އިސްލާމިކް ބޭންކުގައި ހުރި ފަސްހާހަށްވުރެ ގިނަ އެކައުންޓް އުވާލަނީ

07 Apr 2021 | 13:49

ފަސް އަހަރަ ވަންދެން މުއާމަލާތެއް ނުކޮށް އިސްލާމިކް ބޭންކު (އެމްއައިބީ)ގައި ހުރި 5000 އަށް ވުރެ ގިނަ އެކައުންޓް އުވާލުމަށް އިސްލާމިކު ބޭންކުން ނިންމައިފިއެވެ.

އިސްލާމިކު ބޭންކުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ވިދިވިދިގެން ފަސް އަހަރު ވަންދެން އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކޮށް އެ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، އެ އެކައުންޓަކީ ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ.

އެހެންކަމުން ފަސްއަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެކައުންޓުތަކުގެ ވެރިފަރާތަތްތަކަށްވެސް ސިޓީއަކުން އެކަން އަންގާފައިވާކަމަށް އެމްއައިބީގެ އިޢުލާނުގައި ބުނެފައިވެއެވެ.

އަދި ހަމައެހެންމެ އެފަރާތްތަކުން 60 ދުވަސް ތެރޭގައި ޖަވާބެއް ނުލިބެއްޖެ ނަމަ އެފަރާތްތަކުގެ ނަންތައް އާންމުކުރުމަށްފަހު އެކައުންޓުތައް އުވާލާނެ ކަމަށެވެ. އަދި އެ އެކައުންޓުތަކުގައި ހުރި ފައިސާ ހަވާލު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކަމަށްވެސް އެމްއައިބީން ވަނީ ބުނެފައެވެ.

އެއިޢުލާނުގައި އިތުރަށް ބުނެފައިވަނީ އެކައުންޓުތަކުގެ ވެރި ފަރާތްތަކުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އަލުން އެކައުންޓް އެކްޓިވޭޓް ކުރުމަށެވެ. އަދި އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި ބޭންކުގެ 'ކަސްޓަމަރ މަޢުލޫމާތު ފޯމް' ފުރުމަށްފަހު އެ ބޭންކުގެ ބްރާންޗަކަށް ނޫނީ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވެސް އެމްއައިބީން ވަނީ އެދިފަ އެވެ.

Advertisement

ކޮމެންޓް