ކޮންމެ މިނިވަންކަމަކާއެކު ޒިންމާތަކެއް އަންނާނެ: ރައީސް ޝާލިހް
ކޮންމެ މިނިވަންކަމާއި އެކު ޒިންމާތަކެއް އަންނާނެކަމަށާއި ނޫސްވެރިންނަކީ މިނިވަންކަމާއެކު މަސައްކަތްކުރާހިނދު އެކަން ހަނދާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބީދައިން އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުންދާ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ނޫސްވެރިން ހާމަކުރާ މައުލޫމާތަކުން ނުވަތަ ލިޔާ ލިޔުމަކަށް ބަލައި އަދަބު ނުދެއްވާނެކަމަށެވެ. ނަމަވެސް ނޫސްވެރިންނަކީ މިނިވަންކަމާއި އެކު މަސައްކަތްކުރާ ބަޔަކު ކަމުގައިވިޔަސް، ކޮންމެ މިނިވަންކަމާއި އެކު ޒިންމާތަކެއް އަންނާނެކަމަށް ހަނދާންކުރެއްވުމަށް އެމަނިކުފާނު ވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
އަދި ރައްޔިތުންގެ ވާހަކަތައް ގެނެސްދޭ އިރު ހަގީގަތާއި އެއްގޮތަށް ގެނެސްދިނުމަަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މި އިންޓަރވިއުގައި ރައީސް ސޯލިހު ވަނީ ޕީއެސްއެމްއާއި ބެހޭގޮތުންވެސް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން ޕީއެސްއެމްގެ ޗެނަލްތައް ހިނގާފައިވާ ގޮތުން ގިނަބަޔެއްގެ ކަންބޮޑުވުން އެބަހުރިކަމަށާއި މި ސަރުކާރުގެ ވިސްނުންހުރީ ޕީއެސްއެމްއަށް ނުފޫޒު ނުފޯރުވައި ދައުލަތުގެ މީޑިޔާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ދިނުންކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists