ހިޔާ ފުލެޓުތަކަށް ވަދެވޭނެ ތާރީޚެއް މި ހަފުތާ ނިމުމުގެ ކުރިން އިޢުލާނު ކުރާނަނެ: ހައުސިންގ މިނިސްޓްރީ

30 Mar 2021 | 22:57

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފުލެޓުތަކަށް ވަދެވޭނެ ތާރީޚެއް މި ހަފުތާ ނިމުމުގެ ކުރިން އިޢުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

"ވޮއިސް"އަށް މައުލޫމާތު ދެއްވަމުން، ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، މި ހަފުތާ ނިމުމުގެ ކުރިން ހިޔާ ފުލެޓުތަކުގެ ތަޅުދަނޑި، އޭގެ ޙައްޤުވެރީންނަށް ދޫކުރާނެ ތާރީޚެއް ހާމަ ކުރާނެ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ، މިދިޔަ ފެބްރުއަރީމަހުގެ ނުވަ ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް މީގެ ކުރީން ވިދާޅުވެފައިވަނީ، މިދިޔަ މާރިޗު މަހުގައި ފުލެޓުތަކަށް ވަދެވޭނެ ކަަމަށެވެ.

ހިޔާ ފުލެޓުތައް ލިބޭ މީހުން ކަނޑައެޅުމުގައި، މަސައްކަތް ކުރެވިފައިވަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ ސަރުކާރަށް ލަފާ ދީފައެވެ.

މިފަދަ ލަފައެއް ކޮމިޓީން ދީފައިވާއިރު، ކުރީ ސަރުކާރުން ފުލެޓު ދިން، ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ބައެއްގެ ފުލެޓު މި ސަރުކާރުން އަތުލާފައިވާ ކަމަށް ބުނެ، ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރިއެެވެ.  

Advertisement

ކޮމެންޓް