ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ރައީސް އިފްތިތާހުކޮށްދެއްވައިފި

30 Dec 2018 | 12:24

ދިވެހި ބޭސްވެރިކަން ކުރިއެރުވުމާއި ގުޅޭ ގައުމީ މަހާސިންތާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ފެއްޓި މި މަހާސިންތާގައި ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގެ ދާއިރާގައި ހަރަކާތްތެެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ.

ހެލްތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި މަހާސިންތާގައި ދިވެހި ބޭސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މެދު ވާހަކަދެއްކޭނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަހާސިންތާ އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްކަމަށާއި އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއްކަމަށެވެ. އަދި އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަހާސިންތާގެ ތެރެއިން ވަނީ ދިވެހި ބޭސްވެރިކަމުގެ ފޮތްތަކާއި ބޭނުންކުރާ ބާވަތްތައް ދައްކާލުމުގެ މައުރަޒެއްވެސް ފައްޓާފައެވެ.

Advertisement

ކޮމެންޓް

Advertisement