ރަނގަޅު ނިންމުންތައް ނިންމުމުގައި ސްމާޓް ސިޓީތައް މާ ކުރީގައި!

22 Jun 2021 | 17:53

އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ނިންމަންޖެހޭ ނިންމުންތައް އާންމުގޮތެއްގައި ބިނާކުރަނީ އަޅުގަނޑުމެނަށް ލިބޭ މަޢުލޫމާތުތަކުގެ މައްޗަށެވެ. މިސާލަކަށް ދަންނަވަނީނަމަ، ފިހާރައަކުން މުދަލެއް ގަތުމުގެ ކުރިން އަޅުގަނޑުމެން އެމުދަލުގެ އަގު އެހެން ފިހާރަތަކާ އަޅާކިޔަމެވެ. އަދި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ޖީބަށް ލުއިވާނޭހެން އިޤުތިޞާދުކުރަމެވެ. މިގޮތަށް ލިބިފައިވާ މަޢުލޫމާތަކީ ހިސާބުން މިނެކުރެވޭ ފަރަގުތަކަށްވެސް ވެދާނެއެވެ. ނޫންނަމަ، އާންމު ދިރިއުޅުމުގައި ފާހަގަކުރެވިފައިވާ ކަންކަމަށްވެސް ވެދާނެއެވެ. ނުވަތަ، ތަފާސް ހިސާބުގެ ގޮތުގައިވެސް މިފަދަ މަޢުލޫމާތު ލިބިދާނެއެވެ.

އަދުގެ ދުނިޔެއަކީ، ހަމަ މިފަދައިން، އެކިއެކި މަޢުލޫމާތު ނުވަތަ ޑޭޓާގެ މައްޗަށް ބަރޯސާވެފައިވާ ތަނެކެވެ. އާންމު ދިރިއުޅުމުގެ ކަންކަމެކޭ އެއްފަދައިން، ސިޓީ ފަދަ އިދާރީ ދާއިރާތައް ހިންގުމުގައިވެސް މަޢުލޫމާތާއި ޑޭޓާ ނުހަނު ބޮޑު ދައުރެއް އަދާކުރެއެވެ. މުޖުތަމަޢުގައި ހުންނަ އެކި މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށް ޑޭޓާ ބޭނުންކުރެވެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން މިއަދު ފެންނަ މަންޒަރަކީ ޑޭޓާ މެދުވެރިކޮށް އެޤައުމެއްގައި ނުވަތަ ސިޓީއެއްގައި ހިމެނޭ އިޤުތިޞާދީ، އިޖުތިމާޢީ އަދި ތަރައްޤީ އާއި ގުޅުންހުރި ކަންކަން ފާހަގަކޮށް، މުޖުތަމަޢުގެ ބޭނުންތަކާއި އެއްގޮތަށް ޙައްލުތައް ފަރުމާކޮށް ޚިދުމަތްދޭ މަންޒަރެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އާންމު ފަރާތްތަކަށާއި ވިޔަފާރިތަކަށް އެކިއެކި ކަންކަމާ ގުޅޭ މަޢުލޫމާތު ނުވަތަ ޑޭޓާ ފަސޭހައިން ލިބެން ނުހުންނަކަމީ ވަރަށް ގިނައިން ބަހުސްކުރެވޭ މައުޟޫޢެކެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި 'ބިގް ޑޭޓާ'ގެ އަލީގައި ލިބެމުންދާ ކުރިއެރުންތައް ފާހަގަކޮށް، މިފަދަ ކަންކަން ރާއްޖޭގައި ފަހިކޮށްދިނުމަށް އެދި ގޮވާލާތާ އެތައް އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް، އަދިވެސް މިކަމަކީ އެންމެ އެކަށީގެންވާ ޙައްލެއް ހޯދިފައިނުވާ މައްސަލައެކެވެ.

އާންމުގޮތެއްގައި ބިގް ޑޭޓާ ބެހިގެންދަނީ ތިން ބަޔަކަށެވެ. އެއީ އިޖުތިމާޢީ ޑޭޓާ އާއި، މެޝިން ޑޭޓާ އަދި ޓްރާންސްއެކްޝަނަލް ޑޭޓާ މި ތިން ބައެވެ. އިޖުތިމާޢީ ޑޭޓާ އަކީ ވިޔަފާރިކުރާ އާންމު ފަރާތްތަކުގެ ހަރަކާތްތަކުން ލިބެން ހުންނަ މަޢުލޫމާތެވެ. މިސާލެއްގެގޮތުން، އާންމު ފަރާތަކުން އޮންލައިންކޮށް ކުރާ ވިޔަފާރިތައް މެދުވެރިކޮށް އޭނާއަށް ކަމުދާ ތަކެއްޗާއި ކަމުނުދާ ތަކެތި ދެނެގަނެވޭނެއެވެ. އަދި މިފަދަ މަޢުލޫމާތުގެ އަލީގައި ކަސްޓަމަރުންނާއި ބެހޭ މުހިއްމު މަޢުލޫމާތުތައް ދެނެގަނެވޭނެއެވެ. ބިގް ޑޭޓާގެ ދެވަނަ ބާވަތަކީ މެޝިން ޑޭޓާއެވެ. މިއީ މޯބައިލް ފޯން ނުވަތަ އިންޖީނުލީ އުޅަނދުތައް ފަދަ އާލާތްތަކުން ލިބެންހުންނަ މަޢުލޫމާތެވެ. މީގެން އިންސާނުންގެ ހަރަކާތްތައް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. ބިގް ޑޭޓާގެ ތިންވަނަ ބާވަތަކީ ޓްރާންސްއެކްޝަނަލް ޑޭޓާ އެވެ. މިއީ، އޮންލައިން އަދި އޮފްލައިން ކޮށް ހިންގާ މުއާމަލާތްތަކުގެ މައްޗަށް ބިނާކޮށް އެއްކުރެވޭ މަޢުލޫމާތެވެ. މިމަޢުލޫމާތުގެ އަލީގައި، ޑޭޓާ ސައިންޓިސްޓުންނަށް މުސްތަޤުބަލުގައި ކަންހިނގާނޭ ގޮތް ނުވަތަ އާންމު ފަރުދުންގެ ޢަމަލުތައް ބަހައްޓާނޭގޮތް ލަފާކުރުމަށް އެހީތެރިވެގެން ދެއެވެ.


ޑޭޓާ ލިބެން ހުރުމަކީ ވަކި އިތުރު ކުރިއެރުމެއް ނޫން – މުހިއްމީ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފުން.

ސްމާޓް ސިޓީތަކަކީ އެސިޓީއެއްގައި ލިބެންހުރި ޑޭޓާ ރައްޔިތުންނަށާއި ވިޔަފާރިތަކާ ހިއްސާކުރާ، އަދި ކަންކަން ނިންމުމުގައި އެފަރާތްތައް ބައިވެރިވުން ހޯދާ ތަންތަނެވެ. މީގެ މަޤްޞަދަކީ ސިޓީތަކުގައި ދިރިއުޅޭ މީހުންނަށާއި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދީ އެކަން މަގުފަހިކޮށްދިނުމެވެ.

ކުރިންވެސް ފާހަގަކުރެވުނުހެން، އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖޭގައި ޑޭޓާ ލިބުމަށް ދަތިތަކަކާއި، ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ނަމަވެސް، ކޮރޯނާވައިރަސްގެ ވަބާގެ ތެރެއިން ފެނިގެންދިޔަ އެއް މަންޒަރަކީ، ސަރުކާރާއި އާންމު ވިޔަފާރިތައް އަދި ތަޢުލީމީ ޚިދުމަތްތައްދޭ މަރުކަޒުތަކުން ދެމުން އައި ޚިދުމަތްތައް ވަރަށް ކުރުމުއްދަތެއްގައި އޮންލައިން ސިސްޓަމަކަށް ބަދަލުވެގެން ދިޔަ މަންޒަރެވެ. ޒަމާނުއްސުރެ ސަރުކާރުގެ ވުޒާރާތަކުން ދެމުންއައި ޚިދުމަތްތައް މެދުކެނޑުމެއްނެތި އިންޓަރނެޓް މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނީ ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓެވެ. މިގޮތުން، ސަރުކާރުގެ ވުޒާރާތަކުން އޮންލައިންކޮށް ޚިދުމަތް ހޯދާ ފަރާތްތަކާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް އެއްކުރުމަށް މިކަމުގެ ސަބަބުން ވަނީ މަގުފަހިވެގެން ގޮސްފައެވެ. މިފަދަ މަޢުލޫމާތުތަކަކީ، އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިއްޖެނަމަ، ޤައުމުގެ ތަރައްޤީއަށް އިތުރު ދުވެއްޔެއް ގެނެސްދޭނޭ ކަންކަމެވެ. އަދި ހަމަ އެހެންމެ، މިފަދަ މަޢުލޫމާތުތަކުގެ އަލީގައި ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުށްފެންނަ އުސޫލުތައް ޤާއިމުކޮށް، ޚަރަދުތައް ކުޑަކޮށް، މަދަނީ ޖަމުޢިއްޔާތަކާއި އާންމު ފަރުދުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވާ މިންވަރު އިތުރުކުރެވިގެން ދާނެއެވެ.

ހަމަމިފަދައިން، އަދުގެ ދުނިޔޭގައި ކުދި އަދި ބޮޑު ހުރިހާ ވިޔަފާރިތަކަކުންވެސް އެކިކަންކަމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައެވެ. ވިޔަފާރީގެ ހަރަކާތްތައް ރާވާ ހިންގުމަށާއި، ކަސްޓަމަރުންނާއި މުއާމަލާތުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މިހެން ކަމުން، ބިގް ޑޭޓާ އަކީ ކޮންމެ ވިޔަފާރިއެއްވެސް ޒަމާނާއެއްގޮތަށް ކުރިއަރައިގެން ދިއުމަށް މުހިންމު ރައުސުލްމާލަކަށްވަނީ ވެފައެވެ. ބިގް ޑޭޓާ މެދުވެރިކޮށް ވިޔަފާރީގެ ހުރިހާ މުއާމަލާތްތައް ތަރައްޤީކުރުމުގެ ފުރުޞަތުފަހިވެގެން ދެއެވެ. އެންމެ ކުދި އިދާރީ މަސައްކަތްތަކުން ފެށިގެން ގޮސް، ލޮޖިސްޓިކްސް، މާކެޓިންގ، ޕްރޮޑަކްޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ފައިނޭސްގެ ހުރިހާ މަސައްކަތެއްމެ ޑިޖިޓަލައިޒްކޮށް، ބިގް ޑޭޓާ މެދުވެރިކޮށް އިތުރަށް ހަރުދަނާކުރެވިދާނެއެވެ. މިސާލަކަށް، ކަސްޓަމަރުންގެ ހަރަކާތްތަކާއި ބޭނުންތައް ދެނެގަނެވިއްޖެނަމަ، ޕްރޮޑަކްޓެއް އުފެއްދުމުގަޔާއި ވިއްކުމުގައި ވިޔަފާރިން ޢަމަލުކުރަންވީގޮތް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި އެމަޢުލޫމާތުގެ އަލީގައި ނިންމަންޖެހޭ ނިންމުންތައް ކަނޑައެޅެވިދާނެއެވެ.

މީގެ އިތުރުން، ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން އެއްކުރެވޭ މައުލޫމާތު ނުވަތަ ޑޭޓާގެ ސަބަބުން އެވިޔަފާރިއެއްގެ އަގު މަތިވެގެންދެއެވެ. މީގެ ހެއްކެއްގެ ގޮތުން ބަލާނަމަ، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް، އެވިޔަފާރިއެއްގައި ހިމެނޭ މަޢުލޫމާތުގެ ބޭނުމުގައި ގަންނަ މަންޒަރަށް ވިސްނާލަމާތޯއެވެ. 2015 ވަނަ އަހަރުގައި މަޝްހޫރު އައި.ބީ.އެމް ވިޔަފާރިންވަނީ ދަ ވެދަރ ކޮމްޕެނީއިން ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ މޫސުމާބެހޭ މަޢުލޫމާތުގެ ބޭނުމުގައި އެކުންފުނި ގަނެފައެވެ.

މުސްތަޤުބަލުގައި ސިޓީތައް ކުރިއަރައިގެންދާ ހިނދު، އަންނަ ޖީލުގެ ޓެކްނޮލޮޖީ މެދުވެރިކޮށް އާންމު ޚިދުމަތްތަކަށް ނުހަނު ގިނަގުނަ ބަދަލުތަކެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ޙައްލުކުރަން ފަސޭހަވެ، ކުނި މެނޭޖްކުރުން ނުވަތަ ހަކަތަފޯރުކޮށްދިނުން ފަދަ އާންމު ޚިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ނަމަވެސް، ޓެކްނޮލޮޖީއަކީ އޭގެ ޒާތުގައި ނުރައްކާތަކަކާ ކުރިމަތިލާންޖެހޭ ވަސީލަތްތަކެކެވެ. ކިތަންމެ ކުޑަ ކަމަކުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިހެންކަމުން، ޑޭޓާ އެންކްރިޕްޓްކުރުން އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފަދަ ސަލާމަތީ ފިޔަވަޅުތައް އެންމެ އެކަށޭނަ ފެންވަރެއްގައި އެޅުމަކީވެސް ކޮންމެހެން އިސްކަންދީގެން ކުރަންޖެހޭ ކަމެކެވެ. ޑޭޓާ އެންކްރިޕްޓްކުރުމުގެ ސަބަބުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ސިއްރު މަޢުލޫމާތު ހިފެހެއްޓެއެވެ.

މީގެ އިތުރުން، ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައިވެސް އެކަމަށް ޚާއްޞަ ސޮފްޓްވެއަރ މެދުވެރިކޮށް ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅިދާނެއެވެ. ސްމާޓް ސިޓީތަކުގައި ސޮފްޓްވެއަރ އެސް އަ ސަރވިސް، އިންފްރާސްޓްރަކްޗަރ އެސް އަ ސަރވިސް ފަދަ ކްލައުޑް ބޭސްޑް އެތައް ވިއުގަތަކެއް ހިމެނޭނެއެވެ. އަދި މީގެ ސަބަބުން ސްމާޓް ސިޓީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެއެވެ.

އެޗް.ޑީ.ސީގެ ފަރާތުން ހިނގަމުން ގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ގެނެވޭ އުމްރާނީ ތަރައްޤީގެތެރެއިން މިފަދަ ކުރިއެރުންތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ބިންގާ އެޅިގެންދާނެއެވެ.

Advertisement

ކޮމެންޓް

Advertisement