މި ނޫސްވެރިޔާ އިންޓަރވިއުކުރަނީ ބަކަރިތަކާ!

21 Dec 2018 | 06:05

ނޫސްވެރިކަމަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވިޔަސް އަދާކުރަން ދަތި ވަޒީފާއެކެވެ. ނުރައްކާތަކާއި، ފާޑުކިޔުންތަކާއި ފުރައްސާރަތަކުގެ ތެރެއިން އަދާކުރާ މި ވަޒީފާއަކީ ތަފާތު ބަޔަކަށް ނޫނީ އަދާނުކުރެވޭނެ ވަޒީފާއެއްކަން ކަށަވަރެވެ.

ނަމަވެސް ޕާކިސްތާނުގެ މަޝްހޫރު ޖިއޯ ޓީވީގެ މި ނޫސްވެރިޔާ އަކީ އޭނާގެ ޒިންމާ ވަރަށް އާދަޔާ ޚިލާފަށް އަދާކުރާ ފަރާތެކެވެ. އަމީން ހަފީޒް ނަމަކަށް ކިޔާ މި ނޫސްވެރިޔާގެ އާދަޔާ ޚިލާފު ރިޕޯޓުތަކަކީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ ރިޕޯޓުތަކެކެވެ.

އެގޮތުން ހަފީޒްއަކީ ގެރިބަކަރިތައް ފަދަ އެއްޗެއްސާއި އިންޓަރވިއުކުރާ ފަރާތެކެވެ. އެ ސޫފިތަކާއި ގުޅުންހުރި ރިޕޯޓްތައް ހެދުމަށްފަހު، އެ ސޫފިތަކުގެ ގާތުން ހަފީޒް ތަފާތު ސުވާލުތައް ކުރެއެވެ. އެގޮތުން އެ އެއްޗެހީގެ އިހުސާސްތަކާއި އިނގިރޭސިބަސް ދަންނަންތޯ ފަދަ ސުވާލުތައް ކުރެެއެވެ.

ހަފީޒްގެ މި މަޖާ ވީޑިޔޯ އިންޓަރވިއުތައް ޔޫޓިއުބްފަދަ ވަސީލަތްތަކަށް އަޕްލޯޑްކޮށްފައިވާއިރު، އެ ވީޑިޔޯތަކަށް ބޮޑުތަރުހީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

1986 ވަނަ އަހަރުން ފެށިގެން ނޫސްވެރިއެއްގެ ގޮތަށް މަސައްކަތްކުރަމުންދާ ހަފީޒްބުނީ އޭނާ މިގޮތަށް ޚަބަރު ގެނެސްދިނުމުގެ އަމާޒަކީ އާންމުންގެ ސަމާލުކަން ޚަބަރަށް ހޯދުންކަމަށާއި، ޖަނަވާރުތަކާއި އިންޓަރވިއުކުރިޔަސް އެ ޚަބަރުތަކަކީ އިންސާނުންނާއި ގުޅުންހުރި ހަބަރުތަކެއް ކަމުގައެވެ. އަދި ހަފީޒް ބުނީ އޭނާގެ ރިޕޯޓިން އުސޫލު ބަދަލުނުވާނެ ކަމަށާއި، އެގޮތުގައި ދެމިހުންނާނެކަމަށެވެ.


Advertisement

ކޮމެންޓް

Advertisement