ރާނީ އެލިޒަބަތު އަވަހާރަވުމާއި އެކު އައު ވަމުންދާ އިނގިރޭސި އަނިޔާވެރި ކަމުގެ ހަނދާންތައް!
އިނގިރޭސި ރާނީ، ރާނީ އެލިޒަބަތު ދެވަނަ، އަވަހާރަވުމާއި ގުޅިގެން މުޅި ދުނިޔެ ވަނީ ސިހުމެއްގައެވެ. ގިނަ ބަޔަކު ހިތާމަ ކުރަމުންދާއިރު އަނެއް ބައެއްގެ ހަނދާނަށް އަންނަމުންދަނީ އެކަމަނާގެ ރަނިކަމުގައި އިނގިރޭސިންގެ ބާރުގެ އަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގެވި އަނިޔާވެރި އިސްތިއުމާރީ ބާރުގެ ހަނދާން ތަކެވެ.
ރާނީގެ ނަސްލީ ތަފާތުކުރުން ތަކާއި، އަނިޔާވެރި ނިންމުންތަކުގެ ވާހަކަ އަކީ ފަނޑުވެގެން ނުގޮސް އިވެމުން ގޮސްފައިވާ ވާހަކަ ތަކެކެވެ. އިނގިރޭސި އިސްތިއުމާރު ނިމި، ގައުމުތަށް މިނިވަންވެ އެތަކެއް އަހަރެއް ވި ނަމަވެސް ގެއްލުނު ފުރާނަތަކާއި، ތާރީހު އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.
އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ އެންމެ އުހުގައި އެ ގައުމުގެ ދަށުގައި 57 ގައުމު އޮތެވެ. އެދުވަސްވަރު ލަންޑަނުން ދިޔައީ ދުނިޔޭގެ އާބާދީގެ %20 ގެ މައްޗަށް ވެރިކަން ކުރަމުންނެވެ. ބިމުގެ ގޮތުން ދުނިޔޭގެ %25 އޮތީ އިނގިރޭސިންގެ މުށު ތެރޭގައެވެ. ދުނިޔޭގެ އެއް ބިިތުން އަނެއް ބިތަށް އިނގިރޭސިން ކުރަމުންދިޔައީ އަނިޔާވެރި ލާއިންސާނީ ވެރިކަމެކެވެ.
ތާރީޚުގެ ތެރެއިން– 1954، އިނގިރޭސިންގެ އަތް ދަށުގައި ކެންޔާ އޮތް އިރުގެ ފޮޓޯއެއް
އަވަށްޓެރި އިންޑިއާާއަށް ބެލިކަމުގައި ވިޔަސް އިނގިރޭސިންގެ ބާރުގެ ދަށުގައި އެ ގައުމު އޮތް އޮތުމުގައި 35 މިލިއަން އިންޑިއާ މީހުން އިނގިރޭސިން ގަތުލުކޮށްފައިވާ ކަމަށް އެ ގައުމުގެ ތާރީހު ދިރާސާ ކުރާ އިސް ފަރާތްތަކުން ބުނެއެވެ. މިއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް ދިޔަ ކޮންމެ ގައުމަކުންވެސް އިވޭނެ އަޑުތަކެވެ. ލާއިންސާނީ އަމަލުތަކާއި މަރުތަކެވެ. ސިއްރުކުރެވުނު އަަނިޔާތަކާއި އަދާއި ޖެހެންދެންވެސް ފެންނަން ހުރި މުއްބާރު ކުރުމުގެ ހެކިތަކެވެ.
އަނިޔާވެރި މަރުތަކާއި ލާއިންސާނީ އަމަލުތަކުގެ އިތުރުން އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ގައުމުތަކުގެ ގަދީމީ ހަޒާނާތަށް ފޭރި ގަތުންވެސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ތާރީހުދުއް އެންމެ ބޭ އަދަބީ އެއް އަމަލަށެވެ. އެފްރިކާގެ ރަނާއި މައުދަންތަކާއި، އޭސިއާގެ ބުދުތަކާއި އެތަކެއް ތާރީހީ ތަކެތި މިހާރު ފެންނަން ހުރީ އިނގިރޭސި ދާރުލްއާސާރުގައެވެ. މިއީވެސް އަނިޔާ ނޫންތޯއެވެ. ދިވެހިންގެވެސް އެތަކެއް ތާރީހެއް، ގައުމުން ބީވެ ގޮސް ލަންޑަނުގެ ފިނި ކޮޓަރީގައި ހުރުން އެއީ މި ޖީލާއި ދެން އަންނަށް އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ތާރީހާއި ސަގާފަތުން ގެއްލިދާ ކިހާބޮޑު ބައެއްތޯއެވެ.
އިނގިރޭސިން އިސްތިޢުމާރު ކުރި ބައެއް ގައުމުތަކުން ފޭރިގެންފައިވާ ތަކެތި
ރާނީ އެލިޒަބަތުގެ ނަސްލީ ތަފާތުކުރުމުގެ ވާހަކައާއި ދޮން ނަސްލުގެ މީހުންނަށް އިސްކަންދީ، އެހެން ނަސްލުގެ މީހުން އަޅުވެތި ކުރުމުގެ ވިސްނުމަކީ ނުދައްކާ ވާހަކައެއް ނޫނެވެ. އެފްރިކާގެ ގައުމެއްގައި ކުޑަކުދިންތަކަކަށް ކުކުޅު ތަކެއްގެ ބީދައިން ކާ އެއްޗެހި އުކާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އަޅުގަނޑުމެންނަށް ވަނީ ފެނިގެން ގޮސްފައެވެ. މިއީ ފެންނަ މަންޒަރެވެ. ފަރުދާގެ ފުރަގަހުގައި ހިނގާދިޔަ އަނިޔާއާއި ބޭއިންސާފުގެ ފުންމިން ބުނެލަންވެސް ދަތިވާނެއެވެ.
1952 ވަނަ އަހަރު ރާނީ އެލިޒަބަތު ތަހުތާއި ހަވާލުވެވަޑައިގެންފަހުން އިނގިރޭސިންވަނީ ޖުމްލަ 25 ހަނގުރާމަ ނުވަތަ ދާހިލީ ހަމަނުޖެހުންތަކުގައި ބައިވެރިވެފައެވެ. މިހާރުވެސް އިނގިރޭސި ސިފައިން އަންނަނީ ސީރިއާގައި ހަރަކާތްތެރި ވަމުންނެވެ.
70 އަހަރު އިނގިރޭސި ތަހުތުގައި އިންނެވި ރާނީ އުމުރުފުޅުން 96 އަހަރުގައި ދުނިޔެ ދޫކޮށްފައިވަނީ ޝާހީ އާއިލާގެ ގިނަ މެންބަރުންނާއި އެކު އެކަމަނާގެ ގަނޑުވަރުގައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު އެކަމަނާ އަވަހާރަވުމާއި އެކު ހަނދާން އައު ކުރަމުންދަނީ އެކަމަނާގެ ރަނިކަމުގައި އަދި އޭގެ ކުރިންވެސް އިނގިރޭސީންގެ ކިބައިން އެބައިމީހުންގެ ގައުމުތަކަށް ލިބުނު އަނިޔާތަކުގެ ހަދާނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists