ފްލައިންގ ސްކޫލް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުގެ އެޕްލިކޭޝަން ލިބޭވަރުވާނީ ސެޕްޓެމްބަރުގައި

01 Jun 2021 | 08:51

ރާއްޖޭގައި ފްލައިންގ ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، މިއަހަރުގެ ސެޕްޓެމްބަރު ހިސާބުގައި އެޕްލިކޭޝަން ހުށައަޅާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ލަފާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއިން މިއަދު ވަނީ ކަމާ ބެހޭ އިދާރާތައް ހާޒިރުކޮށް، އައްޑޫ އޭޝިޔަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދާފައެވެ.

މި ބައްދަލުވުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ވިދާޅުވީ، މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި އެޕްލިކޭޝަން ލިބޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް މިއީ ހާލަތާއި އެކު ބަދަލުވެދާނެ ތާރީޚެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގެ އެހީގައި އެކެޑެމީގެ މިހާރުގެ ހާލަތާއި، ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، އެ ދަރިވަރުންނަށް މާލީ ގޮތުންނާއި ވަގުތުގެ ގޮތުން ދިމާވާ މައްސަލަތަކަށް ލުއި ހޯދަދެވޭނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިބައްދަލުވުމުގައި ވިދާޅުވީ ކިތަންމެ އަވަހަކަށް އައު ފްލައިން ސްކޫލެއް ހުޅުވަން ބޭނުންވި ނަމަވެސް، އެއީ ގަދަބާރުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، އެޕްލިކޭޝަން ހުށައެޅުމުން ސިވިލް އޭވިއޭޝަން އޮތޯރިޓީ މެދުވެރިކޮށް، ހުރިހާ ކަމަކަށް ފެސިލިޓޭޓް ކޮށްދޭން ތައްޔާރަށް ތިއްބެވި ކަމަށް މިނިސްޓްރީގެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އޭއޭއޭގެ މައްސަލައަކީ އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް އަންނަ މައްސަލައެކެވެ. އެގޮތުން، 28 މަސް ދުވަހުން ނިމޭ ކޯސް 3 އަހަރު ވާއިރުވެސް ނުނިމޭކަމުގެ ޝަކުވާ ހުށަހެޅިފައި ވެއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement