މިފަހަރުގެ ޢީދު، ކުލަތަކުގެ ވާދައިގައި ވާޗުއަލް ކަލަަރ ރަންއާ އެކު!

30 Mar 2021 | 18:01

ކޮންމެ އަހަރެއްގެވެސް ފިޠުރު ޢީދަކީ ދިވެހިން އުފަލާއި ހިތްހަމަޖެހުމާއެކު ހޭދަކުރާ ދުވަހެވެ. ބަރަކާތްތެރިވެގެންވާ ރަމަޟާން މަސް ނިންމާލައި، ޝައްވާލް މަހަށް މަރުޙަބާ ކިޔަނީ ހިނިތުންވުމާ އެކުގައެވެ. ފިޠުރު ޢީދު ދުވަހަކީ ޒަމާނުއްސުރެ، ދިވެހި މުޖުތަމަޢުގެ އެކުވެރިކަމާ އެއްބައިވަންތަކަން ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ.

މިފަހަކަށް އައިސް އެ ދުވަހުގައި ދިވެހިން އެންމެ ބޮޑަށް ކުރާ އެއްކަމަކީ ކުލަ ޖެހުމެވެ. ކުލަޖެހުމުގެ ފޯރި ޒަމާނީވެގެންގޮސް މިއަދު އެކަން ކުރަމުންދަނީ ވަރަށްވެސް ތަފާަތު ގޮތްގޮތަށެވެ.

މިއަހަރުގެ ފިޠުރު ޢީދުވެސް ދިވެހިންނާ ބައްދަލުކުރާނީ އުފަލާއެކު ނަމަވެސް ހިތާމަ ހިމެނިގެންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަބަޔަކު އެއްތަނަކަށް އެއްވެގެން މަޖާކުރުމުގެ ފުރުޞަތުވަނީ ހަނިވެފައެވެ. އެހެނަސް، މިއީ މަޖާކުރުން އެއްކޮށް މަނާވެގެންދާނެފަދަ ކަމެއް ނޫނެވެ.

ކުލަޖެހުމަކީ ޢީދުގެ މުހިންމު ބަޔަކަށް ވީއިރު، މި އަހަރުގެ ޢީދުވެސް ކުލަތަކުގެ ސަކަރާތާއި މަޖަލުގައި ހޭދަކޮށްލުމުގެ ފުރުޞަތު މިވަނީ މަގުފަހިވެގެންގޮސްފައެވެ. ދިވެހިރާއްޖޭގައި ގިނަ އިވެންޓްތަކެއް ހިންގާ އިންތިޒާމްކޮށްފައިވާ ޔުނިކްސް ސްޕޯޓިންގގެ ފަރާތުން ވަނީ “ވާޗުއަލް ކަލަރ ރަން”ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމާަފައެވެ.

ޔުނިކްސް ސްޕޯޓިންގއިން މަޢުލޫމާތުދޭ ގޮތުގައި މި ހަރަކާތް ފިޠުރު ޢީދު ދުވަހުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދެވޭނެއެވެ. ކުދިބޮޑު ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެފަދަ ގޮތަކަށް ކުރިއަށްގެންދާ މި ވާޗުއަލް ކަލަރ ރަންގައި ދިވެހިރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ފުރަތަމަ ހަރަކާތްކަން ފާހަގަކޮށްލެވެއެވެ.

މި ވާޗުއަލް ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހަމަވާނެއެވެ. މި ވާޗުއަލް ދުވުމުގެ އެންމެ ތަފާތު ކަމަކީ މިއީ އެކި ކުލަތަކުގެ މެދުގައި ވާދައަށް ބޭއްވޭ ދުވުމަކަށްވުމެވެ. އެގޮތުން ދުވުންތެރިން ބޭނުންވާ ކުލައެއް ނެގުމަށްފަހު، ކަނޑައެޅޭ ޗެލެންޖްތައް ފުރިހަމަކޮށްގެން ޓީމަށް މޮޅެއް ހޯދައިދެވޭނެއެވެ.

ޢީދު ދުވަހުގައި، ގައިދުރުކަމުގައި ކުލައިގެ މަޖަލުގައި ބައިވެރިވެ ފޯރިނަގަން އެންމެންވެސް ބޭނުންވާނެއެވެ. އެފަރާތްތަކަށް ވާޗުއަލް ކަލަރ ރަން ހަމަ އެއްވަނައެވެ!

Advertisement

ކޮމެންޓް

Advertisement