ނޫހުގައި ލިޔެފައި އޮތީ ކަންހިނގި ގޮތަށްތޯއެއް ބަލާކަށް މަޖިލީހަކުން ނޫޅޭ: އިބްރާ

04 Jun 2021 | 09:00

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުޚީގެ ދަށުން "މިހާރު އޮންލައިން" ގައި 28 މެއި 2021 ގައި ޝާއިޢުކޮށްފައިވާ ލިޔުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ޢަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން، މަންދު ކޮލެޖުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް (އިބްރާ) މަޖިލީހަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މެއި 6 ވަނަ ދުވަހު ދިން ހަމަލާގެ ކުރިން، އެމަނިކުފާނަށް ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ވާހަކަ އެމްއެންޑީއެފުން އެންގިކަމަށް ލިޔެފައިވާ ލިޔުމަކާއި ގުޅިގެން މަޖިލީހުގެ ޢަމަލުތަކަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވީ، ނޫހެއްގައި އެއްޗެއް ލިޔުނީމާ މަޖިލީހުން ތެޅިގަތީ ނޫހަށް މަޢުލޫމާތު ދިނީ ކާކުތޯ ބަލަން ކަމަށެވެ.

އިބްރާ ވިދާޅުވީ، ކޮންމެ މީހަކު މަޢުލޫމާތު ދިންކަމުގައި ވީނަމަވެސް، ނޫހުގައި ލިޔެފައި އޮތީ، ކަން ހިނގިގޮތްތޯ ބަލާކަށް (މަޖިލީހުން) ނޫޅޭ ކަމަށެވެ.

އިބްރާ މިފަދައިން ވިދާޅުވެފައިވާއިރު، "މިހާރު" ނޫހުގައި އާންމުކޮށްފައިވާ ލިޔުމާއި ގުޅިގެން، އެ ނޫހަށް އެމަޢުލޫތު ލިބުނު ގޮތެއް ސާފުކުރުމަށް އެމްޑީޕީގެ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އަދި އެ ނޫހަށް މަޢުލޫމާތު ދިން މަސްދަރު ހޯދުމަށް މަސައްކަތް ކޮށްފާނެތީ، އެކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމުޢިއްޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

Advertisement

ކޮމެންޓް