ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

06 May 2021 | 12:55

މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ޔޫކޭ ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ މީހެކެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުސްވި އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement