އިންޑިއާ ކޮންސިއުލޭޓް ޤާއިމް ކުރުމުން އައްޑޫއަށް ކުރިއެރުން ލިބޭނެ - އަސްލަމް

26 May 2021 | 20:17

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމް ކުރުމުން، އައްޑޫއަށް ކުރިއެރުންތައް ލިބިގެން ދާނެކަމަށް އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މެންބަރު އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުގެ ސަބަބުން، އައްޑޫއާއި އިންޑިއާއާއި ދެމެދުގައި ވިޔަފާރީގެ ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށެވެ. އަދި އެ ގުޅުން ވަރުގަދަވެ އިންޑިއާގެ އިންވެސްޓުމަންޓުތައް އައްޑުއަށް ލިބި، ވިސާގެ ފަސޭހަތަކެއް ވެސް އައްޑޫ ރައްޔިތުންނަށް ލިބޭނެކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވެފައިވަނީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޤާއިމް ކުރުމުގެ ހުއްދަ އަވަހަށް ލިބިގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ރޭ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ނިންމުމަކީ އިންޑިއާގެ ނިންމެވުމެއް ކަމަށް ރޭ ވަނީ ރައީސް ޞާލިޙް ވިދާޅުވެފައެވެ.

އަދި ދިވެހި ސަރުކާރުން އެކަމުގައި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް ރައީސް ޞާލިޙު ވަނީ ރޭ ވިދާޅުވެފައެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ ނިންމުން ދިވެހި ސަރުކާރާއި ހިއްސާ ކުރައްވާނެ ކަމަށާއި، ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން، އެއް ފަރާތަކުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަ ކުރުމަށް ދެކެވެންޖެހޭ ވާހަކަތައް ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފޮޓޯ: ސަން 

Advertisement

ކޮމެންޓް

Advertisement