Advertisement

ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ކުށްވެރި ކުރީ ފަލަސްޠީނު!

12 May 2021 | 01:09

ގަދަކަމުން ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީންނާއި އިސްރާއީލު ފުލުހުން އަޤްޞާގެ މިސްކިތުގެ ޙުރުމަތް ކަނޑައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ޒަޚަމުކޮށްލިތަން އެމެރިކާގެ "ކަނު" ލޮލަކަށް ނުފެނުނެވެ. އެއިން އެއްވެސް ކަމަކާ ބެހޭގޮތުން އެމެރިކާއިން ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި ޢުދްވާނަށް ރައްދު ދިނުމަށްޓަކައި ޙަމާސުން ރޭ އިސްރާއީލުގެ ބައެއް ރަށްތަކަށް މިސައިލް ޙަމަލާތަކެއް ދިނުމުން އެމެރިކާއިން ޙަމާސް ކުށްވެރި ކުރިއެވެ. އެއީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް އެމެރިކާއިން ބުންޏެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ބުންޏެވެ. "އިސްރާއީލަށް އެ ޤައުމުގެ ބިންތަކާއި ރައްޔިތުން ޙިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމުގެ ޙައްޤު ލިބިފައިވާ ކަން އަހުރެމެން ގަބޫލު ކުރަމެވެ. އެއީ އަމިއްލަ ނަފުސުގެ ދިފާޢުގައި އިސްރާއީލުން ދިން ހަމަލާތަކެކެވެ."

އިސްރާއީލުން ޣައްޒާގެ ބައެއް ހިސާބުތަކަށް ދިން ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 30 މީހަކު ޝަހީދުވިއެވެ. އޭގެތެރޭގައި ނުވަ ކުޑަކުދީން ވެއެވެ.

މީގެ އިތުރަށް އެތައް ބަޔަކު ޒަޚަމުވިއެވެ. އެމެރިކާގެ މި ބަޔާނުގައި ފަލަސްޠީނު މީހުންގެ އަމިއްލަ ނަފުސު ދިފާޢު ކުރުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވާ ވާހަކަ ގެނެސްފައެއް ނުވެއެވެ.

އެހެންނަމަވެސް، ޙަމާސުން އިސްރާއީލަށް މިއަދު ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ.

އެ ޖަމާޢަތުގެ ތަރުޖަމާނު ފައުޒީ ބުރްހޫމު ވިދާޅުވިގޮތުގައި "ޙަމާސުން މި ވަނީ ފަލަސްޠީނު ރައްޔިތުން ޙިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިފައެވެ. ޤުދްސުގައި ތިބި އަހުރެމެންގެ އަހްލުންނަށާއި އަޤްޞާ މިސްކިތުގައި އަޅުކަންކުރަމުންދާ މީހުންނަށާއި ޣައްޒާގެ ކުޑަކުދިންނަށާއި އާންމު ރައްޔިތުންނަށާއި އަހުރެމެންގެ މަރުކަޒުތަކަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަށް އަހުރެމެން ވަރުގަދައަށް ރައްދު ދެމުންދާނެއެވެ."

ބުރްހޫމު ވިދާޅުވިއެވެ. "އަހުރެމެންގެ ކުޑަކުދީންނާއި އަންހެނުން މެރުމަކީ އަދި އަހުރެމެންގެ އަމާން ގެދޮރަށް ހަމަލާ ދިނުމަކީ ބޮޑު ޖަރީމާއެއް. މިކަމުން އިސްރާއީލުގެ ޖަނަވާރުވަންތަކަން ހާމަވެގެން ދޭ"

ދުނިޔޭގެ އެކި ހިސާބުތަކުން އިސްރާއީލުގެ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަރަށް ވަރުގަދައަށް ހަމަލާތައް ދޭނެ ކަމަށް ބުނެ ޙަމާސަށް ބިރު ދައްކާފައެވެ. 

Advertisement

ކޮމެންޓް