މޭޔަރަކަށް މުއިއްޒުހޮވަން އެމްޑީޕީގެ ސަޕޯޓަރުން ބޭނުންވަނީ ކީއްވެ؟

06 Apr 2021 | 16:41

ކުރިއަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އެންމެ ބޮޑު ވާދަވެރި ހަގުރާމައަކަށް ވެފައިވަނީ އެއްވެސް ޝައްކެތްނެތްގޮތުގައި ފުރަމާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ކުރާ ހަނގުރާމައެވެ. މާލެއަކީ އެމްޑީޕީގެ ހިތެވެ. އެޕާޓީން އިންތިޚާބުތަކަށް ނުކުންނަން ފެށީއްސުރެ މާލޭގެ ރައްޔިތުން އެޕާޓީއަށް ފުރިހަ ބާރުދޭ ހަމައެކަނި ބިމެވެ. އެހެނަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މިހާތަނަށް އައިސްފައިވާއިރު އެމްޑީޕީގެ ލީޑަރުންގެ ހާސްކަމާއި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ދޭހަވާފަދަ ކަންކަން ދަނީ ހިނގަމުންނެވެ. އެޕާޓީން މޭޔަރުކަމަށް ވާދަކުރައްވާ އަންޕޮޕިއުލާ އަދި ތަޖުރިބާ މަދު ޒުވާން އަނަސް ޢަބްދުއްސައްތާރު ކެމްޕެއިން ކުރައްވަން މާލޭގެ ގޭގެއަށް ޒިޔާރަތްކުރެއްވުމުން ޕާޓީގެ މެންބަރުންގެ ފަރާތުން ކުރިމަތިކުރާ ޒުވާބުތަކާއި ވޯޓް ނުދޭނެކަމަށް ބުނާބުނުންތަކާއި ޕީޕީއެމްގެ ކެނޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒުގެ ކެމްޕެއިނަށް އެމްޑީޕީއަށް ތާއީދުކުރަމުންދިޔަ އެތައް ބަޔަކު ނުކުންނަމުންދާތީ މިއިންތިޚާބުގެ ނަތީޖާ ނުކުންނާނެ ގޮތެއް ފަސޭހައިން ލަފާކުރާކަށް އެމްޑީޕީއަކަށްވެސް ނޭނގެއެވެ.. ކޮވިޑް ޕްރޮޓެކްޝަން މާސްކަކީ އަނަސްއަށް ލިބުނު އެންމެ ހެޔޮ ނަސީބެވެ. އެހެންނޫންނަމަ ރުޅިގަދަވެފައިވާ އެމްޑީޕީގެ ސަޕޯޓަރުންނަށް މޫނުދައްކާނެ ހިއްވަރެއް ނުލިބުނީހެވެ.

މާލެގައި މޭޔަރުކަމުގެ ގޮނޑިއަށް ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނެފާނެކަމުގެ ބިރު އެޕާޓީގެ ވެރިންނަށް ބޮޑުވެފައިވާވަރުން މުޢިއްޒު ބަލިކަށިކޮށްލެވޭނެ ހުރިހާގޮތަކުން މަސައްކަތްކުރެވެމުންދެއެވެ. އެއްގޮތަކީ ފުރައްސާރަކޮށް އަގުވައްޓައިލުމެވެ. އެކަމަށްޓަކައި ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނަވައި ވަނަމަކަށް " ހޮޅިމުއިއްޒު" އޭ ކިއުއްވަންފެއްޓެވިއެވެ. މިއީ ބްލީކުރުން ނުވަތަ ފުރައްސާރަކުރުމުގެ ދަށު ދަރަޖައިގެ ޢަމަލަކަށްވިޔަސް މަޖިލީސްގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އެވަނަން ތަކުރާރުކޮށް، މިހާރު އެޕާޓީގެ އެކްޓިވިސްޓުންވެސް އެވަނަން ކިޔަތެވެ. ދެން އޮތްގޮތަކީ އެޕާޓީގެ މެންބަރުންގެ ލޭ އެންމެ ބޮޑަށް މިހާރު ކައްކުވައިލާ ވައްކަމުގެ އިލްޒާމު އެޅުވުމެވެ. އިންތިޚާބު ނިމެންދެން މުޢިއްޒުގެ ބޮލުގައި ވައްކަމުގެ އިލްޒާމެއް ނާޅުވަން ނަޝީދު މަޖިލީހުގައި އިންނަވައިގެން ވިދާޅުވެފައިވިޔަސް އިންތިޚާބުގެ ކަންކަން ފެންނަލެއް މާގޯހެވެ. 

އެހެންވީމާ އެމްޑީޕީގެ މިޕްލޭން ފުރިހަމަކޮށްދެނީ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީންނެވެ. އިންތިޚާބުގެ އެންމެ ފޯރިގަދަވިވަގުތު މުޢިއްޒު އޭސީސީއަށް މިހާރު ދަމަންފަށައިފިއެވެ. އެންމެފަހުން ގެންދިޔައީ ބްރިޖްއަޅާމަންޒަރު ބަލަން ޔާމީންގެ ސަރުކާރުގައި އަމިއްލަ ފަރާތެއްކަމުގައިވާ ނިއުޕޯޓާއި ހަވާލުކޮށްގެން ހެދި ސިޑިބަރިއެއް ހެދުމަށް ވެފައިވާ އެއްބަސްވުމާއިގުޅޭ ކަންކަންކަމުގައެވެ. މިހުރިހާކަމެއް ކުރަމުންދަނިކޮށްވެސް މާލޭގެ ރައްޔިތުން މުޢިއްޒު މޭޔަރަކަށް އިންތިޚާބުކޮށްފިނަމަ ދެން ޢަމަލުކުރާނެގޮތްވެސް މިހާރު އޮތީ ރާވައިނިމިފައެވެ. އެއީ މާލޭގެ ދާއިރާތަކުގެ ރައްޔިތުން ސިޓީކައުންސިލަށް ހޮވާ އެޕާޓީގެ ކައުންސިލަރުންލައްވައި ނޯކޮންފިޑެންސް ވޯޓެއް ނަގުވައި މޭޔަރުގެ ބާރުކަނޑުވާލާފައި ބެހެއްޓުމެވެ. މިހާރުގެ އެމްޑީޕީގެ މޭޔަރު ޝިފާގެ މައްޗަށް ނޯކޮންފިޑެންސް ނަގަން އުޅުނުގޮތަށެވެ.

މާލޭގެ މޭޔަރުކަން އެމްޑީޕީއަށް މުހިއްމުވަނީ ކީއްވެ؟

މާލޭ ސިޓީކައުންސިލްގެ އަޣްލަބިއްޔަތާއި މާލޭ ސިޓީގެ މޭޔަރުކަމަކީ އެމްޑީޕީގެ ދެމިއޮތުމާއި ގުޅިފައިވާ ކަމެކެވެ. އެމްޑީޕީގެ ސިޔާސަތު ރޭވުމުގައި އުޅުއްވުމަށްފަހު ރަސްމީ މަސައްކަތުގެ ސަބަބުން މިހާރު ކުޑަކޮށް އެއްފަރާތަކަށް ޖެހިވަޑައިގެން ހުންނެވި އެޕާޓީގެ އިސް ސަފުގެ ބޭފުޅަކު ވިދާޅުވީ މާލެއަކީ އެމްޑީޕީގެ ތަނެއް ކަމަށެވެ. އެމްޑީޕީ މީހުން ވަރަށް އެމްޑީޕީވާނެއެވެ. މުޢިއްޒާއިއެކު އެހެން އުޅޭތަން ފެނުނަސް އެމީހުން އެމްޑީޕީގެ ކެނޑިޑޭޓް، އަނަސްއަށް ނޫނީ ވޯޓެއް ނުދޭނެކަމަށް އޭނާ ބުންޏެވެ. އޭނާގެ ނަޒަރުގައި މުޢިއްޒު މޭޔަރުކަމަށް އިންތިޚާބުވުމަކީ މުއުޖިޒާތަކުން ނޫނީ ނުވާނެކަމެކެވެ. އެކަމަކު އޭނާގެ ސަރަޙައްދުގައިވެސް އަނަސްއަށް ޕާޓީގެ މެންބަރުން ތާއީދުނުކުރާކަމަށް ވިދާޅުވިއެވެ. އޭނާގެ ނަޒަރުގައި އަނަސްއަކީ މުޢިއްޒުއާއި ވާދަކުރަން އެމްޑީޕީން ނެރެން އެންމެ އެކަށީގެންވާ ކެނޑިޑޭޓް ނޫނެވެ. ޕާޓީގެ ކަންކަމުގައި ވަރަށް ބޮޑަށް އުޅުއްވާ އެހެން ބޭފުޅަކު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހައި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވެސް މާލޭގެ މޭޔަރުކަން ގެއްލިއްޖެނަމަ އެއީ އެޕާޓީއަށް މާބޮޑު ނާކާމިޔާބަކަށްވާނެއެވެ. މާލެ އެމްޑީޕީއަށް ގެއްލުމަކީ އެޕާޓީއަށް ތަހައްމަލް ކުރެވޭވަރަށް ވުރެ ބޮޑު ނާކާމިޔާބަކަށްވާނެއެވެ. އެއީ އެޕާޓީ މާލެގެ ގުޅަކުޅޭ ފަސްގަޑަށް އަނގަވަތަށް ވެށްޓުންފަދަ ބޮޑުކަމެކެވެ. މަސްލަހަތަށްޓަކައި ވޮއިސްއާއި ވާހަކަދެއްކެވި ބޭފުޅުންގެ ނަން މިރިޕޯޓްގައި ނުހިމަނަމެވެ.

މާލޭގެ ރައްޔިތުންގެ ވޯޓް އޭނާއަށް ހޯއްދެވުމަކީ ކިހައި ބޮޑުކަމެއްކަން މުޢިއްޒަށްވެސް އިހުސާސްކުރެއްވެއެވެ. " މާލެއަކީ ދެން އެންމެންވެސް ގަބޫލުކުރާގޮތުގައި އެމްޑީޕީއަށް ވަރަށް ތާއީދު ބޮޑުތަނެއް. އެކަމަކު އަޅުގަނޑަށް މިފަހަރު ވޯޓްދެއްވާނެކަމަށް ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުން. އެހެންވީމާ ވަރަށް އުއްމީދު އެބައޮތް. އެންމެ ފަހު ވަގުތާއިޖެހެންދެންވެސް އަޅުގަނޑު މަސައްކަތްކުރާނަން"

މާލޭގެ ރައްޔިތުންގެ ރުޅި ހާމަވާންފެށީ ކީއްވެ؟

އެމްޑީޕީއަށް މާލޭގެ ރައްޔިތުން ލެބިގެންދިޔައީ ރައީސް މައުމޫންގެ އަރިސް ބޭފުޅުންނާއި އަދި އެއަރިސް ބޭފުޅުންނާއި ގުޅިގެން ތަނަވަސްވި ބޭބޭފުޅުންގެ ދަރިން ރާއްޖެއިން ބޭރުން ކިޔަވައިގެން އައިސް މައުމޫންގެ ސަރުކާރު ވައްޓާލަން ނުކުތުމުންނެވެ. އެކުދިންގެ މައިން ބަފައިންނަށް ރައީސް މައުމޫނަކީ ޖަވާހިރަކަށްވިޔަސް އެކުދިންގެ ނަޒަރުގައި މައުމޫނަކީ ޚުދުމުޚްތާރު ވެރިއެކެވެ. ދެކުނުއޭޝިއާގައި ދިވެހިރާއްޖެއަކީ ރައްޔިތުން އެންމެ ތަނަވަސްކަމާއި ފުދުންތެރިކަމާއި ހިތްހަމަޖެހިގެން އުޅޭ ޤައުމުކަމުގައިވިޔަސް އެކުދިންގެ ނަޒަރުގައި އެއީ ދިވެހިންނަށް ޙައްޤު މިންވަރެއް ނޫނެވެ. އެމްޑީޕީގެތެރެއިން އެޙައްޤު މިންވަރު ހޯދައިދެވޭނެކަމަށް އެމީހުން އުއްމީދުކުރިޔަސް މިހާރު އެއީ އަވާމެންދުރެއްކަން އެމްޑީޕީގެ ދެ ސަރުކާރުގެ ވެރިކަމުގައި ރަގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލުހޯދައިދިނުމުގައި ކަންކުރާ ގޮތުންނާއި ރައްޔިތުންނަށް ކަމެއްކޮށްނުދެވި ސަރުކާރުތެރޭގައި ހިގާ ވައްކަންތަކުން އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނުވިސްނެއެވެ. ސަރުކާރުގައި ވައްކަންކުރުން އިތުރުވަމުންދާތީ އެމްޑީޕީގެ އިސްވެރިން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އިސްތަށިފުޅުގައިވެސް ވައްކަމުގެ އިލްޒާމު އަޅުވައެވެ. މާލެ ސިޓީއަށް އެޕާޓީގެ ވެރިކަމުގައި ކުރެވުނު އެންމެ ފާހަގަކުރެވޭ ކަމަކީ ލޮނުޒިޔާރަތްކޮޅުގައި އެތައް މިލިޔަން ރުފިޔާއެއް ހޭދަކޮށްގެން ޕާކެއް ހެދުމެވެ. އެޕާކުހެދީވެސް މޭޔަރު ޝިފާގެ ގަދަބާރުން އަދި ކޮރަޕްޝަންގެ ހުތުރު އަމަލު ހިންގައިގެންކަމަށް އެޕާޓީގެ ކައުންސިލަރުން ބުނެއެވެ. އޭސީސީން އެމައްސަލަ ތަޙުޤީޤުކޮށް ޝަރީއަތަށް ހުށަހަޅަން ޕީޖީއަށް ފޮނުވުމުން އެކަންވަނީ އޮއްބާލާފައެވެ. މާލޭގައި އެމްޑީޕީގެ ސަޕޯޓަރުން އައިސްފައިވާ ރުޅި މަޑުކުރެވޭތޯ ރައީސް ނަޝީދު ނުކުމެވަޑައިގެން އޭނާގެ ހިތުގައި ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމަށް ގޭގެއަށް ޒިޔާރަތްކުރައްވައި ކުލަވެށްޓިފައި ހުންނަ ފާރު ފާރުގައި ކުލަލައި، އަންހެނުން ބަދިގޭގައި ތިއްބައި ބަދިގެއަށް ވަދެ ކައްކައިދީ ތަށިދޮވެ ހައްދަވާ މަންޒަރު ފެންނަ ފޮޓޯތައް އެޕާޓީން ފަތުރަމުންދެއެވެ. އެހެންވިޔަސް އެމްޑީޕީގެ ސިޓީކައުންސިލަށް ކަންނުކުރެވޭކަމުގެ ބަހަނާއަކަށް ކުރީސަރުކާރޭ ކިޔައިގެން އެޕާޓީގެ ވެރިން އަބަދުކިޔާ މުސްކުޅި ލަވަ އަބަދު އަޑުއަހާ އަހާ މިހާރު މާލޭ ރައްޔިތުން ފޫހިވެއްޖެކަން ޕާޓީގެ ސަޕޯޓަރުން ގޮވާ އެއްޗެހިން ދޭހަވެއެވެ. 

Advertisement

ކޮމެންޓް

Advertisement