ރައީސް ނަޝީދާއި ރައީސް ޞާލިހަކީ "އެކައްޗެއް": މުހައްމަދު އިސްމާއީލް

30 May 2021 | 20:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ "އެކައްޗެއް"ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ޞާލިހަކީ އެކައްޗެއްކަމަށާއި އެ ދެބޭފުޅުން އަތުން ދެން ވެރިކަން ގެއްލެން ބޭނުމެއް ނުވާނެކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން ރާވައިގެން ރައީސް ނަޝީދު ވަކި ފެކްޝަނެއް ހެދުމުގެ ބޭނުމަކީ ދެންވެސް ޤާސިމާ އަދާލަތާ އަދި ގިނަބަޔަކަށް އޮޅުވާލައިގެން 2023 އެމްޑީޕީގައި އޮތުންކަމަށް މުހައްމަދު އިސްމާއީލް ވަނީ ތުހުމަތުކޮށްފައެވެ.

އަދި މި ބޭފުޅުންގެ މަކަރާއި އެއްވަރަކަށް ފުޅާކޮށް ވިސްނަންޖެހޭކަމަށާއި، "ޔަހޫދީން" ކޮންމެފަދަ ޑްރާމާއެއްވެސް ކުޅެފާނެކަން ދަންނަންވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

"އިންޑިޔާއިންވެސް އެކަން އެމަގުން ދިއުމަށް ބޭނުންވާނެ. ވެރިކަން ބަދަލު ވުމަކީ އެމީހުންގެ ދުވަސް ދިއުން"، އެބޭފުޅާ ވިދާޅުވިއެވެ.

މި ފަހަަކަށް އައިސް އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަން ވަރަށް ފާޅުގައި ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް އެމްޑީޕީން ވަނީ އެކަން ދޮގުކޮށް، އެފަދަ ކަމެއް ނުހިނގާކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ތަފާތު ޚިޔާލުތަކަށް މަރުހަބާ ކިޔާ ޕާޓީއެއްކަމަށް ބުނެފައެވެ. މި ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް ނަޝީދު ވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ޝައުގުވެރިވާކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް