13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ފެނިގެންދަނީ މުޅި މުޖްތަމަޢުގެ ބޮޑު ފެއިލިއާއެއް: ފިރުޝާން

23 Jun 2021 | 19:40

ރޭ ދަންވަރުގެ ވަގުތެއްފައި މަރާލައި އެއްލާލާފައި އޮތް 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ފެނިގެންދަނީ މުޅި މުޖްތަމަޢުގެ ބޮޑު ފެއިލިއާއެއް ކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން ފިރުޝާން ވިދާޅުވީ، މިހާދިސާއިންވެސް ފެނިގެންދިޔައީ ދިވެހި މުޖްތަމަޢުގެ ބޮޑު ފެއިލިއާއެ ކަމަށާއި، އެފަދަ ޖަރިމާތައް ހިންގާ އަނިޔާވެރި މީހުން ރާއްޖޭގައި އުޅޭކަން އެނގުމަކީ ވަރަށް ބިރުވެރިކަމެއްކަމަށެވެ.

ފިރުޝާން ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް ބޮޑެތި ޖަރީމާތައް ހިންގާ މީހުން ފާހަގަވާކަމަށެވެ. އެހެން ނަމަވެސް މައުސޫމު ކުޑަކުއްޖަކާމެދު މިހާ ރަހުމްކުޑަ، ލާއިންސާނީ ގޮތަކަށް ދިވެހި ފަސްގަނޑުގައިން ކަންތައްވެގެން ދިއުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއްކަމަށް ފިރުޝާން ފާހަގަކުރެއްވިއެވެ.

މިމައްސަލައާޢި ގުޅިގެން ފިރުޝާން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި އެމައްސަލައާއި ގުޅިގެން ބަހުސް ފަށާފައިވާއިރު، މަޖިލީހުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ މިމައްސަލައިގެ ސީރިއަސްކަމާއި ނުރައްކާތެރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި ބަލައިގަނެ އެ ބަހުސްކުރުމަށް 44 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

Advertisement

ކޮމެންޓް