ރީކޯ މޫސައަކީ އަބަދުވެސް ލިބޭކޮޅަކަށް ދުވާމީހެއް: ފިރުޝާން

18 Jul 2021 | 18:52

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަކީ އަބަދުވެސް ލިބޭކޮޅަކަށް ދުވާމީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުހަންމަދު ނަޝީދު "ވެރިކަމުގެ ދަހިވެތިކަމުގެ މަޅީގައި ބަނދެވެމުންދާ ކަމަށް" ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ރައީސް ނަޝީދަށް ފޮނުއްވި ސިޓީއާއި ގުޅިގެންނެވެ.

މިކަމާއިގުޅޭ ޚަބަރެއް ޓްވިޓާގައި ޚިއްސާކުރަމުން މެމްބަރު ފިރުޝާން ވިދާޅުވީވަޔާއި އެއްކޮޅަށް ދުވުމަކީ މޫސަގެ އާދައެއް ކަމަށާއި، އަބަދުވެސް މޫސަ ހުންނަވަނީ ލިބޭ ކޮޅުގައި ކަމަށެވެ.

ފިރުޝާންގެ އިތުރުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން(ގިޓާ) ވިދާޅުވީ ރީކޯ މޫސަ އަކީ އަބަދުވެސް މާއްދިއްޔަތަށް ދުވާ މީހެއްކަމަށެވެ.

މޫސަ ވަނީ ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައިވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފެއިލްވެފައި ވާކަމަށާއި، ރައީސް ނަޝީދު އެ ޑިޒައިން ކުރައްވަނީ ބަޣާވާތެއްކަމަށްވެސް މޫސަ ރޭ ވިދާޅުވިއެވެ. މިއާއި އެކު މޫސަ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ވަރަށްބޮޑަށް ހުޝާމަދުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙް އަނެއްކާވެސް ހަލަބޮލިވެފައި މިވަނީ ރައީސް ނަޝީދު އެމްޑީޕީގެ ސަރުކާރަށް ތާއީދުނެތްކަމަށް ހާމަކުރެއްވުމާއި އެކުގައެވެ.

މިއާއި އެކު ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމާއި އެކު އިއްތިހާދު ހެދުމުގެ ޝައުގުވެރިކަންވެސް ރައީސް ނަޝީދު ދަނީ ފާޅުކުރައްވަމުންނެވެ.

އެހެންނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ވާނެކަމެއް ނޫންކަމަށާއި ދުވަހަކުވެސް ތެލާއި ފެން އެއްނުވާނެކަމަށެވެ.

Advertisement

ކޮމެންޓް