މާލޭގެ މަގުމައްޗަކީ އަމާން ތަނަކަށް ހެދުމަށް ބޮޑު އިސްކަމެއް ދޭނަން: ޑރ.މުޢިއްޒު

23 Apr 2021 | 07:27

އަލަށް އިންތިޚާބުވެފައިވާ މާލެ ސިޓީ ކައުންސިލުން، މާލޭގެ މަގުމައްޗަކީ އަމާން ތަނަކަށް ހެދުމަށް ބޮޑު އިސްކަމެއް ދޭނެކަމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަށް ހެދުމަށް ވަރަށް އިސްކަންދީގެން، ކަމާއިބެހޭ އެންމެހާ ފަރާތްތަކާއި ގުޅިގެން، ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ މާލޭ ސިޓީ ކައުންސިލުން އިސްކަންދޭ ކަމެއްކަމަށް އިރާދަކުރެއްވިއްޔާ ހައްދަވާނެކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ގަދަކަމުން ޖަހައިގަނެގެން ގެއަކަށް ވައްދައި، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މި ހާދިސާގެ ވީޑިޔޯ އާންމުވެފައިވާއިރު، މަގުމަތީގައި ތިބި ފަރާތްތަކުން އެކަން ނުހުއްޓުވީ ކީއްވެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިކަމުގެ ސަބަބުން އާންމު ތަންތަނުގައި އަންހެނުންގެ ރައްކާތެރިކަމާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށްވެސް ދަނީ ފާހަގަކުރަމުންނެވެ.

މި މައްސަލައިގައި ޝާމިލުވާ ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހިފައެވެ. އެއީ 23 އަހަރާއި 18 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

Advertisement

ކޮމެންޓް