ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައެޅި އާ މަންދޫބު މިނިސްޓަރ ޝާހިދާއި ބައްދަލުކުރައްވައިފި

18 Apr 2021 | 16:51

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު، ޑރ. ނާޒްނީން އަންވަރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އޮތް ބައްދަލުވުމުގައި ޑރ. ނާޒްނީންވަނީ އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.

ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު އާއި ޑރ. ނާޒްނީންވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ޑަބްލިއު.އެޗް.އޯ.ގެ ދައުރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއު.އެޗް.އޯ.ގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާބެހޭގޮތުންވެސް މިނިސްޓަރ ޝާހިދުއާއި ޑރ. ނާޒްނީން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19 ދިމާވުމާ ގުޅިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރ ޝާހިދުވަނީ ޑަބްލިއު.އެޗް.އޯ.އަށް ޝުކުރުދަންނަވާފައެވެ. އަދި މިނިސްޓަރ ޝާހިދުވަނީ މިވަގުތު އޮތް ޞިއްޙީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާޢީ-އިޤުތިޞާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއު.އެޗް.އޯ.އިން އަދާ ކުރާ ދައުރު ފާހަގަކުރައްވާފައެވެ.

1965 އިން ފެށިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް

Advertisement