Advertisement

ޢާޒިމްގެ އުފަންދުވަސް ފާހަގަކުރަންވީމަ އެޗްޕީއޭގެ މިންގަނޑު މުހިންމެއް ނޫން؟

03 Mar 2021 | 18:27

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްގެ އުފަންދުވަސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިވަނީ ފާހަގަކުރައްވައިފައެވެ.

މައްސަލައަކީ ޢާޒިމްގެ އުފަންދުވަސް ފާހަގަކުރުމެއް ނޫނެވެ. ނަމަވެސް، ޕެންޑެމިކްގެ މިހާލަތުގައި، ނުރައްކާތެރި ފައްތަރެއްގައި ޤައުމު އޮތްއިރު، އެކަމަށް ސަމާލުކަން ދެއްވުމެއް ނެތި، މަޖިލީހުގެ ރައީސް އިސްވެ ހުންނަވައި، އެއްވެސް ގައިދުރުކަމެއް ނެތި އުފަންދުވަސް ފާހަގަކުރެއްވުމުންނެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ވަކި މީހަކު ބޯލެނބުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫނެވެ. ބޮޑު މީހާވެސް، އަދި އެންމެ އާދައިގެ މީހާވެސް އެ ގައިޑްލައިންތަކަށް ތަބާވާން ޖެހެއެވެ.

މަޖިލީހުގެ ޢިއްޒަތްތެރީން އެޗްޕީއޭގެ އުސޫލުތަކަށް ބެއްލެވުމެއްނެތި އާޒިމްގެ އުފަންދުވަސް ފާހަގަކުރެއްވިއިރު، މިސްކިތްތައް ބަންދު ކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަންވެސް ފަށައިފިއެވެ. ސްކޫލްތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދަނީ މިދެންނެވި ސަބަބުތަކާ ގުޅިގެންނެވެ. މުޞީބާތުގެ ވަގުތުތަކުގައި މުސްލިމު އަޅުތަކުން ދުޢާ ކުރަން ވަންނަން އޮތްތަން ބަންދު ކުރަން ޖެހިފައިވާ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ދެކޭނަމަ، އެހެން ހަރަކާތްތައްވެސް ކުރިއަށް ގެންދެވިގެން ނުވާނެއެވެ.

މެމްބަރު ޢާޒިމްގެ އުފަންދުވަސް ފާހަގަކުރުމުން އެންމެ ގިނަ ފާޑުކިޔުންތައް ރައްދު ކުރި ބަަޔަކަށްވީ ދީނީ ޢިލްމުވެރީންނެވެ. އެގޮތުން ޝައިޚު ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލިސް ތެރޭގައި ޕާޓީބާއްވައި އެއްވެސް ގައިދުރުކަމެއް ނެތި އެކި އިވެންޓްތައް ބާއްވަން މިއަދު ހުއްދަކަމަށެވެ. ނަމަވެސް މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން އެކީގައި ނަމާދުކުރުން އެއީ ރަނގަޅު ކަމަކަށް ނުވާކަމަށެވެ. މިދެއްކެނީ ވަރަށް ނުރަނގަޅު ކަންތައްތަކެއްކަމަށް ޝައިޚު ފާރިޝް ވިދާޅުވިއެވެ.

ޝައިޚު ޢަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާ ޤަވާޢިދަކީ މިއަދު ވަކިބަޔަކަށް ބޯލަނބަންޖެހޭ އެއްޗަކަށް ވެފައިވާކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން އެޗްޕީއަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް