ހުޅުވި ދުވަސްވަރުގައި މިޤައުމުތަކާއި ރަޝިޔާ ފަދަ މަންޒިލްތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަމުންދިޔަ ނަމަވެސް، ޔޫރަަޕްގައި ކޮވިޑްގެ ކޭސްތައް މަތިވާން ފެށުމާއި އެކު ދަތުރުކުރުން ކުޑަކޮށް މަޑުޖެހިގެންދިޔައެވެ. އެހެނަސް، މިވަގުތާއި ދިމާކޮށް އެހެން މާކެޓަކުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވާން ފެށިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރުގެ ދެމެދުގައި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިން އެއްބަސްވެވިގެން ދެޤައުމުގެ މެދުގައި ގާއިމުކުރެވުނު އެއަރ ބަބްލްގެ އެހީގައި އިންޑިއާގެ ގިނަބަޔަކު ދިޔައީ ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރަމުންނެވެ. ކައިރީގައި އޮންނަ، ފެންވަރު ރަނގަޅު، ދުބާއީ ފަދަ މަންޒިލްތަކާ އަޅާބަލާއިރު އަގުހެޔޮ، މީހުން މަދު އަދި ފަސޭހައިން ދަތުރުކުރެވޭ މަންޒިލެއްގައި ގޮތުގައި އިންޑިއާގައި ދިވެހިރާއްޖެ މަޝްހޫރުވާން ފެށިއެވެ. މިކަމަށް އެންމެބޮޑު އެހީއަކަށް ވެގެންދިޔައީ އިންޑިއާގެ ބޮލީވުޑްގެ ފަންނާނުންނާއި އަދި އިންފްލުއެންސަރުންވެސް ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަން ފެށުމެވެ. ތުންތުންމަތިން އިވޭގޮތުގައި، މީގެ ތެރެއިން ބައެއް ދަތުރުތަކަކީ ސީދާ ޕްރޮމޯޝަނަށް އަމާޒުކޮށްގެން އެކި ފަރާތްތަކުން ދީފައިވާ ދަތުރުތަކެކެވެ.

މިއަހަރުގެ ފެބްރުއަރީމަހުގެ 4ވަނަ ދުވަހުގައި މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު، ޖެނުއަރީމަހުގައި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 19،135 މީހަކު ދިވެހިރާއްޖެއަށް ވަނީ އައިސްފައެވެ. މިއީ އެއްވަނައިގައި އޮތް ރަޝިޔާއާ އަޅާބަލާއިރު އެންމެ 1838މީހުން މަދު އަދަދެކެވެ. މިފަހަކަށް އައިސް މާލެއާއި ރަށްރަށުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދެމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ސަބަބަކީ އެޤައުމުގެ ގިނަ ފަތުރުވެރިންނަކީ މިޑްލް ކްލާސް އަދި ބަޖެޓް ފަތުރުވެރިންކަމުގައި ވާތީވެއެވެ.

މި އެއަރ ބަބްލްގެ ސަބަބުން ފައިދާވަނީ ހަމައެކަނި އިންޑިއާގެ ފަރާތްތަކަށް ނޫނެވެ. ޒަމާނުއްސުރެ ދިވެހިން ބޭސްފަރުވާކުރަންދާ އެއް ޤައުމުކަމަށްވާ އިންޑިއާއަށް ދިވެހިންނަށް އަދިވެސް ދަތުރުކުރެވެއެވެ. ކޮވިޑްގެ ސަބަބުން އެކަމުގެ ބިއުރޯކްރަސީ އިތުރުވެފައި ވީނަމަވެސް، ބޭސްފަރުވާގެ ކަންކަމަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ މި އެއަރ ބަބްލް މެދުވެރިކޮށް ޓްރިވެންޑްރަމް ފަދަ ޝަހަރުތަކަށް ދަތުރުކޮށްފައެވެ. މީގެ ތެރޭގައި ކެންސަރ އަދި ކިޑްނީ ފެއިލްވުން ފަދަ ސީރިއަސް ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތައް ހިމެނެއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި 2020ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސިއްހީ ބޭނުންތަކަށް ދިވެހިން އިންޑިއާއަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލެވުނު އިރު، މިހާތަނަށް 4577 ފަރާތެއް ވަނީ އެގައުމަށް ދަތުރުކޮށްފައެވެ. މީގެ ތެރޭގައި ބަލި މީހުންނާއި އެފަރާތްތަކުގެ އެހީތެރިން ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ ބޯޑަރުތައް އަދިވެސް ގިނަ ގައުމުތަކަށް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން، މި އެއަރ ބަބްލްގެ ޒަރިއްޔާއިން، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޑިއާގެ ޝަހަރުތަކުން އަންނަ ފުލައިޓްތަކުން ބައެއް ވިޔަފާރިވެރިން ގިނަ އަދަދެއްގެ މުދާތައް ގެންނަކަންވެސް ފާހަގަކޮށްލެވެއެވެ. މިވަގުތު އިންޑިއާގެ 7 ޝަހަރަކާއި ދިވެހިރާއްޖެއާ ދެމެދު ހަފްތާއަކު 50 ފްލައިޓް އޮވެއެވެ. 

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދީ ހަރަކާތްތެރިކަން މަޑުޖެހި، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރަމުންދިޔަ ފަދައިން ދިވެހިރާއްޖެއަށްވެސް ކުރިއެވެ. އެހެން ނަމަވެސް، ގަދަ ހިތްވަރާއެކު ބޯޑަރުތައް ހުޅުވާލައި ދިވެހިރާއްޖޭގެ އިޤްތިޞާދީ އިންޖީނު އަލުން ހިންގައިގަތުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރެވެމުންނެވެ. އެކަމުގައި އެންމެ ގާތް އެއް މަދަދުވެރިއަކަށް މިއަދު ވެފައި މިވަނީ އަވައްޓެރި އިންޑިއާއެވެ. އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތުގެ އެންމެ ވަރުގަދަ އެއް ތަނބު އަދި ސިއްރަށް ވެފައިވަނީ ރާއްޖެ-އިންޑިއާ އެއަރ ބަބްލްއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

Advertisement

ކޮމެންޓް