ޒުވާނުންގެ މައްސަލަތައް އެނގޭނަމަ، ނާޗަރަންގީ ޖަގަހަ ހެދުމުގެ ގަރާރެއް ހުށައެއްނާޅާނެ: ޝިޔާމް

30 Apr 2021 | 18:40

ޒުވާނުންނަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތައް އެނގޭނަމަ، މިއުޒިކް ކުޅެ، ހީ ސަމާސާ ކޮށްލެވޭނެ ފަދަ މަރުކަޒެއް މާލޭގައި އެޅުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަނާޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ، ވެރިރަށް މާލޭގައި ފަސޭހަކަމާއިއެކު މިއުޒިކު އަޑުއަހާލައި، އެކުވެރީންނާއެކު ހީ ސަމާސާކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރިކަމާއެކު މިއުޒިކު އަޑު އަހާލެވޭނެ ފަދަ މަރުކަޒު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު އިޖުތިމާޢީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ޤައުމުގެ ހާލަތު މިހާރު އޮތީ މިފަދަ މަރުކަޒުތަކެއް އަޅަން ވިސްނަންވީ ފަދަ ގޮތަކަށް ނޫން ކަމަށެވެ. ގަރާރު ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފަކީ ކުރިން ޔޫތު މިނިސްޓަރަކަށް ހުންނެވި ބޭފުޅަކަށްވީތީ، ޒުވާނުންނާއިމެދު ވިސްނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިހާރު އޮތް ސަރުކާރުގެ ސަބަބުން ޒުވާނުން ވަރަށް ބޮޑަށް ނިކަމެތިވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"ޒުވާނުން މަގުމަތިވެއްޖެ، އެ ޒުވާނުން މަގުމަތިން ނަގަން ޖެހެނީ މިފަދަ ހީ ސަމާސާކޮށް، ނާޗަރަންގީ ކުޅޭ ކަހަލަ ސެންޓަރަކުންނެއް ނޫން" ޝިޔާމް ވިދާޅުވިއެވެ.

ވަޒީފާއެއް ނެތި ގޮނޑު ހޮވައިގެން އުޅެން ޖެހިފައިވާ ޒުވާނުން ގިނަކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެ މައްސަލަތައް ޙައްލު ކުރެވިއްޖެނަމަ، އިޖުތިމާޢީ ގޮތުން، ޒުވާނުން ޙައްލު ބޭނުންވާ ކަންކަމަށް ޙައްލު ހޯދައިދެވުނީ ކަމަށެވެ. 

Advertisement

ކޮމެންޓް