މިދައުރު ނިމެންދެން ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުން ކިހިނެއްތޯ؟: އަބްދުއްރަޙީމް

05 Mar 2021 | 18:59

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދައުރު ހަމަވަންދެން ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމަކީ އެމަނިކުފާނު ވިސްނާވަޑައިގަތުން ރަނގަޅު ކަމެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރުމަށް މަސައްކަތް ކުރި މުޒާހަރާ ހުއްޓުވުމަށް ސަރުކާރުން ފުލުހުން މަގުތަކަށް ނެރެ ހިންގަމުންދާ ކަންކަމާއި ގުޅިގެން ޢަބްދުއްރަޙީމް ވިދާޅުވީ ވެރިކަން ދިފާޢުކޮށް ވެރިކަމުގައި ދެމި ހުންނެވުމަށް ރައީސް ޞާލިޙު މިހާރު ގެންގުޅުއްވާ ސިޔާސަތަކީ ރާއްޖެ ޞިއްޚީ ކުއްލި ހާލަތުގައި ބޭއްވުންކަމަށެވެ.

އެގޮތުން މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސުލްޙަވެރި އިހުތިޖާޖު ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސްހުންނަ ސަރަޙައްދަށް ވަދެވޭ ގޮތަށް ހުރި ހުރިހާ މަގެއް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

ޢަބްދުއްރަޙީމް މިއަދު ކުރެއްވި ޓުވީޓެއްގައި ސުވާލު އުފައްދާފައިވަނީ، ދައުރުގެ ބާކީ އޮތް ދުވަސްތަކަށް އެއްކޮށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމާ މެދު ރައީސް ޞާލިޙު ވިސްނާވަޑައިގަތުން ކިހިނެއް ވާނެތޯ ސުވާލު އުފައްދާފައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ، އެއީ މުހިންމު ކަމެއްކަމަށާއި އެ މުއްދަތުގައި ދިވެހި ރައްޔިތުންނަށް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ހުއްދައާ އެކުގައި ކަމަށް ހެދުމަށް ވިސްނުންވެސް ރަނގަޅު ކަމަށެވެ.

"ރައީސް ޞާލިޙް ކިހިނެއްތޯ ވާނީ މަނިކުފާނުގެ ރިޔާސީ ދައުރުގެ ބާކީ އޮތް ބަޔަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުން. އަދި އެމުއްދަތުގެ ތެރޭގައި އެމްސީ ޙަމީދުގެ ބެލުމުގެ ދަށުން ނޫނީ ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުތުން މަނާކުރުން. ވިސްނާލުން ރަނގަޅު ކަމެއް ނޫންތޯ؟" އަދުރޭގެ ޓްވީޓްގައި ސުވާލު އުފައްދާފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގެ މަގުތަކުގައި އިހުތިޖާޖު ކުރަމުންދާއިރު، އެޗްޕީއޭއިން ވަނީ ދާދިފަހުން މާލޭގެ މަގުތަކަށް 5 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެކަން އަންގާފައެވެ.

Advertisement

ކޮމެންޓް