ހަމާސް އަދި އިޒްރޭލުން ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލަނީ

21 May 2021 | 01:19

ޣައްޒާގެ ކަންތައްތައް ބަލަހައްޓަމުންދާ ހަމާސް ޖަމާޢަތުންނާއި އެ ޝަހަރަށް ހަމަލާދެމުންދާ އިޒްރޭލުން، ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިސްރު މެދުވެރިވެގެން އެއްބަސްވެފައިވާ މި "ސީޒްފަޔަރ"އަށް ހުކުރު ދުވަހު މެންދަމު ދޭއް ޖަހާއިރުން ފެށިގެން ދެ ފަރާތުގެ މެދުގައި ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލަން ހަމާސްއިން ވަނީ އެއްބަސްވެފައެވެ.

މިކަން ވަނީ އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުންވެސް އިއުލާންކޮށްފައެވެ. ނަމަވެސް އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ވަގުތެއް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

ހަމާސް އަދި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލަން ނިންމާފައިވަނީ ކޮން ޝަރުތުތަކެއްގެ މައްޗަށްކަން މިހާތަނަށް ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ފާއިތުވެދިޔަ 11 ދުވަހުގެ ތެރޭގައި ހަމާސް އަދި އިޒްރޭލުގެ ދެމެދުގައި ހަމަލާ ބަދަލުކުރެވުނު އިރު، 232 މީހަކު ޝަހީދުވިއެވެ. އޭގެ ތެރެއިން 65 މީހުންނަކީ ކުޑަކުދިންނެވެ.

އަދި 1900 މީހުން ޒަޚަމްވިއިރު، ޣައްޒާގެ ގިނަ އަދަދެއްގެ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Advertisement

ކޮމެންޓް