ހިޔާ ފުލެޓުތަކަށް ގުރުނެގުމުގެ ދެވަނަ ބުރު އެޕްރީލް 25ގައި ފަށަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ޔުނިޓްތައް ކަނޑައެޅުން ބާއްވާ ގުރުނެގުމުގެ ދެވަނަ ބުރު މިމަހުގެ 25ވަނަ ދުވަހުން ފެށިގެން އޮންނާނެކަމަށް ބުނެފިއެވެ.
އެ ފުލެޓުތަކުގެ ޔުނިޓްތަކަށް ގުރުނެގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ދެވަނަ ބުރުގެ ގުރުނެގުމުގެ މަސައްކަތް 25 އެޕްރީލްއިން ފެށިގެން ކުރިއަށްދާއިރު، މި ބުރުގައި ގުރުނަގާނީ އެޗް4 އިން ފެށިގެން އެޗް9އާއި ހަމައަށް ކަމަށެވެ. މީގެ އިތުރުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި، ފުލެޓަށް ފައިސާ ނުދެއްކިގެން ފުލެޓު ނުލިބިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅުން ފުލެޓު ގަތް ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓުތައް ޚިޔާރުކުރި ފަރާތްތަކުގެ މެދުގައިވެސް ގުރުނެގުން އޮންނާނެކަމަށް ވަނީ ބުނެފައެވެ.
އެކުންފުނިން މަޢުލޫމާތުދިން ގޮތުގައި ގުރުނެގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި އޮންނާނީ ހެނދުނު 9 އިން ފެށިގެން މެންދުރު 12 އަށެވެ. ދެވަނަ ދަންފަޅި އޮންނާނީ މެންދުރުފަހު 1 އިން ފެށިގެން 3 ޖަހަންދެނެވެ.
ދައުލަތުގެ މީޑިއާއިން ލައިވްކޮށް ކުރިއަށްދާ މި އިވެންޓްގައި އެ ކެޓަގަރީތަލުން ދާއިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުން ކުރިއަށް ގެންދެވޭނީ ފުލެޓު ނަންބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީ އިން ފުލެޓު ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަންބަރު ތަރުތީބުންނެވެ.
މީގެއިތުރުން، ގުރުއަތުން ނެގުނު ފުލެޓާއި، ފްލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ދައްކާނެއެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓު ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS ޒަރިއްޔާއިން ހިއްސާވެސް ކުރެވޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists