ބަންގްލަދޭޝްގެ އާރމީ ޗީފް ރާއްޖެ ވަޑައިގަތީ ކޮންކަމަކުބާ؟

09 Jun 2021 | 09:07

ޗައިނާގެ އިގްތިސާދު ފުޅާވެ އެގައުމުގެ އާރާއިބާރު އޭޝިޔާ ޕެސެފިކާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގަދަވަމުންދާތީ އިންޑިއާއާއި އޮސްޓްރޭލިޔާއާއި އެމެރިކާއާއި ޖަޕާން ގުޅިގެން އަސްކަރީ އެލަޔަންސެއް އުފައްދައި އެލަޔަންސްގެ ތެރެއަށް ސަރަހައްދުގެ އެހެން ގައުމުތައް ވެއްދޭތޯ މަސައްކަތް ކުރަމުން ދެއެވެ. އެހެންނަމަވެސް މިހާތަނަށް އިންޑޮނޭޝިއާއާއި މެލޭޝިއާއާއި ސިންގަޕޫރާއި ތައިލެންޑްފަދަ ގައުމުތަކުން މިއެލަޔަންސަށް ނޫނެކޭ ބުނެފައިވެއެވެ. ދެކުނު ކޮރެޔާއިން ވަރަށް ފަސްޖެހެއެވެ. އިންޑިއާ ކަނޑުގެ ގައުމުތަކުގެތެރެއިން ޕާކިސްތާނާއި ސްރީލަންކާވަނީ މިއެލަޔަންސާއި ނުގުޅޭނެކަމަށް ބުނެފައެވެ.

އެކަމަކު އިންޑިއާ ކަނޑު ހިއްސާކުރާ ބަންގްލަދޭޝްއާއި އަދި އެކަނޑުގެ އެންމެ ސްޓްރެޓަޖިކް ޕޮޒިޝަނެއްގައި އޮތް ދިވެހި ރާއްޖެ މިއެލަޔަންސާއިމެދު ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މިހެން މިކަން އޮއްވައި މީގެ ދެހަފްތާއެއް ކުރިން ބަންގްލަދޭޝްގައި ހުންނަވާ ޗައިނާގެ ސަފީރު ބަންގްލަދޭޝް ސަރުކާރަށް އިންޒާރެއް ދީފިކަމަށް އިންޑިއާގެ މީޑިއާތަކުގައި ލިޔެފައިވެއެވެ. " ކޯޑް" ގެނަމުން ނަންދީފައިވާ މިއެލަޔަންސްގައި ބަންގްލަދޭޝްގެ ސަރުކާރުން ބައިވެރިވެ ޗައިނާއާއި ދެކޮޅަށް ހަރަކާތްތެރިވާން ފަށައިފިނަމަ ޗައިނާއާއި ބަންގްލަދޭޝްގެ ގުޅުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ޗައިނާގެ ސަފީރު ވިދާޅުވެފައިވެއެވެ. ޗައިނާގެ އިންޒާރު އަންނާނީ ކަށަވަރުންވެސް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށެވެ. ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަކީ އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީއާއި ވަރަށް ޚާއްސަ ގުޅުމެއް ބާއްވާ ބޭފުޅެކެވެ. ހަސީނާގެ ސަރުކާރަކީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަމަށް ބައެއް ފަރާތްތަކުން ކިޔައެވެ. އިންޑިއާ ކަނޑު ކޮންޓްރޯލްކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ އެންމެ މުހިއްމު ދެ ތަނބަކީ ދިވެހި ރާއްޖެއާއި ބަންގްލަދޭޝްއެވެ.

ދިވެހި ރާއްޖޭގެ ޑިފެންސް ޗީފް ޖެނެރަލް ޝަމާލް ދާދި ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި ކޯޑް އެލަޔަންސްގެ ޕްރިންސިޕަލްތަކަށް ދިވެހި ރާއްޖެއިން ތާއީދުކުރާކަން ފާޅުކޮށްފައިވެއެވެ. އެހެންވިޔަސް ބަންގްލަދޭޝްއާއި ދިވެހި ރާއްޖެ ރަސްމީކޮށް ކޯޑްގައި ބައިވެރިވެ ޗައިނާއާއި ދެކޮޅަށް ނުކުމެފައިވާކަން ހާމަކޮށްފައި ނުވެއެވެ.

ދިވެހި ރާއްޖެއާއި މާދުރުގައި އޮތް ބަންގްލަދޭޝްއަކީ އެއް އިރެއްގައިވެސް ދިވެހި ރާއްޖެއާއި އަސްކަރީ ކަންކަމުގައި މާކަބޮޑު ރޯލެއް އަދާކުރާ ގައުމަކަށް ނުވެއެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބަންގްލަދޭޝްގެ އާރމީ ޗީފް ވަޑައިގަތުމުގެ ފަހަތުގައި އޮތީ މައިގަނޑުގޮތެއްގައި ކޯޑްއެލަޔަންސްގެ މައްސަލަކަމަށް ލަފާކުރެވެއެވެ. 

Advertisement

ކޮމެންޓް