ޑރ.ޢިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފި
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވަޒީފާގައި ހުރި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޢިޔާޒު ޢަބްދުއްލަޠީފް މަޤާމުން ވަކިކޮށްފިއެވެ.
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުރި ޢިޔާޒް މަޤާމުން ވަކިކޮށްފައިވަނީ މިއަދެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފް ވިދާޅުވީ، ޑރ.ޢިޔާޒު އެ މަޤާމުން ވަކިކޮށްފައިވަނީ އެކިފަހަރުގެ މަތިން ވާހަކަދެކެވި އިންޒާރުވެސް ދިނުމަށްފަހުގައިކަމަށެވެ. އަދި މިފަހަރުވެސް ޑރ.ޢިޔާޒުގެ މައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލެވުނު އިރު، 190އަށްވުރެ ގިނަ ޝަކުވާ އެބޭފުޅާއާއި ދެކޮޅަށް ހުށައެޅިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަންހެން ކުދިން ޚިތާނުކުރުމާއި ގުޅޭގޮތުން ޑރ.ޢިޔާޒު މީސް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަކާއި ގުޅޭގޮތުން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަންހެން ކުދިން ޚިތާނު ކުރުމުގެ މައްސަލާގައި ޑރ. ޢިޔާޒު ގެންދަވަނީ، އެކަމަށް ތާއީދުކުރާފަދަ މޭރުމަކުން ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އިސްލާމް ދީނުގައި އަންހެން ކުދިން ޚިތާނު ނުކުރެވޭނެކަމަށް ބުނެފައި ނޯންނަކަމަށް ޑރ.ޢިޔާޒުވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ހެކި ދެއްކެވުމުގެ ގޮތުން އެފަދަ ލިންކްތައްވެސް ޑރ.ޢިޔާޒު ދަނީ ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ.
ނަމަވެސް، މި މައްސަލާގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އެމަނިކުފާނުވެސް ވިދާޅުވީ އިސްލާމް ދީނުގައި އަންހެން ކުދިން ޚިތާނު ކުރުމެއް ނުވާކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists