30 May 2021 | 17:42
އިންޑިއާގެ ޑިޕްލޮމެޓިކް އޮފީހެއް އައްޑޫގައި ހެދުމުގެ ފަހަތުގައިވަނީ އެންމެ ސަބަބެއް!

އައްޑުއަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން އުޅުވުމާއިބެހޭ ގޮތުން މިނިމިގެންދާ ހަފްތާއަކީ ރާއްޖޭގައި ވަރަށް ބޮޑު ބަހުސެއް އުފެދި ހިގަމުންދާ ދުވަސްކޮޅެކެވެ. މިބަހުސެއް އުފެދިގެން މިއުޅެނީ ދިވެހި ސަރުކާރާއި އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުއްލިގޮތަކަށް އައްޑުއަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން ނިންމަވައި އެކަން އިންޑިއާ ސަރުކާރުން ހާމަކުރުމާއިގުޅިގެންނެވެ. އާއްމުގޮތެއްގައި ސަރުކާރުތަކުން މިބާވަތުގެ ކުއްލި ނިންމުން ނިންމާނީ އެގައުމެއްގެ ސިޔާދަތީ ބާރު ހިގާ ސަރަހައްދެއްގައި ކުރާކަންކަމާއި ގުޅޭގޮތުންނެވެ. އެހެންގައުމެއްގައި ކުރާކަމެއްގެ ވާހަކަދައްކާނީ ދެގައުމު ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެތެރެއިން މަޝްވަރާކޮށް އެއްބަސްވެވިފައި ހުންނަ ކަންކަމާއިގުޅޭގޮތުންނެވެ. އިންޑިއާ ސަރުކާރުން ދިވެހި ރާއްޖޭގެ ސްޓްރެޓެޖިކް ސަރަހަދެއްކަމުގައިވާ އައްޑުއަތޮޅުގައި ކޮންސިއުލޭޓް އޮފީހަށް ހުޅުވަން ނިންމި ނިންމުމަކީ ދިވެހި ސަރުކާރާއި މަޝްވަރާކުރެވިގެން ހިގާފައިވާ ކަމެއްކަމެއް ސާފެއް ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިދިޔަ އަންގާރަ ދުވަހުގެރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މިއީ އިންޑިއާ ސަރުކާރުގެ އަމިއްލަ ނިންމުމެއްކަމުގައެވެ. ދިވެހި ސަރުކާރުގެ ޖަވާބެއް ނެތެވެ. ރައީސް ސާލިހްގެ ވާހަކަފުޅާއި އަދި ވާހަކަފުޅު ހުރި ރާގުން އެމަނިކުފާނު އިންޑިއާގެ މިނިންމުމާއިމެދު ޝޮކް ލިބުވަޑައިގެންފައިވާކަން ދޭހަވެއެވެ.

ނަރެންދުރަ މޯދީއަށް އެރި އޮޅުމެއްބާ؟

ފަހަރުގައި މިއީ އިންޑިއާގެ ބޮޑުވަޒީރަށް އޮޅިވަޑައިގެން ކޮންމެވެސް ގޮތަކުން ސުވައިދީބްގެ އަޑުއިވިވަޑައިގެންފައިވަނިކޮށް އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ލަކްޝައްދީބުގެ ދެކުނުގެ ރަށެއްގައި އާކޮންސިއުލޭޓް އޮފީހެއް ހުޅުވަން ނިންމުނު ނިންމުމެއްކަމުގައިވެސް ވެދާނެއެވެ. އެއީ މިދުވަސްވަރު މަލިކުހިމެނޭ ލަކްޝައްދީބުގެ މުސްލިމް މެޖޯރިޓީ ހިމެނޭ ރަށްތަކަށް ބީޖޭޕީގެ ސަރުކާރުން އަލަށް ހަމަޖެއްސި އެޑްމިނިސްޓްރޭޓަރ ޕްރަފުލް ޚޮދާ ޕަޓޭލް އެރަށްރަށުގައި ގޮށްމުށުގެ ބާރު ދައްކައި، ނިކަމެތި މަސްވެރިންގެ މަސްދޯނިފަހަރު އެހެލާ ހަރުގެތައް، އެގައުމުގެ ކޯސްޓްގާޑު ގާނޫނާއި ޚިލާފޭ ބުނެ ހަލާކުކޮށް، އެރަށްރަށުގެ މީހުން ގެރިމަސްކެއުން މަނާކޮށް، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކަން ނިންމައި، މިކަހަލަ ، ލަކްޝައްދީބުގެ މުސްލިމް ރައްޔިތުން ވަރަށް ރުޅިއަންނަ ކަންތައްތަކެއްކޮށް އިންޑިއާގެ އިދިކޮޅު ޕާޓީތަކުން އެމައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއަމުންދާ ދަނޑިވަޅެއްގައި އެރަށްރަށުގައި ބީޖޭޕީގެ ހަރަކާތްތައް ތަންކޮޅެއް ވަރުގަދަކޮށްލަން އޮފީހެއް ހުޅުވަން އުޅުމުގެ ތެރޭގައި ލަކްޝައްދީބާއި ސުވައިދީބުގެ ނަން އޮޅިގެން ސުވައިދީބަކީ އިންޑިއާގެ ތަނެއްކަމަށްބަލައި ނިންމުނު ނިންމުމެއްކަމުގައި ވެދާނެއެވެ.

ކޮންމެއަކަސް މިއީ އަވަށްޓެރި ގައުމުތަކުން ފަހަކަށް އައިސް ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލަށް މަލާމަތް ރައްދުވާގޮތަށް ނިންމި ދެވަނަ ނިންމުމެވެ. މީގެކުރިން ސްރީލަންކާގެ ރައީސްވަނީ އެގައުމުގައި ކޮވިޑްބަލީގައި މަރުވާ މުސްލިމުން ވަޅުލާތަނަކަށް ދިވެހި ރާއްޖެ ހަދައިދޭން ރާއްޖޭގެ ރައީސަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މިފަހަރު މިއައީ ދިވެހި ރާއްޖޭގެ ރައީސަކީ އިންޑިއާގެ ބޮޑުވަޒީރުގެ ގަވަރުނަރެއްގެގޮތުގައި ހުންނަވާ ބޭފުޅެއްކަމަށް މޭރުންވާ ނިންމުމެކެވެ. މިދެކަމަށް ބެލިޔަސް މިއީ ދިވެހިންގެ ބަޔަކު އަނދިރި ދައުލަތެއްގެ ގޮތުގައި ތިބެ އަޑިއަޑިން ރާވަމުން މަޝްވަރާކުރަމުން އައިސް ފާޅުވަމުންދާ ކަންކަން ކަމަށް ލަފާކުރެވެއެވެ.

އައްޑޫ މީހުންގެ މާޒީގެ ތަޖުރިބާ؟

އިންޑިއާގެ ނިންމުން ފާޅުވުމާއެކު އައްޑުއަތޮޅުގެ މީހުންގެ ޚިޔާލު ދެކަފިވެފައިވެއެވެ. އެއީ ބަޣާވާތްކޮށް ދިވެހި ދައުލަތުން ވަކިވެގެން އިންގިރޭސިންގެ ހިމާޔަތް ލިބޭ ދައުލަތެއް އިއުލާންކުރުމަށް މީގެކުރިން އެއަތޮޅުގައި އުފެދުނު ކަހަލަ ބަހުސެކެވެ. އެފަހަރުވެސް އެއަތޮޅުގެ ރައްޔިތުންގެ ދެބައިވިއެވެ. އެއްބަޔަކު ތިބީ ދިވެހި ދައުލަތް ހިމާޔަތް ކުރުމުގައެވެ. އެކަމަކު ގިނަ މީހުންތިބީ ދިވެހި ގައުމަށް ޣައްދާރުވެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ދައުލަތެއް ހަދަން ކެތް މަދުވެފައެވެ. ދައުލަތް ހަދަން ބޭނުންވި މީހުންނަށް ފެނުނީ ރުފިޔާ ފައިސާއާއި ހަނޑުލާއި ހަކުރާއި ގޮދަންފުށާއި އެމީހުން ދުވަހަކު ނުދެކޭ ލަގްޒަރީ އެހެންސާމާނެވެ. އިނގިރޭސިން ބޭނުންވީ މުދަލުގެ މަސްތުގައި އައްޑޫ މީހުން ރަގަޅަށް ޖައްސުވާފައި އިންޑިއާގެ ކަޝްމީރަށް އިނގިރޭސިން ހެދިގޮތަށް ރާއްޖެވެސް ބައިކޮށް އެމީހުންގެ އަސްކަރީ މަރްކަޒަކަށް އައްޑުއަތޮޅު ގަން ހެދުމެވެ. އިނގިރޭސިންގެ މަކަރުވެރި ރޭވުން އަފީފް ދީދީއަށް ރަގަޅަށް އެގިވަޑައިގަންނަވައެވެ. އެކަމަކު ބަޣާވާތްކުރި އައްޑޫ މީހުންނާއި އިނގިރޭސިން އެކައްޗެއްކިޔައި އަފީފްދީދީ ގޭބަންދުކޮށް ކުރި ޖެއްސުމާއި ދިން އިންޒާރުތަކަށް އޭނާއަށް ބޯލަބަން މަޖްބޫރުވިކަމަށް އަފީފްދީދީގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ކިޔައެވެ.

މިއަދު އިންޑިއާއިން އައްޑުއަތޮޅުގައި އެސަރުކާރުގެ ޑިޕްލޮމެޓިކް އޮފީހެއް ގާއިމުކުރަން ނިންމުމުންވެސް އެކަމަށް އުފާކުރާމީހުންގެ ހުވަފެނަކީ އެމީހުންނަށް ލިބޭނެ ރުފިޔާފައިސާއެވެ. އިންޑިއާގެ ފެރިންނާއި އަދި ކާގޯފްލައިޓްތަކުން ގެނެސް ފްލަޑްކޮށްލާނެ މުދާތަކަށެވެ.

އިންޑިއާގެ ދަހިވެތިކަން އައްޑުއާއި ގުޅިފައިވާ ތާރީޚް

އައްޑުއަތޮޅުގައި އިންޑިއާގެ ފައި ހަރުކުރަން މީގެކުރިން އެތަކެއް ފަހަރަކު މަސައްކަތްކޮށްފައިވެއެވެ. ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި އިނގިރޭސިން އައްޑުއަތޮޅުން ފައިބައި، ގަން އެއަރޕޯޓްވެސް ދިވެހި ސަރުކާރާއި ހަވާލުކުރުމުން އެންމެ ފުރަތަމަ ގަމަށް ޝައުގުވެރިކަން ފާޅުކުރި އެއްބަޔަކީ އިންޑިއާއެވެ. ދިވެހި ސަރުކާރުން އެކަމަށް އެއްބަސްނުވީއެވެ. ރައީސް އިބްރާހިމް ނާސިރާއި އަދި ރައީސް މައުމޫންގެ ސަރުކާރުގައި މަސައްކަތްކުރެއްވި، މިކަން ވިޓްނަސް ކުރެއްވި ބޭފުޅަކު ވިދާޅުވީ ދިވެހި ސަރުކާރުން އައްޑުއަތޮޅު ގަން އެހެން ބަޔަކަށް ކުއްޔަށްދޭނަމަ އެންމެ ފުރަތަމަ އިންޑިއާއަށް އިސްކަން ދިނުމަށް އެގައުމުން އެދުނުކަމަށެވެ. އޭގެފަހުން އައްޑުއަތޮޅާއި ކައިރިވާނެ ފުރުސަތެއް ނުލިބިވަނިކޮށް އެމްޑީޕީއަށް 2008 ވަނަ އަހަރު ވެރިކަން ލިބި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ރާޑަރު ސިސްޓަމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ހުއްދަދިނުމުން އިންޑިއާއިން އަވަސްވެގަތީ އައްޑުއަތޮޅުގައި އަސްކަރީ ރާޑަރު ބެހެއްޓުމަށެވެ. އެކަމަކު އައްޑުއަތޮޅަކީ އެމެރިކާގެ އަސްކަރީ ބޭސް ޑިއަގޯގާސިއާއި ދާދި ކައިރީގައިވާ ތަނަކަށްވުމުން އެރާޑަރު ބަހައްޓައިފިނަމަ ހަމަލާދީ ނައްތާލާނެކަމުގެ ހަރުކަށި އިންޒާރު އެމެރިކާއިން ދިނުމުން އެކަން ނުކުރެވުނީއެވެ. އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުގައި އާފެށުމަކުން ޑިޕްލޮމެޓިކް ރައްކާތެރިކަން ލިބިދޭ މަރްކަޒެއްގެ ގޮތުގައި ހުޅުވަން ނިންމީއެވެ.

އިންޑިއާ ކަނޑުގެ މުސްތަގްބަލްގެ ހަގުރާމައާއި އައްޑުއާއި ގުޅޭ އެމްޑީޕީގެ ތަސައްވުރު

އައްޑުއަތޮޅަކީ އިންޑިއާގެ ބާރާއި ނުފޫޒުގެ ތެރޭގައި އޮންނާނެ ތަނަކަށް ހެދުމުގެ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެކޭ ބުނުމުން ބަޔަކު ރުޅިއަތުވެދާނެއެވެ. އެކަމަކު އެކަމަށް ބާރިލިބިދޭ އިވެންޓްތަކެއް ފެނިގެންގޮސްފައިވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރައިސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެ ކޮޅުބުގައި ހުންނަވާފައި އެމަނިކުފާނު ރާއްޖެ ވަޑައިގެން އައްޑުއަތޮޅަށް އެންމެ ފުރަތަމަ ވަޑައިގަތުމުން އެއަތޮޅުގެ ރައްޔިތުން އެމަނިކުފާނު އެމީހުންގެ ކޮނޑުކޮނޑުމަތިންނާއި އަތްދަނޑިމަތިން އުފުލައި ރަސްކަލަކަށް އަރުވާނެ އިއްޒަތް އަރުވައި އެމީހުންގެ ހިތުގައި އޮތް، ވީހާލެއްގައިވެ ދެގޮތެއްނުވާނެ ގަދަ ލޯތްބާއި އިހްތިރާމް ދެއްކިއެވެ. އެދުވަހު އެމަނިކުފާނު އައްޑޫ ރައްޔިތުންނަށް މިބޮޑު މެސެޖެއް ދެއްވިއެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތާގައި އިންޑިއާ ކަނޑުގައި ހިގާ ހަގުރާމައެއްގެ މުހިއްމު ތަނަކަށް އައްޑުއަތޮޅުވެގެންދާނެކަމަށެވެ. ހަގުރާމައިގެ މައިދާން ތައްޔާރުވަމުންދާކަމަށާއި އެކަން ނިމިގެންދާނީ އައްޑުއަތޮޅުންކަމުގައި ވިދާޅުވިއެވެ. އައްޑުއަތޮޅުގެ މީހުން އުފަލުން އަތްތިލަބަޑި ޖަހައިހެދިއެވެ. މިހާރު އިންޑިއާގެ ހަރުކަށި ބޮޑުވަޒީރު ނަރެންދުރާ މޯދީ އައްޑުއަތޮޅުގައި ޑިޕްލޮމެޓިކް އޮފީހެއް ހުޅުވަން ނިންމުމުން އެކަމަށް އެންމެ ގަދަޔަށް ތާއީދުކުރަނީ އެޕާޓީގައި ތިބި އައްޑުއަތޮޅަށް ނިސްބަތްވާ އެޕާޓީގެ އިސް ބޭފުޅުންނެވެ. ގާނޫން ހަދާ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމާއި މޭޔަރު އަލީ ނިޒާރުފަދަ އެއަތޮޅުގެ ނުފޫޒުގަދަ ބޭފުޅުންނެވެ. އެބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ އެއަތޮޅަށް އިންޑިއާއިން އޮހޭނެ ރުފިޔާފައިސާއާއި މުދަލެވެ. މޭޔަރުގެ ނަޒަރުގައި ޗައިނާއާއި އެމެރިކާއިންވެސް އައިސް އެއަތޮޅުގައި ޑިޕްލޮމެޓިކް އޮފީސް ހުޅުވަންވީއެވެ. ރުފިޔާފައިސާއާއި މުދަލުގެ މަސްތުގައި ޖެހިފައިވާތީ އިންޑިއާކަނޑުގައި މުހައްމަދު ނަޝީދު ސިފަކުރައްވާފައިވާ ހަގުރާމައިގެ ބެރު ޖަހަމުންދާ އަޑެއް ނީވެއެވެ. އެކަމަކު ދުނިޔޭގެ މަޝްރިގާއި މަޣްރިބަށް އެމެރިކާ އިސްވެ އޮވެގެން ދޮން ކުރަމުންދާ ހަގުރާމައިގެ އަޑު އިވެމުންދެއެވެ. 

އިއްޔެ ރާއްޖެ އެމްވީގައި " އައްޑޫއަށް ކުރިއެރުމެއް ލިބެން ހަމަނޭދެނެތަ؟" މިސުރުޚީގެ ދަށުގައި ލިޔެފައިވާ ލިޔުމެއް ކިޔާލުމުން ޣާފިލްކަމުގެތެރޭގައި އައްޑޫ ރައްޔިތުން ބައިތިއްބަން ފަތުރާ ޕްރޮޕެގެންޑާތައް ގަދަކޮށްފައިވާ މިންވަރު އެގިގެންދެއެވެ. ޑިޕްލޮމެޓިކް އޮފީހެއް އައްޑުއަތޮޅުގައި އިންޑިއާ ސަރުކާރުން ހަދަނީ އައްޑުއަތޮޅުން އިންޑިއާއަށް ބޭސްވެރިކަމާއި ވިޔަފާރީގެ ބޭނުމުގައި ދަތުރުކުރާމީހުން ގިނަވެ އަދި ކާގޯ ފެރީން ގެންނަ މުދާތައް ގިނަކަމުންނާއި މުޅި ދެކުނަށް އެމުދާތައް ފަތުރައިލަން ޖެހިފައިވާލެއް ބޮޑުކަމުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް އެއްބަޔަކު ކިޔައެވެ. މިހާރު އައްޑޫން އިންޓަރނޭޝަނަލް އެއަރލައިން ދަތުރުތައް ފެށުމުން ދަތުރުކުރާ މީހުން މަދުކަމުން ދަތުރުތައް ހުއްޓާލަންޖެހުނަސް މުސްތަގްބަލްގައި ފަތުރުވެރިންވެސް އެހާ ގިނައިން އިންޑިއާއިން އައްޑުއަށް އަންނަން މަގުފަހިވާނެއެވެ. މުއްސަނދިކަން ހީނުކުރާވަރަށް ލިބިގެންދާނެއެވެ. މިއީ އެއަތޮޅަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އިނގިރޭސިންގެ އަތުން އެމީހުންނަށް ބީވި މުއްސަނދިކަން އަލުން އިއާދަވާނެއެވެ. އަދި މިއީ 15 ހާހެއްހާ މީހުން ދިރިއުޅޭ އައްޑުއަތޮޅަށް އިންޓަނޭޝަނަލް ރިކޮގްނިޝަނެއް އައުމެއް ކަމަށްވެސް ދެކެއެވެ. މިޕްރޮޕެގެންޑާ ފަތުރާ މީހުން، އިންޑިއާގެ ރީތިކަމާއި ޗާލޫކަމުގެ ދެވަނައެއް ނެތް ކަޝްމީރާއި ދިވެހި ރާއްޖޭގެ ރަށްތައްކަހަލަ ރީތި ގޮނޑުދޮށް ހިމެނޭ ލަކްޝައްދީބުގެ މުސްލިމް ރައްޔިތުންގެ ތަރައްގީ 70 އަހަރުގެ ފަހަތަށް ޖައްސައި އެމީހުންނަށް އަޅާލުމުގެ ބަދަލުގައި އައްޑުއަތޮޅު މީހުންނަށް މުއްސަނދިކަމާއި ތަރައްގީ ގެނުވަން އިންޑިއާއިން ޑިޕްލޮމެޓިކް އޮފީހެއް ހުޅުވަނީކަމަށް އުއްމީދުކޮށް ހުވަފެންދުށުމަކީ ކަނޑުކޮސް މޮޔަ ވިސްނުމެކެވެ. އެކަމަކު ރުފިޔާފައިސާގެ މަސްތަކީ އެއަށްވުރެ މާބާރުގަދަ މަސްތަކެވެ. ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ އެކިފަހަރުތަކުގައި ދިވެހިންގެބަޔަކު ޚިޔާނާތްތެރިވެފައިވަނީ ރުފިޔާފައިސާއާއި މުދަލުގެ މަސްތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Jun 2026
އައު މަސްމާރުކޭޓް މަޝްރޫއުއަށް ކައުންސިލުން ހުރަސް އަޅާ، އެކަމަކު މަޝްރޫޢު ކުރިއަށްދާނެ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
19 Jun 2026
15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ މިހާތަނަށް ހިފެހެއްޓި އެންމެ ބޮޑު ޝިޕްމަންޓް
މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 15,601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
19 Jun 2026
މަސްގަންނަ އަގު 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ އަމާޒެއް: ރައީސް
އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭ ގޮތެއްވުމުން އެކަން ވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
19 Jun 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ 2ވަނަ ކޯސް ފަށައިފި
16 ހަފުތާގެ މުއްދަތަށް މިއަދު ފެށި މި ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ.
19 Jun 2026
ކޮންގޯގެ 'ސްޓެޗޫ' ސަޕޯޓަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ނުފެނުނީ ކީއްވެ؟
"ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ މިޝެލް ކުކާ އެމްބޯލަޑިންގާ އަކީ، މެޗު ކުރިއަށްދާ މުޅި 90 މިނެޓު ވަންދެން އެއްވެސް ހަރަކާތެއް ނެތި ބުދެއް ފަދައިން ހުއްޓި ހުރެގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސަޕޯޓަރެކެވެ.
19 Jun 2026
ޕީއެންސީ ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ރައީސްކަމަށް އަހުމީޒު
އެކި ދާއިރާތުން ޕާޓީ ހިންގުމަށް މީހުން ހޮވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ހަރަކާތްތައް ހިންގާލުމުގެ އުއްމީދުގައި އެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައިގެން ހުރި އަހުމީޒު ސައީދަކީ ތަފާތު ޝަޚުސިއްޔަތެކެވެ.
19 Jun 2026
އާޝޫރާ ދުވަހުގެ ހާދިސާ
ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާ ބެހޭގޮތުން ޚުޠުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށެވެ. އަދި ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހުގެ ކުރިން ދުވަހެއް (9 ވަނަ ދުވަސް) ނުވަތަ ފަހުން ދުވަހެއް (11 ވަނަ ދުވަސް) ހިމަނައިގެން ރޯދަހިފުމަށް އިރުޝާދު ދިނެވެ.
19 Jun 2026
ވަގަށް ވޭޕް ކާޓްރިޖް އެތެރެކުރަން އުޅުނީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި
ކަސްޓަމްސްއިން މި މަހުގެ 17 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 5,600 ވޭޕް ކާޓްރިޖަކީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިން ފެނުނު ތަކެތިކަން ހާމަވެއްޖެއެވެ.