މިއަދު ރޯދަވީއްލަން މަސްބަތް ތައްޔާރުކޮށްލަމާ!

30 Apr 2021 | 14:03

މިއަދު "ވޮއިސް"ގެ ކިޔުންތެރީންނާއި ހަމައަށް މި ގެނެސްދެނީ މަސްބަތް ތައްޔާރުކުރާނެ ގޮތެވެ. މިއީ ދިވެހީންގެ މެދުގައި މަޤްބޫލު، ދިވެހިވަންތަ ކެއުމެކެވެ.


ބޭނުންވާ ތަކެތި:

2 ފިޔާ

2 ލޮނުމެދު

ބައި އިންޗީގެ އިނގުރުކޮޅެއް

250 ގްރާމް ކަނޑުމަސް

އެއް ޖޯޑު ހަނޑޫ

5 ހިކަނދިފަތް

2 އިންޗީގެ ރާނބާ ފަތްކޮޅެއް

5 ކާފޫރު ތޮޅި

އެއް އިންޗީގެ ފޮނިތޮށި ކޮޅެއް

2 ހިކި މިރުސް

½ ގިތެޔޮ މިރުސް

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

1 ސައިސަމުސާ ދިރި ޕައުޑަރު

1 ސައިސަމުސާ ދަވިއްގަނދު ޕައުޑަރު

2 ސައިސަމުސާ ކޮތަނބިރި ޕައުޑަރު

½ ސައިސަމުސާ ރީނދޫ

½ 2 ޖޯޑު ފެންކިރު

1 މޭޒުމަތީ ސަމުސާ ތެޔޮ

¾ ސައިސަމުސާ ލޮނު (ނޫނީ ރަހަލާވަރަށް)


ހަދާނެ ގޮތް:

ގިތެޔޮ މިރުހާއި ފިޔާ ތުނިކޮށް ކޮށާލުމަށްފަހު، މޭޒުމަތީ ސަމުސަލެއްގެ އަނެއްފުށް ބޭނުން ކޮށްގެން އިނގުރާއި ލޮނުމެދު ޗަސްކޮށްލާށެވެ. އެއަށްފަހު، ކަނޑުމަސް ކޮށާށެވެ. 1 އިންޗީގެ ދިގުމިން ހުންނަވަރުގެ ބުރިބުރިއަށެވެ. ހަނޑޫ ރަނގަޅަށް ދޮންނާށެވެ. ބޮޑު ތެއްޔެއްގައި ތެޔޮކޮޅު ހޫނު ކޮށްލާށެވެ. އެއަށް ފިޔައާއި، އިނގުރާއި، ލޮނުމެދާއި، ކާފޫރު ތޮޅިކޮޅާއި، ފޮނިތޮށްޓާއި، ރާނބާފަތާއި، ހިކަނދިފަތާއި، އަސޭމިރުހާއި، ގިތެޔޮ މިރުހާއި، ހިކި މިރުސް ކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާށެވެ.

ދެން އެއަށް ދިރި، ދަވިއްގަނދު، ކޮތަނބިރި އަދި ރީނދޫކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މަސްކޮޅު އަޅާލައި ރަނގަޅަށް އެއްކޮށްލުމަށް ފަހު މަސްކޮޅު ރޯފިލަންދެން ކައްކާލާނީ އެވެ. ހަނޑޫކޮޅާއި ކާށިކިރުކޮޅާއި ލޮނުކޮޅު ތެއްޔައް އަޅާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ހަނޑޫކޮޅު ކެކެންދެން އުނދުން މަތީގައި ބަހައްޓާނީއެވެ.

Advertisement

ކޮމެންޓް