އިޒްރޭލުގެ އަމަލުތަކަށް ތާއީދު ނުކުރާކަން ބޮސްނިއާއިން ހާމަކޮށްފި

17 May 2021 | 19:01

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކަށް ތާއީދު ނުކުރާކަން ބޮސްނިއާއިން ހާމަކޮށްފިއެވެ.

އިޒްރޭލުން ތާއީދު ނުކުރާކަން ބޮސްނިއާއިން ހާމަކޮށްފައި މިވަނީ، އިޒްރޭލަށް ތާއީދުކޮށް އިސްރާއީލާއިއެކު ތިބި ޤައުމުތައްކަމަށް، ޤައުމުތަކެއްގެ ދިދަ ހިމަނާ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ.

އެމެރިކާ، އަލްބޭނިއާ، އޮސްޓްރޭލިއާ، އިޓަލީ، ޖަރުމަނު އަދި ފްރާންސް ފަދަ ބޮޑެތި ޤައުމުތަކުގެ ދިދަ މި ޓްވީޓްގައި ހިމަނާފައިވާއިރު، ބޮސްނިއާގެ ދިދަވެސް ނަތަންޔާހޫ ހިމަނާފައިވެއެވެ.

މި ޓްވީޓާއި ގުޅިގެން، ބޮސްނިއާ އެންޑް ހެޒެގޮވީނާގެ ރައީސްކަމުގެ ބޮސްނިއާ މެންބަރު ސެފިކް ވިދާޅުވީ، އިޒްރޭލުގެ ހަތިޔާރު އެޅި ސިފައިން، ޣައްޒާގެ މަޢުސޫމް އެތައް ރައްޔިތުންނެއް މަރަމުން ދާއިރު، އެކަމަށް ތާއީދު ކުރެވެން ނެތް ކަމަށާއި އަދި އެކަމަށް ތާއީދު ނުކުރާ ކަމަށެވެ.

އަދި އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި، އިޒްރޭލާއި ފަލަސްތީނުގެ ހަމަޖެހުމަށް ނަތަންޔާހޫ އިސްވެ މަސައްކަތް ކުރުމަށް ފޭސްބުކްގައި އޭނާ ކޮށްފައިވާ ޕޯސްޓްގައި ލިޔެފައިވެއެވެ.

އިޒްރޭލުން ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް ވެސް ހަމަލާތައް ދެމުން ދާއިރު ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ މި ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް