ހެލްތް މިނިސްޓަރ ނަސީމް އިސްތިއުފާ ދެއްވުމަށް ޕީޕީއެމްއިން ގޮވާލައިފި

02 Jun 2021 | 17:11

ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުންދާކަމަށް ބުނެ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ، ކޮވިޑް-19 މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ހަރުއަޑުން ގޮވާލާ ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދު ކޮށްފައިވާއިރު، މިފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާ ކަމަށާއި ކޯވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުން ވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި އެހެންކަމުން ހެލްތް މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށް ޤަބޫލު ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ކޯލިޝަނުން ވަނީ ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާ ކަމަށާއި އަދި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް19 އަށް ޕޮޒިޓިވްވެ ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވި ޚަބަރު އެ ކޯލިޝަނުން އެހީ ފުން ހިތާމަޔާއެކު ކަމަށާއި މަރްޙޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރާ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement