މާލެ ސިޓީގައި ފިޠުރު ޒަކާތް ބަލައިގަންނާނެ ގޮތްތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި

13 Apr 2021 | 15:18

މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި މާލެ ސިޓީއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތްތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުން 1442ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 13 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުން ޒަކާތް ދައްކާނެ ފަސޭހަ ގިނަ ގޮތްތަކެއް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ދިރާގުގެ ވެބްސައިޓްގައިވާ ޕޭއި، ނައުއެމްވީ އެޕް އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. އަދި އުރީދޫގެ އެމްފައިސާ އެޕް އަދި އެމްއެސްްއެމް މެދުވެރިކޮށްވެސް ޒަކާތުގެ ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާނެޓް އެޕްލިކޭޝަނާއި މެއިން ބްރާންޗް އަދި ހުޅުމާލޭ ބްރާންޗްގެ ކައުންޓަރުންވެސް ފައިސާ ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ބީއެމްއެލްގެ ވެބްސައިޓްގެ އިތުރުން ފަހިޕޭ އެޕް އަދި ޕޯޓަލުންވެސް ފިޠުރު ޒަކާތް ދެއްކޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

މާލެ ފިޔަވައި އެހެން ރަށްތަކާއި ސިޓީތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެ އަހަރަކު އެރަށެއްގައި އާންމު ގޮތެއްގައި ބަނޑުކެއުމަށް ބޭނުންކުރި ބާވަތެއްގެ 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement