Advertisement

ހޫދުގެފާނު ޤައުމަށް ފޮނުއްވުނު ވަރުގަދަ ވައި!

17 Jul 2021 | 15:36

ނޫޙު عَلَيهِ السَّلام އަށްފަހު އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރޭގައި ޢާދު ކިޔާ އުއްމަތެއްގެ ބަޔަކުވިއެވެ. މިބައިމީހުންނަކީ ވަރަށް ވަރުގަދަ ބައެކެވެ. މިބައިމީހުންނާ ހަނގުރާމަކުރާ ކޮންމެ ބައެއް ބަލިކޮށް އެބައެއްގެ މައްޗަށް ކާމިޔާބު ހޯދައެވެ. އެހެންކަމުން މިބައިމީހުން ބިރުގަންނަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެހެން މީސްތަކުން މިބައިމީހުން ދެކެ ބިރުގަނެއެވެ.

ޢާދުބާގައިގެމީހުންގެ އެންމެހާ އެއްޗެއްގައި މާތް ﷲ ބަރަކާތް ލެއްވިއެވެ. މިބައިމީހުންގެ ގެރިބަކަރިތަކުންވަނީ މުޅި ވާދީތައް ފުރާލެވިފައެވެ. އެންމެހާ އަސްތަކުން ވަނީ މައިދާންތައް ފުރާލެވިފައެވެ. އަދި މިބައިމީހުންގެ ދަރިންތައް ގިނަވުމުގެ ސަބަބުން ގެތައްވަނީ ފުރިފައެވެ. މިބައިމީހުން ދިރިއުޅެމުންދިޔަ ބިމަކީ ފެހިކަންގަދަ ބިމެކެވެ. ބަގީޗާތަކާއި ކޯރުތައް އެބިމުގައި ވަރަށްވެސް ގިނައެވެ.

މި އެންމެހާ ނިޢުމަތްތައް ދެއްވިކަމަށްޓަކައި، އެނިޢުމަތްތައް ދެއްވި ﷲ އަށް މިބައިމީހުން ޝުކުރުވެރިއެއް ނުވިއެވެ. އަދި މިބައިމީހުންގެ ކާބަފައިންގެ ކިބައިން އަޑުއިވެމުން އައި، ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް އައި ވަރުގަދަ ޠޫފާނުގެ ވާހަކަ މަތިން ހަނދާން ނައްތާލިއެވެ.

ޢާދުބާގައިގެމީހުންގެ ވަރުގަދަކަން މިބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. މިބައިމީހުން ދެކޭގޮތުގައި މިބައިމީހުންނަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ބިރުގަނެ ޖެހިލުންވާ އެއްވެސް މީހެއް ނުވެއެވެ. މިބައިމީހުން ބުނާކަމުގައިވިއެވެ. "ބާރުގެގޮތުން ތިމަންމެންނަށްވުރެ ވަރުގަދައީ ކާކު ހެއްޔެވެ؟" މިބައިމީހުން ހައްދަވައި، ބާރު ދެއްވި ރަސްކަލާނގެ މިބައިމީހުންނަށްވުރެ ބާރުގަދަކަން ނުވިސްނެއެވެ.

ޢާދުބާގައިގެމީހުން ބުއްދި ބޭނުންކޮށްއުޅެނީ ކެއިންބުއިމާއި، ކުޅިވަރުކުޅުމުގައްޔާއި، ގެތައް ބިނާކުރުން ފަދަ ކަންތައްތަކުގައި އެކަންޏެވެ. މިކަންކަމުގައިވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ. އަދި އެއިގެތެރެއިން އެއްބަޔަކު އެބައިމީހުންގެ އުސްބިނާތަކާއި ތަނަވަސް ގެތަކާހުރެ އަނެއްބަޔެއްގެ މައްޗަށް ފަޚުރުވެރިވެ ބޮޑާވެގަނެއެވެ. މިބައިމީހުންގެ އަމާޒަކީ އުސްތަނެއްހުރިކަމުގައި ވަނީނަމަ އެތަނެއްގައި ވަރުގަދަ ބިނާއެއް ހެދުމެވެ. މިބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ، ދާއިމަށް މަރުވުމެއްނެތި އެބިނާތަކުގައި ދިރިއުޅެވޭނެ ކަމަށް ހީކޮށެވެ. މިބައިމީހުން ހެއްދެވި އިލާހުގެ ދީނާމެދު ނުވިސްނުމުގެ ސަބަބުން މިބައިމީހުންގެ ވިސްނުންތައް ވަނީ ފަސާދަވެފައެވެ. މިބައިމީހުންގެ ތެރޭގައި ދުނިޔެވީ ކަންތައްތަކުގައި ވިސްނުންތެރިން އުޅުނެވެ. ނަމަވެސް އަޅުކަންކުރަމުންދަނީ މިބައިމީހުންގެ އަތުން ހަދާފައިވާ ބުދުތަކަށެވެ.

މިފަދަ ދަށު ދަރަޖައެއްގައި މިބައިމީހުންގެ ކަންތައްތައް ވަނިކޮށް، މިބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލަކު ފޮނުއްވެވުމަށް ﷲ އިރާދަކުރެއްވިއެވެ. އެރަސޫލުބޭކަލަކީ ހޫދު عَلَيهِ السَّلام އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ތިމަންގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވާ އެހެން އިލާހެއް ތިޔަބައިމީހުނަކަށް ނުވެއެވެ."

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ﷲއަށް ތަޤްވާވެރި ނުވަނީހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން އެތަންތާނގައި މަރުނުވެ އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު އެއްވެސް ރަޙްމެއްނެތި ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ދަންނަ ނިޢުމަތްތަކުން ތިޔަބައިމީހުންނަށް މަދަދުދެއްވި އިލާހަށް ތަޤްވެރިވާށެވެ! ނަޢަމްސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތްދެއްވިއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."

އަދިވެސް ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ޙައިރާންވީހެއްޔެވެ؟ އަދި ނޫޙުގެފާނުގެ ޤައުމަށްފަހުގައި، ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން ވާރޭ ވެއްސަވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"

އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ރައްދުދެމުން ބުންޏެވެ. "ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ."

ހޫދު عَلَيهِ السَّلام ޖަވާބުދެއްވިއެވެ. "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރިރަސްކަލާނގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި، ނަޞޭޙަތްތެރިޔަކީމެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"

އަދި އެކަލޭގެފާނުގެ ޤައުމުގެމީހުންގެ އިންޒާރުތަކަށް ރައްދުދެއްވައި އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކުކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް ﷲ ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުން ހެކިވާށެވެ. އަދި ތިޔަބައިމީހުންދެކެވެސް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަމެވެ. ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް ގެއްލުން ދިނުމަށް ރާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ."

މިބައިމީހުން ދެންނެވިއެވެ. "އޭ ހޫދެވެ! ކަލޭގެފާނު ތިމަންމެންގެ އިލާހުންތަކަށް އީމާނެއްނުވަމެވެ. އަދި އެއިލާހުންދެކެ ބިރުފުޅެއްވެސް ނުގަންނަމެވެ. އެހެންވީއިރު ތިމަންމެންވެސް ކަލޭގެފާނުގެ އިލާހަށް އީމާނެއް ނުވާނަމެވެ. އަދި ކަލޭގެފާނުގެ އިލާހުގެ ޢަޛާބަށްވެސް ބިރެއް ނުގަންނާނަމެވެ. ކަލޭގެފާނުގެ އިލާހުގެ ޢަޛާބުގެ ވާހަކަ ދައްކަވާތީ ވަރަށް ގިނައިން ތިމަންމެނަށް އަޑުއިވެއެވެ. އޭ ހޫދެވެ! އެޢަޛާބެއް ކޮބައި ހެއްޔެވެ؟ އެޢަޛާބު އަންނަނީ ކޮން އިރަކުން ހެއްޔެވެ؟ ތިމަންމެން މިހާރު މިއިންތިޒާރުކުރަނީ ތިޔަ ޢަޛާބެއް ދެކިލާ ހިތުންނެވެ."

ހޫދު عَلَيهِ السَّلام، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ނުވިސްނޭކަމާމެދު އަޖައިބުފުޅުވިއެވެ. އަދި މިބައިމީހުންގެ މޮޔަކަމާމެދު ދެރަފުޅުވެ ވަޑައިގެން ވިދާޅުވިއެވެ. "(ތިޔަ ޢަޛާބުގެ ކަންކަން) ދެނެވޮޑިގަތުންވާ ކަންކަށަވަރީ ﷲ ގެ ޙަޟްރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."

ޢާދުބާގައިގެމީހުންގެ މައްޗަށް ﷲގެ ކޯފާ ޙައްޤުވެ، ބޮޑުވެގެންވާ ޢަޛާބެއް މިބައިމީހުންނަށް ފޮނުއްވުމުގެ ދުވަސް ކައިރިވަމުން އައެވެ. ވާރެ ނުވެހި ގިނަދުވަސްތަކެއް ވާން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް ވިއްސާރަ ވިލާގަނޑެއް އާދޭތޯ ބަލަބަލާ ތިބެއެވެ. މިބައިމީހުން ތިބީ ވާރޭ ވެހޭނެ އިރަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ވަރަށްބޮޑު ވިއްސާރަ ވިލާގަނޑެއް އަންނަތަން ފެނުނެވެ. މިބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އުފާވެރިކަމާއެކު ބުނަމުން ގެންދިޔައެވެ. "މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ. މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ."

ނަމަވެސް ހޫދު عَلَيهِ السَّلام އަށް އެނގިވަޑައިގެންނެވީ މިބައިމީހުން އެއިންތިޒާރުކުރަމުން އައި ޢަޛާބުގެ ވަގުތު އައިސް ޖެހިއްޖެކަމެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. "މިއަންނަނީ ރަޙްމަތުގެ ވިލާގަނޑެއް ނޫނެވެ. އެހެނެއްކަމަކު އެއީ ގަދަފަދަ ޢަޛާބެއްވާ ވައިގެ ވިލާގަނޑެކެވެ."

ކަންތައް ވެގެން ދިޔައީ ހޫދު عَلَيهِ السَّلام ވިދާޅުވި ފަދައިންނެވެ. މީސްތަކުން ދުވަހަކުވެސް ދެކެފައިނުވާ، އަދި އެފަދަ ވައެއްގެ އަޑު ދުވަހަކުވެސް އަހާފައިނުވާ ވަރުގަދަ ވައެއް ޖެހެން ފަށައިފިއެވެ. ވައިގެ ގަދަކަމުން ގަސްތައް ބިމުން ލުހި، ގެތައް ވެއްޓި، ނަޢަމްސޫފިތައް ވަޔާއެކު މާދުރަށް ގެންދަން ފަށައިފިއެވެ. ސަހަރާ ތެރޭގައިވާ ހިރަފުހުން މުޅި އުޑުމަތި ބަނަވެ، މުޅި ބިންމަތި އަނދިރިވެ އެއްވެސް ތަނެއް ނުފެންނަވަރު ވެއްޖެއެވެ.

މީސްތަކުން ރޮއެ ދުޢާކުރަން ފަށައިފިއެވެ. ބިރުވެރިކަންވަނީ ފެތުރިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ފިލަން ދާނެ ތަނެއްވެސް ނެތެވެ. ބިނާކުރި ވަރުގަދަ ބިނާތައް ވެއްޓެން ފެށިއެވެ.

މިވަރުގަދަ ވައި ހަތް ރެއާއި އަށް ދުވަހު މެދުކެޑުމެއްނެތި ޖެހުނެވެ. މިވައި މަޑުވިއިރު ޢާދުބާގައިމީހުންގެ ތެރެއިން ކާފަރުވީ އެންމެންވަނީ މަރުވެފައެވެ. ބިންމަތީގައިވަނީ މަރުވެފައިވާ ހަށިގަނޑުތަކެވެ. އެންމެހާ ބިނާތައްވަނީ ވެއްޓި ފުނޑުފުނޑުވެފައެވެ.

ހޫދު عَلَيهِ السَّلام އާއި އެކަލޭގެފާނަށް އީމާންވީމީހުން އެވަރުގަދަ ވައިން ﷲ ސަލާމަތް ކުރެއްވިއެވެ. ޢާދުބާގައިގެމީހުން ﷲ އަށް ކުފުރުވުމާއި، ނުކިޔަމަންތެރިކަމާއި ނުބައިކަމުގެ ސަބަބުން ހަލާކުކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَتِلْكَ عَادٌ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ * وَأُتْبِعُوا فِي هَذِهِ الدُّنْيَا لَعْنَةً وَيَوْمَ الْقِيَامَةِ أَلا إِنَّ عَاداً كَفَرُوا رَبَّهُمْ أَلا بُعْداً لِعَادٍ قَوْمِ هُودٍ)) هود: 59-60 މާނައީ: "އަދި އެއީ ޢާދުބާގައިގެމީހުންނެވެ. އެބައިމީހުންގެ ވެރިއިލާހުގެ އާޔަތްތަކަށް އެބައިމީހުން ދެކޮޅުހެދިއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެބައިމީހުން އުރެދުނެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރެއްގެ އަމުރަށް އެބައިމީހުން ތަބާވިއެވެ. މި ދުނިޔޭގައިވެސް، އަދި ޤިޔާމަތްދުވަހުންވެސް، އެބައިމީހުންނަށް ލަޢުނަތްލެއްވިއެވެ. ދަންނާށެވެ! ޢާދުބާގައިގެމީހުން އެބައިމީހުންގެ ވެރި އިލާހަށް ކާފަރުވިއެވެ. ދަންނާށެވެ! ޢާދުބާގައިގެމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއީ) ހޫދުގެފާނުގެ ޤައުމުގެ މީހުންނެވެ."

Advertisement

ކޮމެންޓް

Advertisement