ރައީސް ޞާލިހުގެ ނާގާބިލުކަން ފަޅާއަރައިފި: ޑރ.ޖަމީލު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ފިނޑި އަދި ނާޤާބިލު ބޭފުޅެއްކަން މިހާރު ފަޅާއަރައި ހާމަވެފައިވާ ކަމަށް ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު ކުރައްވާފައިވާ ޓްވީޓެއްހައި މިހެން ވިދާޅުވީ، ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު މަލީޙު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެންބަރުން ނިންމެވުމާ ގުޅިގެންނެވެ.
ޑރ.ޖަމީލު ކުރެއްވި ޓުވީޓުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސްއަަށްވެސް ފާޑުވިދާޅުވިއެވެ. އެގޮތުން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދަކީ ބަދަލު ހިފުމާއި ޒާތީވުމަށް ފެންބޮވައިގެންފައިވާ ބޭފުޅެއް ކަމަށާއި، އެއީ އެފަދަ ދެވަނައެއް ނެތް ހުދުމުޚުތާރު ބޭފުޅެއް ކަމަށެވެ.
މަލީހު ވަޒީރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، އޭނާ ވަކިކުރަން ފެންނަ ކަމަށް 59 މެމްބަރަކު ވޯޓުދެއްވިއެވެ. މަލީހު ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ ދައްކާފައިވަނީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއް ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists