ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާ ގުޅިގެން ހޯމް މިނިސްޓަރު ދޮގު މަޢުލޫމާތު ދިންކަމުގެ ތުހުމަތު

16 May 2021 | 12:26

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާތަކާ ގުޅިގެން ހޯމް މިނިސްޓަރު މީޑިއާތަކަށް ދޮގު މަޢުލޫމާތު ދިންކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ކުރައްވައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހަމަލާދިން ދުވަހުގެ ރޭގަނޑު މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން، އެ ހަމަލާގައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާވަރުގެ ގެއްލުމެއް ލިބިފައި ނުވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވާކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެހެންކަމުން މީގެ ކުރިންވެސް ގިނަ ފަރާތްތަކަކުން މިނިސްޓަރ ޢިމްރާނަށް އަންނަނީ ފާޑުކިޔަމުންނެވެ.

ޢަބްދުﷲ ޝަހީމްވެސް މިކަމާއި ގުޅޭގޮތުން ނުރުހުން ފާޅު ކުރައްވާފައިވަނީ، ރައީސް ނަޝީދަށް ލިބިވަޑައިގެން އަނިޔާތަކުގެ ފޮޓޯތައް މިއަދު އާންމު ކޮށްފައިވަނިކޮށެވެ.

ފޮޓޯތަކުން ފެންނަން ހުރި ޒަޚަމުތަކަށް އަމާޒު ކުރައްވާ، ޝަހީމް ވިދާޅުވީ، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ، ރައީސް ނަޝީދުގެ ހާލުކޮޅާއި ބެހޭގޮތުން އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މީޑިއާ މެދުވެރިކޮށް ރައީސް ނަޝީދުގެ ހާލުކޮޅާއި ބެހޭގޮތުން އިތުރުފުޅު ހައްދަވާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން"، މެންބަރު ޝަހީމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ވަރަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށެވެ. އަދި ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރު އެކި އޮޕަރޭޝަންތައް ކުރަންޖެހުނު ކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement