07 Mar 2021 | 05:32
ޤުރްއާނުގެ ތެދުކަން؛ އެންމެ މެސެޖަކުން

ކީރިތި ޤުރްއާނަކީ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ سُبْحَانَه وَتَعَالَى ގެ ޙަޟްރަތުން ބާވާލެއްވުނު ފޮތެއްކަމުގެ އެއްދަލީލަކީ މުސްތަޤްބަލުގައި ހިނގާނެކަމަށް ބަޔާންކޮށްދެއްވާފައިވާ ޙާދިސާތަކެވެ. އެ ޙާދިސާތައް އެ ބަޔާންކުރައްވާފައިވާ ގޮތަށް ހިނގުމަކީ ޢަޖައިބުކުރުވަނިވި ކަމެވެ. މިފަދަ ޙާދިސާތަކުގެ ތެރެއިން އެއް ޙާދިސާއަކީ سُورَةُ الرُّوم ގެ ކުރީކޮޅުގައި ބަޔާންވެގެންވާ ޙާދިސާއެވެ.

މި ޙާދިސާއާމެދު ފުންކޮށް ވިސްނަވާލައްވާށެވެ! سُورَةُ الرُّوم އަކީ މައްކީ ސޫރަތެކެވެ. ކީރިތި ޤުރްއާން ބާވާލެއްވެމުން ދިޔަ ޒަމާނުގައި ދުނިޔޭގައި އެންމެ ބާރުގަދަ ބަޔަކީ ރޫމީންނާއި ފާރިސީންނެވެ. މީލާދީން 226 ވަނަ އަހަރުން ފެށިގެން މި ދެ ދައުލަތުގެ ދެމެދުގައި ވަނީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމުގެ ހަނގުރާމަތައް ފެށިފައެވެ. މިގޮތުން ހިނގާފައިވާ އެންމެ ފަހު ހަނގުރާމައަކީ މީލާދީގޮތުން 603 އިން 628 އަށް ހިނގާފައިވާ ހަނގުރާމަތަކެވެ. މިއީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން ފެށިގެންގޮސް ސުލްޙަލްހުދައިބިއްޔާއާ ހަމައަށް ދެމިގެންގޮސްފައިވާ ހަނގުރާމަތަކެކެވެ. މި ދެ ދައުލަތުގެ ޢަޤީދާއަށް ބަލާއިރު ރޫމީންނަކީ ނަޞާރާއިންގެ ބައެކެވެ. ފާރިސީންނަކީ އަލިފާނަށާއި އިރަށް އަޅުކަންކުރާ މަޖޫސީންގެ ބައެކެވެ.

ފާރިސީން ރޫމީންގެ މައްޗަށް ކުރި ހޯދަމުން އައިސް މީލާދީގޮތުން 614 ވަނަ އަހަރު ރޫމީންގެ އަތުން ބައިތުލްމަޤްދިސް ބީވެ، ނަޞާރާއިންގެ 57 ހާހާއި 90 ހާހާ ދެމެދުގެ ޢަދަދަކަށް މީހުން ޤަތުލުވެގެން ދިޔައެވެ. އަދި 35 ހާހެއްހާ ނަޞާރާއިން ފާރިސީންގެ އަސީރުންގެ ގޮތުގައި ވެގެންދިޔައެވެ. ނިކަމެތިވެގެންވާ ބަލިވުމަކުން ރޫމީން ބަލިވިއެވެ. އެއީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވުނުތާ 3 ވަރަކަށް އަހަރެވެ.

ރޫމީންނާއި ފާރިސީންގެ މެދުގައި ހިނގަމުންދިޔަ ކުރިމަތިލުމުގެ ކަންކަން މައްކާގެ މުޝްރިކުން ދިޔައީ ކައިރިން ބަލަމުންނެވެ. މައްކާގެ މުޝްރިކުން އެދެމުން ދިޔައީ ފާރިސީންނަށް ކާމިޔާބުވުމަށެވެ. ފާރިސީންނަށް ކާމިޔާބުލިބުމުން، މުސްލިމުންނަށް ބިރުދައްކައި، މަލާމާތުގެ ގޮތުގައި ބުނަމުން ދިޔައެވެ. "ތިޔަބައިމީހުންނާއި ނަޞާރާއިންނަކީ ފޮތުގެ އަހުލުވެރިންނެވެ. އަދި އަހަރެމެންނާއި ފާރިސީންނަކީ ފޮތަކަށް އީމާންވާ ބައެއް ނޫނީމުއެވެ. އަހަރެމެންގެ އަޚުންކަމުގައިވާ ފާރިސީން އެވަނީ ރޫމީންގެ މައްޗަށް ކުރި ހޯދާފައެވެ. ތިޔަބައިމީހުން ތިޔަ ދަޢުވާކުރަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ބާވާލެއްވޭ ފޮތުގެ ސަބަބުން ތިޔަބައިމީހުންނަށް ކާމިޔާބު ލިބޭނެކަމަށެވެ. ތިޔަބައިމީހުން އަހަރެމެންނާ ދެކޮޅަށް ނުކުމެއްޖެނަމަ، ފާރިސީން ރޫމީންނަށް ކަންތައްކޮށްލިގޮތަށް ކަންތައް ކޮށްލާހުށީމެވެ."

ރޫމީން ބަލިވެ، ފާރިސީންނަށް ކާމިޔާބު ލިބި، މުޝްރިކުން އެކަމާމެދު އުފާކުރާކަމުގެ ޚަބަރު ދެއްވުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް އަބޫބަކުރު رَضِيَ اللهُ عَنْهُ ވަދެވަޑައިގެންނެވިއެވެ. އެހިނދު މާތް ﷲގެ ވަޙީ ބަސްފުޅު ބާވާލެއްވިއެވެ. ((الم ﴿١﴾ غُلِبَتِ الرُّومُ ﴿٢﴾ فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ ﴿٣﴾ فِي بِضْعِ سِنِينَ ۗ لِلَّـهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ ﴿٤﴾ بِنَصْرِ اللَّـهِ ۚ يَنصُرُ مَن يَشَاءُ ۖ وَهُوَ الْعَزِيزُ الرَّحِيمُ ﴿٥﴾)) (الروم: 1-5) މާނައީ: " الم. (ޢަރަބިންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖެއެވެ. އަދި އެބައިމީހުން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ. (އެއީ) ﷲ ގެ ނަޞްރުންނެވެ. އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ނަޞްރު ދެއްވަތެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

މިއީ ޢަޖާއިބުކުރުވަނިވި ވާހަކަތަކެކެވެ! ބޮޑުވެގެންވާ ބަލިވުމަކުން ބަލިވެފައިވާ ރޫމީން އަލުން ފާރިސީންގެ މައްޗަށް ގަދަވާނެ ހެއްޔެވެ؟ މަދު އަހަރުކޮޅެއްގެ ތެރޭގައި ހެއްޔެވެ؟ މިއީ އޭރު މީހަކަށް ތަޞައްވުރުވެސް ނުކުރެވޭނެ ވާހަކަތަކެކެވެ.

މި ޚަބަރުގެ ތެދުކަމާމެދު ވިސްނާލައްވާށެވެ! މާތް ﷲ އެވަނީ ކުރިއާލައި ރޫމީން އަލުން ގަދަވާނެކަމުގެ ޚަބަރުދެއްވާފައެވެ. ކަންތައްވެގެން ދިޔައީވެސް ހަމައެފަދައިންނެވެ. އަދި އެކަލާނގެ ވަޙީކުރައްވާފައި އެވަނީ ((فِي بِضْعِ سِنِينَ)) މަދު އަހަރުކޮޅެއްގެ ތެރޭގައިކަމެވެ. ޢަރަބިބަހުގައި "بِضْع" ބޭނުންކުރަނީ ދިހައަކަށްވުރެ މަދު ޢަދަދު ބަޔާންކުރުމަށެވެ. އެހެންކަމުން، ރޫމީން އަލުން ގަދަވެ ފާރިސީންގެ މައްޗަށް ދިހަވަރަކަށް އަހަރުގެ ތެރޭގައި ކާމިޔާބު ހޯދާނެކަމަށް ޤުރްއާނުގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ. سُبْحَانَ الله!

ކަން ހިނގައިގެން ދިޔައީވެސް، އެކަލާނގެ ޚަބަރުދެއްވާފައިވާ ގޮތަށެވެ. ރޫމީންގެ ވަސްވެސް ފިލައިގެންދާފަދަ ދަރަޖައެއްގައި އޮތުމަށްފަހު، މީލާދީން 620 ވަނަ އަހަރު ރޫމީން މަޑުމަޑުން ގަދަވާން ފެށިއެވެ. އެއީ ޙައްޖު މޫސުމުގައި އޭރުގެ ޔަޘްރިބުން (އެބަހީ؛ މަދީނާއިން) އައި ފުރަތަމަ ޢަޤަބާގެ ބައިޢަތު ހިފުނު އަހަރެވެ. މީލާދީން 622 ވަނަ އަހަރު ރޫމީން ހިންދެމިލަންފެށިއެވެ. އެ އަހަރަކީ ދެވަނަ ޢަޤަބާގެ ބައިޢަތުހިފުނު އަހަރެވެ. އަދި އެ އަހަރުގެ ތެރޭގައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވިއެވެ. އަދި ރޫމީންގެ އަތުން ބައިތުލްމަޤްދިސް ގެއްލުނުތާ 9 ވަނައަށް ވީ އަހަރު ފާރިސީންގެ އަތުން ރޫމީން އެރަށް ފަތަޙަކުރިއެވެ. އެއީ މީލާދީގޮތުން 623 ވަނަ އަހަރެވެ.

ފާރިސީންގެ މައްޗަށް ރޫމީން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މީލާދީގޮތުން 624 ވަނަ އަހަރުއެވެ. އެ އަހަރަކީ މުސްލިމުންނަށް ބަދުރުގެ މައިދާނުން ބޮޑު ކާމިޔާބީއެއް ލިބި އުފާވެރިކަން ލިބުނު އަހަރުވެސްމެއެވެ. اللهُ أَكْبَرُ! މާތް ﷲގެ ވަޙީބަސްފުޅުގެ ތެދުކަމާއެވެ. ފާރިސީންގެ މައްޗަށް ރޫމީން ކާމިޔާބުހޯދާ ދުވަހަކީ މުއުމިނުންވެސް އުފާކުރާނެ ދުވަހެއްކަމުގެ ޚަބަރު މާތް ﷲ އެވަނީ ކުރިއާލައި ދެއްވާފައެވެ. މީލާދީގޮތުން 628 ވަނަ އަހަރު ރޫމީންނާއި ފާރިސީންނާދެމެދުގައި އެއްބަސްވުމެއް އެކުލަވާލެވުނެވެ. އެ އަހަރަކީ މުސްލިމުންނާއި މުޝްރިކުންނާދެމެދު ޞުލްޙަލްޙުދައިބިއްޔާ ގެ އެއްބަސްވުން އެއްބަސްވެވުނު އަހަރެވެ.

މާތް ﷲ މި އާޔަތްތަކުގައި ބަޔާންކޮށްދެއްވާފައިވާ އަނެއް ޢަޖާއިބަކީ "فِي أَدْنَى الْأَرْضِ" މި ޢިބާރާތުގައިވާ ޢަޖާއިބުކަމެވެ. ފާރިސީންގެ އަތުން ރޫމީން ބަލިވެފައިވާ ބިމަކީ ޢަރަބިންނާ އެންމެ ކައިރިގައިވާ ބިން ކަމުގައެވެ. އެއީ ޝާމްކަރާގައި އުރުދުންނާއި ފަލަސްޠީނާދެމެދުގައިވާ ބިމެކެވެ. ޢަރަބިބަހުގައި "فِي أَدْنَى الْأَرْضِ" ގެ އަނެއް މާނައަކީ އެންމެ ތިރީގައިވާ ބިމުގައެވެ. ފާރިސީންގެ އަތުން ރޫމީން ބަލިވި ބިމަކީ އެންމެ ތިރީގައިވާ ހިކިފަސްބިމެވެ. އެ ބިމަކީ ކަނޑުގެލޮނުގަނޑަށްވުރެ 395 މީޓަރު ތިރި ބިމެކެވެ. سُبْحَانَ الله!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރޫމީން ބަލިވުމަށްފަހު މަދު އަހަރުތަކެއްގެ ތެރޭގައި އެބައިމީހުން ގަދަވާނެކަމާއި، އެބައިމީހުން ބަލިވި ބިމަކީ މި ބިންމަތީގައިވާ އެންމެ ތިރީގައިވާ ހިކިފަސްބިންކަން އެޒަމާނުގައި އެނގުނީ ފަހެ ކިހިނަކުން ހެއްޔެވެ؟ މި ޚަބަރުތަކުން އެނގި ސާފުވެގެން ދަނީ ކީރިތި ޤުރްއާނަކީ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ޙަޟްރަތުން ބާވާލެއްވުނު ފޮތެއްކަމެވެ. އެ ފޮތަކީ އެއްވެސްކަހަލަ ދެކޮޅުނުޖެހޭ، ދޮގުވާހަކަތަކެއް ހުރި ފޮތެއް ނޫންކަމެވެ. އެފޮތުގައިވާ ޚަބަރުތަކަކީ ތެދު ޚަބަރުތަކެއް ކަމެވެ. އެ ފޮތުގައިވާ ޙުކުމްތަކަކީ އަނިޔާވެރިކަމެއް، އުނިކަމެއް، ބޭއިންސާފެއް ނެތް ޢަދުލުވެރި، ފުރިހަމަ ޙުކުމްތަކެއްކަމެވެ. މީސްތަކުންނަށް ފަލާޙާއި ކާމިޔާބު ލިބޭހުށީ އެފޮތާ އެއްގޮތަށް ކަންތައް ކޮށްގެންކަމެވެ.

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ހިތްތަކުގެ ބަހާރުކަމުގައި ޤުރްއާން ލައްވާނދޭވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.