ފަލަސްތީނު މީހުންނަށް ބޮން އަޅާތީ އިންޑިއާގެ ހިންދުވާތާ ސަޕޯޓަރުން އިސްރާއީލަށް ތާއީދުކުރަނީ ކީއްވެ؟

19 May 2021 | 12:42

ޔަހޫދީ ދައުލަތުން ގަދަބާރުން ފޭރިގެންފައިވާ އިރުމަތީ ގުދުސްއާއި ޣައްޒާގައި ފަލަސްތީނު ރައްޔިތުންގެތެރެއަށް ބޮންއަޅައި ފަލަސްތީނު ރައްޔިތުންގެ ލޭ އޮހޮރުވަމުންދާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި އިސްރާއީލު ކުށްވެރިކޮށް އަޑު އުފުލުމާއި އަދި ޚާއްސަކޮށް އިސްރާއީލަށް އެންމެ ބޮޑަށް މަދަދުދެމުންދާ އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ދުވަހަކުވެސް އެމެރިކާގެ ތާރީޚްގައި ފަލަސްތީނު މީހުންނަށް ތާއީދުކޮށް އެގައުމުގެ ރައްޔިތުން ނުބާއްވާހާ ބޮޑެތި އެއްވުންތަކެއް ބާއްވަމުންދާއިރު ފާޅުގައި އިސްރާއީލަށް ތާއީދުކޮށް އެގައުމުގެ ދިފާއުގައި އަޑުއުފުލާބަޔަކު އިންޑިޔާއިން މިވަނީ ފެނިފައެވެ.

"އަހަރެން އިސްރާއީލަށް ސަޕޯޓްކުރަން، އިންޑިއާ އިސްރާއީލާއެކު، އިންޑިއާއިސްރާއީލާއެކު ތެދުވެ އަދި އިސްރާއީލު އަންޑަރ ފަޔަރ " ފަދަ ހޭޝް ޓެގްތަކަކީ ވޭތުވެދިޔަ ހަފްތާގައި އިންޑިއާގެ ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ހިންގާފައިވާ ކެމްޕެއިންތަކެކެވެ. ގިނަ މީހުން ގޮވަނީ ފަލަސްތީނު މީހުންނަކީ ޓެރަރިސްޓުންކަމަށެވެ. ފަލަސްތީން ޓެރަރިސްޓުންނަކީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާމީހުން ޓްވިޓާގައި އެންމެ ފޯރި އަރުވައިލި މައުޟޫއެވެ. އިސްރާއީލުން އަޅަމުންދާ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 212 މީހުން މަރުވެފައިވާ އިރު 61 ކުޑަކުދިން ހިމެނެއެވެ. އެތައް ސަތޭކަ ބަޔަކަށް ބޮޑެތި ހާނިއްކަތެއްވެފައިވާއިރު ޣައްޒާގެ އިންފްރާންސްޓްރަކްޗަރވަނީ ހަލާކުކޮށްލާފައެވެ. ޣައްޒާގައިހުރި ހަމައެކަނި ކޮވިޑް ޓެސްޓްކުރާ ލެބޯޓްރީއަށްވެސް ބޮންއަޅައި ހަލާކުކޮށްލާފައިވެއެވެ.

ފަލަސްތީނު ރައްޔިތުންގެ ލޭ އޮހޮރުވަމުންދާ އިސްރާއީލަށް ތާއީދުކުރުމުގެ ފޯރިއާއި ޖޯޝް ގަދަވެފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަހާރަތިޔާ ޖަނަތާ ޕާޓީ، ޕީޖޭޕީގެ އިސްމެމްބަރުންނާއި އެޕާޓީގާއި ގުޅިފައިވާ ލޯޔަރުންނާއި ޖާރަނަލިސްޓުންނާއި އާއްމު މެމްބަރުންގެތެރޭގައެވެ.

އިންޑިއާގެ މުސްލިމުންނާއި ވަރަށް އަދާވާތްތެރި ބީޖޭޕީގެ ޕާލަމެންޓް މެމްބަރަކު މިމަހުގެ 12 ވަނަ ދުވަހު އޭނާގެ ޓްވީޓާގައި ލިޔުނީ " އަހަރެމެން މިތިބީ ކަލޭމެންނާއެކު. ސާބިތުކަމާއެކު ތިބޭ އިސްރާއީލު" އޭނާގެ ޓްވީޓް އިސްރާއީލުގެ ފޮރިންމިނިސްޓްރީން ލައިކް ދިނެވެ. އެގައުމުގެ ޗާންދީގަރްގެ ބީޖޭޕީގެ ތަރުޖަމާން ހުކުރު ދުވަހު އޭނާގެ ޓްވީޓާގައި ލިޔުނީ " ލޯބިވާ އިސްރާއީލު މީހުން. ކަލޭމެން ތިތިބީ އެކަންޏަކު ނޫން. އަހަރެމެން އިންޑިއާ މީހުން މިތިބީ ކަލޭމެންނާއެކު ވަރުގަދަކަމާއި ސާބިތުކަމާއެކު"

ފަލަސްތީނު މީހުންނާދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނަށް ތާރީފްކޮށް އިސްރާއީލުގެ ދިފާއުގައި ތެދުވެ ވާހަކަ ދައްކަމުންދާ ބީޖޭޕީގެ މެމްބަރުންގެތެރޭގައި ބޮޑުވަޒީރު މޯދީއާއި އަމިތު ޝާހު އެމީހުން ފޮލޯކުރާ މީހުން މަދެއް ނޫނެވެ.

އަލްޖަޒީރާއާއި ވާހަކަ ދެއްކި އިންޑިއާގެ ލިޔުންތެރިޔަކު ބުނެފައިވާގޮތުގައި އިންޑިއާގެތެރޭގައި މިޖޯޝް އުފައްދަމުންދަނީ ހަރުކަށި އާރްއެސްއެސްއާއި ބީޖޭޕީގެ ހިންދުވާތާ ގްރޫޕްތަކުންނެވެ. ސަބަބަކީ އަނިޔާލިބެމުންދަނީ މުސްލިމުންނަށްވެފައި މުސްލިމުންދެކެ ހަރުކަށި ހިންދޫން އަންނަ ރުޅިއެއްގެ ސަބަބުންނެވެ. މުސްލިމުންނާއިމެދު އޮންނަ މިރުޅިވެރިކަމާ ހަސަދައާއިހެދި އިސްރާއީލުން ފަލަސްތީނު މީހުން މަރަމުންދާތަން ފެނުމުން އެކަމަށް މަރްހަބާކިޔައި އުފާފާޅުކޮށްހަދައެވެ. އިންޑިއާގެ މަޝްހޫރު ފޮތް ލިޔުންތެރިޔަކު ބުނެފައިވަނީ މިޖޯޝް ބީޖޭޕީގެ ސަޕޯޓަރުންގެތެރޭގައި އުފެދިފައިވުމުގެ އެއްސަބަބަކީ ޒަޔަނިޒަމާއި ހިންދުވާތާ މިއީ އެއް މަގުސަދަކަށް އިންގާ ހަރަކާތަކަށްވެފައި، އެ ދެހަރަކާތް މިހާރު ވަރަށް ބޮޑަށް ގުޅި ލާމެހިގެން އުޅުމެވެ. ހިންދުވާތާގެ މިގުޅުން ސިރީލަންކާގެ ބުޑިސްޓް ހައްދުފަހަނައަޅާފައިވާ ދީނީ ޖަމާއަތްތަކާއިވެސް އޮންނަ ކަމަށް މުޙައްލިލުން ބުނެއެވެ. ސްރީލަންކާގެ މިޖަމާއަތްތަކަކީ އިންޑިއާގެ ހިންދޫ ހަރުކަށި ފިކުރުގެ މީހުން ފަދައިން ސްރީލަންކާއިން މުސްލިމުން ބޭރުކުރުގެ އެޖެންޑާއެއް ގެންގުޅޭ ބަޔެކެވެ.

ބީޖޭޕީން އިސްރާއީލުގެ ދިފާއުގައި ތެދުވެފައިވާވަރު ފެނިގެންދާ އެއް ހާދިސާއަކީ ކަޝްމީރުގައި އިހަށް ދުވަހު ފަލަސްތީނު ރައްޔިތުންނަށް ތާއީދުފާޅުކުރުމަށް ކަޝްމީރުގެ ޒުވާނުންތަކެއް ހަރަކާތެއް ރޭވުމުން އެކަމުގައި އުޅުނު އެންމެ އިންޑިއާ ސިފައިން ހައްޔަރުކުރުމެވެ. އިންޑިއާގެ ނޫސްތަކުގެ ކޮމެންޓް ސެކްޝަންތައް ފުރާލާފައި ހުންނަނީ ފަލަސްތީނު މީހުންގެ ލޭއޮހުރުވުމަށް އިސްރާއީލު ސިފައިންނަށް ހިއްވަރުދީ ލިޔެފައި ހުންނަ ކޮމެންޓްތަކުންނެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއަށް ވަކާލާތުކުރާ އިންޑިއާގެ ގިނަ ނޫސްތައްވަނީ އިސްރާއީލުގެ އުދުވާނަށް ލޯމަރާފައެވެ. އާއްމުގޮތެއްގައި ގިނައިން ހުންނަ ޚަބަރުތަކަކީ އިސްރާއީލަށް ހަމާސް އިންފޮނުވާލާ ރޮކެޓްތަކުގެ ވާހަކައެވެ.

ހިންދުވާތާގެ މިހަރަކާތް އިންޑިއާގައި ވަރުގަދަވެފައިވިޔަސް ފަލަސްތީނު މުސްލިމުންގެ ހައްގުގައި ވަކާލާތުކުރާ އިންޑިއާގެ ވަރަށް ގިނަ މީހުން ތިބެއެވެ. އިންޑިއާގެ އެކަޑަމިކް ކޮމިއުނިޓީއަކީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރާ ބައެކެވެ. އިންޑިއާގެ ތާޜީޚަކީ ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރުމެވެ. 1938 ވަނަ އަހަރު މަހާތުމާ ގާނދީ ވިދާޅުވެފައިވާ މަޝްހޫރު ބަސްފުޅެއް އޮވެއެވެ. " އިނގިރޭސިވިލާތަކީ އިގިރޭސިންގެ ތަނަކަށް ނުވަތަ ފަރަންސޭސިވިލާތަކީ ފަރަންސޭސިންގެ ތަނަކަށް ވާފަދައިން ފަލަސްތީނުގެ މިލްކުވެރިކަންވަނީ އަރަބިންނަށެވެ." އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ނޭޝަނަލިސްޓުން ފަލަސްތީނު މީހުންނާއިމެދު ދެކެމުންއައިސްފައިވަނީ އެމީހުންގެ އަޚުންގެގޮތުގައެވެ. މިހާތަނަށް އިންޑިއާގެ ސިޔާސަތު ބިނާވެފައިވަނީވެސް ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރުމުގެ މައްޗަށެވެ. ބީޖޭޕީއާއި އާރްއެސްއެސްއިން އަޑިއަޑިން އެޖެންޑާތައް ރާވަމުންދިޔަނަމަވެސް އދގެ މަޖިލީހުގައި އިންޑިއާ ސަރުކާރުގެ ސިޔާސަތު އަދި ބަދަލެއް ނުކުރެއެވެ.

Advertisement

ކޮމެންޓް