ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބި ލަސްވާތީ މީރާއަށް މަސައްކަތް ނުކުރެވިފައި!

13 Apr 2021 | 14:47

ކޮވިޑް-19ގެ ޕެންޑެމިކަށް އަހަރެއް ވެގެން ދިޔައިރު، އެ ބަލިމަޑުކަމުން އަރައިނުގަނެވުމަކީ، މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ފަސޭހަކަމާއިއެކު ގައިން ގަޔަށް އަރާ މިބައްޔަކީ މާ ނުރައްކާތެރި ބައްޔެއް ނޫން ކަމުގައިވިޔަސް، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ކަހަލަ ޞިއްޙީ ހާލަތްތައް ކުރިމަތިވެފައިވާ ފަރާތްތަކަށް މިއީ ނުރައްކާވާ ބައްޔެކެވެ. ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ހާލަތަށްވެސް ދެއެވެ.

ކޮވިޑްގެ ކޭސްތައް އަދިވެސް މުޅީން މައިިތިރި ނުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލެވޭކަށްވެސް ނެތެވެ. މި ޕެންޑެމިކްގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވަނީ ފަންނާނުންގެ މަސައްކަތަށެވެ. އެގޮތުން ރިސޯޓުތަކަށް ގޮސް، ފަތުރުވެރިން މުނިފޫހިފިލުވައިދީ، ލަވަކިޔައިދޭ ހުނަރުވެރިންގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޤުބޫލު އެއް ލަވަކިޔުންތެރިޔާ، މީރާ މުޙައްމަދު މާޖިދު މިވަނީ، ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނީ ހަފުތާއަކު ދެތިން ފަހަރަށް ޕީސީއާރް ޓެސްޓު ހަދަންޖެހޭއިރު، އެ ޓެސްޓުތަކުގެ ނަތީޖާ ލިބުން ދަތިވާތީ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށެވެ.

"އަހަރުމެން މި އުޅެނީ އާމްދަނީ ހޯދަން މަސައްކަތް ކުރަން. ބައެއްގެ ނާގާބިލުކަމުން އެކަމަށް ހުރަސް އެޅުނީމަ ގެއްލުން ވަނީ ކޮންބަޔަކަށް؟" މީރާގެ ޓްވީޓުގައި ސުވާލު އުފައްދާފައިވެއެވެ.

މީރާ ކުރި އިތުރު ޓްވީޓެއްގައި ބުނީ ކޮވިޑް ޓެސްޓުތަކުގެ ނަތީޖާ ލިބުން އަވަސް ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ. އެ ޓްވީޓުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި، ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ވެސް ވަނީ ޓެގް ކޮށްފައެވެ.

ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބެންދެން، ޓެސްޓު ހެދި މީހާ ހުންނަން ޖެހެނީ "ހޯމް އައިސޮލޭޝަން"ގައެވެ. މާނައަކީ، އެމީހަކު ހުންނަން ޖެހޭނީ ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެންނެެވެ. މިއީ ވަޒީފާ އަދާކުރާ މީހުންނަށް ވަރަށް ދަތިވާ ކަމެކެވެ. ޓެސްޓުގެ ނަތީޖާ ނުލިބިގެން، މަސައްކަތް ކުރާ އޮފީހަށް ނުނިކުމެވި ސަލާމް ބުނަން ޖެހޭ ފަހަރުވެސް އާދެއެެވެ. 

Advertisement

ކޮމެންޓް