ވިޔަފާރިތަކަށް ކާފިއު ހުއްދަ ދޫކުރުމުގައި އަމަލުކުރާ އުސޫލެއް އެކުލަވާލައިފި

16 May 2021 | 13:45

ކާފިއު ވަގުތުގައި މާލޭ ސަރަހައްދުގެ ވިޔަފާރިތަކަށް ޑެލިވަރީކުރުމުގެ ހުއްދަދިނުމުގެ އުސޫލު އާންމުކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކާބޯތަކެތި ވިޔަފާރި ކުރާތަންތަނުންދޭ ހިދުމަތްތަކަށް ވަކި އުސޫލެއް ކަނޑައަޅައިފައިވެއެވެ.

މިގޮތުން މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދުއެވެ.އަދި ހަވީރު 4:00 އިން މެންދަމު 12:00 އަށް ފުލުހުންގެ ހުއްދައާއެކު ޑެލިވަރީ ކުރެވޭނެއެވެ.

މިމަހުގެ 14 އިން 19 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

މި އުސޫލުގައި ވާގޮތުން މުދާ ޑެލިވަރ ކުރުމަށް އެދޭ ވިޔަފާރިތަކަށް ދޫކުރާނީ 2 ޑެލިވަރީ ފާހާއި، 2 ސަޕޯޓް ސްޓާފް ފާހެވެ.

ކެފޭ ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ދޫކުރާނީ ދެ ޑެލިވަރީ ފާހާއި، ހަތަރު ސަޕޯޓް ސްޓާފް ފާހެވެ.

ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާނީ އެއް ފާހެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށާއި ރެސްޓޯރަންޓްތަކަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ދޫކުރާނީ ދެ ފާސްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް