އަންހެންކުދިން ޚިތާނުކުރުމާއި ދެކޮޅަށް ރައީސް މައުމޫން ވާހަކަދައްކަވައިފި

25 Jun 2021 | 23:10

އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި އޮންނަކަމެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ފީމޭލް ޖެނިޓަލް މިއުޓިލޭޝަން"ގައި ފައިދާތަކެއްވާކަމަށްބުނެ ޝާއިއުކޮށްފައިވާ ލިޔުމެއް ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް އަބްދުއްލަތީފް ޓްވީޓްކުރެއްވުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް އެޑްރެސްކުރައްވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގައި ޚިތާނުކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށްކަމަށާއި، އަންހެންކުދިން ޚިތާނުކުރުމަކީ އޮންނަކަމެއް ނޫންކަމަށެވެ. އަދި ޚިތާނުކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުންދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ މިއީ އެމަނިކުފާނުގެ އަމިއްލަ ރައުޔެއް ނޫންކަމަށެވެ. އެގޮތުން މިސުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައިވެސް އަންހެނުން ޚިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައި ކަމެއްކަމުގައި ބުނެފައިވާކަމަށް، މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ދީނީ އިލްމު ހާސިލްކުރައްވާފައިވާ ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތުމުންކަމަށް ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

"އަންހެން ކުދިން ޚިތާނު ކުރުން ހުއްދަކުރާ އެފަދަދަލީލެއް ކީރިތި ޤުރްއާނުގައިވެސް ޞައްޙަ ޙަދީސެއްގައިވެސް ނެތްކަމަށް މަޝްހޫރު ޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ"، ރައީސް މައުމޫން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފީމޭލް ޖެނިޓަލް މިއުޓިލޭޝަން އަދި އަންހެންކުދިން ޚިތާނުކުރުމުގެ ފައިދާތަކެއްވާކަމަށްބުނެ ޑރ.އިޔާޒް ޓްވިޓަރގައި ބައެއް ލިޔުންތައް އާންމުކުރަމުން ދިއުމާއި ގުޅިގެން އެބޭފުޅާއަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ދަނީ ޑރ.އިޔާޒް އެމްއެންޔޫގައި ކިޔަވައިދިނުން ހުއްޓުވައިދޭން އެދި ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ސަރުކާރުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް