އާ ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް އަންނާނީ ކޮންބޭފުޅެއް؟

03 Mar 2021 | 23:03

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި މުހައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.

މި ވޯޓްގައި މަލީޙުގެ އިތުބާރުނެތްކަމަށް 59 މެންބަރަކު ވޯޓްދެއްވިއެވެ. އެބޭފުޅާގެ މައްޗަށް އިތުބާރު އޮތްކަމަށް ވޯޓްދެއްވީ އެންމެ މެންބަރެކެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވިއެވެ.

14 މެންބަރުންގެ ސޮޔާއި އެކު މަލީޙާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ޓެލެކޮމިއުނިކޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭ އެއްވެސް ޤަވާޢިދެއް، މަޤާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށްބުނެއެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ އަގާއި ފެންވަރު ރަނގަޅުވެފައި ނުވާ މައްސަލައިގައި މަލީޙަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މަލީހް މަޤާމުން ދުރުކުރެވުމާއެކު، އެ މަޤާމަށް ދެން ޢައްޔަންކުރާނެ ފަރާތަކާއި މެދުގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. އެގޮތުން މަލީޙް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙްގެ ނަމާއި މެދު ޖުމްހޫރީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރެވެމުންދާކަމަށް ވަނީ އަޑުފެތުރިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަލީޙްގެ އިތުބާރުނެތްކަމުގެ މައްސަލަ އިއްޔެއާއި މިއަދު މިހާ ހޫނުވެގެންދިޔައިރުވެސް، އެ މައްސަލައިގައި ޢަލީ ޞާލިޙް މީޑިޔާގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ފަހަރެއްގައި މަޤާމަށް ފައި ނަންގަވައިގެން ހުންނެވީކަމަށް ވެދާނެއެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ތެރެއިން އެ މަޤާމަށް ހުށަހެޅުމަށް މަޝްވަރާކުރެވެމުންދާ އަނެއް ނަމަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދުކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިފަހަކަށް އައިސް ސިޔާސީ މަސައްކަތްތަކުގައި ތަންކޮޅެއް ދުރުގައި ހުންނެވި އިލްހާމް އަލުން ސިޔާސީ މައިދާނަށް ވަޑައިގަންނަވާފާނެކަމުގެ އިޝާރާތެއް އަދި ކުރައްވާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ އަދިވެސް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވީ މުޙައްމަދު މަލީޙް ޖަމާލުކަމަށް ބުނަމުންނެވެ. ސަބަބަކީ މަލީޙްގެ މަޤާމް ގެއްލުނުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަަޅާފައި ނުވުމެވެ. 2017ވަނަ އަހަރުގައި ސުޕްރީމް ކޯޓުން ކުރި އަމުރެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ޞައްޙަކަން ބިނާވެގެން ދާނީ އެ ނިންމުމަކާ މެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ފަހުގައި ކަމަށެވެ.

މިވަގުތު އެ މިނިސްޓްރީ ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާޢީލަށެވެ. ނަމަވެސް އެމަޤާމަށް ޖޭޕީން ހުށަހަޅާ ނަންތަކާއި ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ނަންތައް ދިރާސާކުރުމަށްފަހު، ވަރަށް އަވަހަށް އާ މިނިސްޓަރެއް ޢައްޔަންކުރެވިގެންދާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް