އިންޑިއާ އަދި ޕާކިސްތާނުން މަޑުމަޑުން ސުލްހަވަމުން ދިއުމުގެ ފަހަތުގައި އޮތީ ޔޫއޭއީކަމަށް ރިޕޯޓްކޮށްފި

22 Mar 2021 | 14:21

ޒަމާނުއްސުރެ ވަރުގަދަ ދެ ހަތުރުންގެ ގޮތުގައި އޮތް ޕާކިސްތާނު އަދި އިންޑިއާގެ ދެމެދުގައި ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑުވެފައިވާ ނުތަނަވަސްކަން މަޑުމަޑުން ދަށްވެ، ސުލްހައާ ދިމާލަށް ދަތުރުކުރާކަމަށް ގިނަބަޔަކު ވަނީ ގަބޫލުކުރަން ފަށާފައެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ވަނީ ގިނަ ދުވަސަތަކެއް ވަންދެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ކުރި މަސައްކަތްކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އެގޮތުން 2003ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަލުން އަމަލުކުރަން ފެށުމަށް ދެގައުމުގެ އަސްކަރީ އިސްވެރިން ވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި އިއުލާންކޮށްފައެވެ.

އިތުބާރުހުރި މަސްދަރަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ނިންމުންވެސް އައިސްފައިވަނީ ޔޫއޭއީއިން މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ، ގިނަ މަސްތަކެއް ވާންދެން ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ. އެގޮތުން މި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި ދެމެހެއްޓެނވި ސުލްހަ ގާއިމްކުރުމުގެ ބޮޑު މަގުޗާޓެއްގެ ފެށުމުގެ ގޮތުގައި މަސްދަރުން ވަނީ ސިފަކޮށްފައެވެ.

މި މަގުޗާޓުގެ ދަށުން ދެން އޮތްކަމަކީ ދެގައުމުގެ ސަފީރުން އަލުން، ގައުމުތަކުގައި ބޭތިއްބުންކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. 2019ވަނަ އަހަރުގައި ދެގައުމުގެ ގުޅުން ވަރަށް ބޮޑަަށް ހީނަރުވެގެންދިޔަ ފަހުން، ޕާކިސްތާނާއި އިންޑިއާގެ ޚާރިޖީ ގުޅުންތައް ވަނީ ގޯސްވެފައެވެ. މި މަގުޗާޓުގައި ދެން އޮތީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ފެށުމާއި މެދު ވާހަކަ ދެއްކުމާއި، ކަޝްމީރުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތްކުރުމެވެ. ޖައްމޫ ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައަކީ ޕާކިސްތާނާއި އިންޑިއާއާއި ދެެމެދުގައި އެންމެ ބޮޑަށް ނުތަނަވަސްވެރިކަމެއް އުފެދިފައިވާ ސަބަބެވެ.

އެހެނަސް މި މަޝްވަރާތަކުން، ޕަންޖާބު ބޯޑަރ މެދުވެރިކޮށް ދެގައުމުގެ ދެމެދުގައި ވިޔަފާރި ފެށުމާއި ސަފީރުން އަލުން ބެހެއްޓުން ފިޔަވައި މާބޮޑު ކަމެއް ނުވާނެކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ. ޔޫއޭއީއަކީ އިންޑިއާ އަދި ޕާކިސްތާނާއި އެކުގައިވެސް ގާތް ގުޅުންތަކެއް ބާއްވަމުންދާ ގައުމެކެވެ.

Advertisement

ކޮމެންޓް

Advertisement