ޔޫރޯ 2020: ޕެނަލްޓީގައި ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

07 Jul 2021 | 03:59

ޔޫރޯ 2020 ގެ ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީ ހޯދައިފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގައި ނަތީޖާ އޮތުމުން ދެން ކުޅުނީ ފަނަރަ މިނެޓުގެ ދެ ހާފެވެ.

މި ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި އިޓަލީ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައި ފެނިގެންދިޔައީ އިޓަލީގެ އުއްމީދީ ކީޕަރު ޑޮއްނަރުއްމާގެ ހުށިޔާރުކަމެވެ.

މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. ހާއްސަކޮށް ސްޕެއިންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އިޓަލީ ވަނީ ލީޑު ނަގާފަައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފެޑެރިކޯ ކިއެސާ އެވެ. މިއީ ސްޕެއިންގެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ދެމިގަަނެގެން ގޯލުގެ ކަނަށް އަމާޒުކޮށް ކާމިޔާބުކުރި ލަނޑެކެވެ.

ސްޕެއިން އިން ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ އެވެ. 

މުބާރާތުގެ ފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭ ޓީމަކީ މިރޭ 00:00 ގައި އިންގްލޭންޑާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

Advertisement

ކޮމެންޓް

Advertisement