ސްޓްރީޓް ފުޑް ރައްކާތެރިތޯ ބެލުން މެންޑޭޓަކު ނެތް - ހެލްތް ޕްރޮޓެކްޝަން އެޖެންސީ

09 Jan 2019 | 21:07

ސްޓްރީޓް ފުޑް ނުވަތަ މަގުމަތީގައި ތައްޔާރު ކުރެވޭ ކާނާގެ ރައްކާތެރިކަން ބެލުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މެންޑޭޓުގައި ނުވާތީ އެފަދަ ތަންތަނުގެ ކާނާގެ ރައްކާތެރިކަމާއި ތާހިރުކަން ނުބަލާކަމަށް އެއެޖެންސީން ވިދާޅުވެއްޖެއެވެ.

ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެއޮތޯރިޓީގެ އޮފިޝަލް ވިދާޅުވިގޮތުގައި ރާއްޖޭގެ ސައި ހޮޓާ ރެސްޓޯރަންޓްތަކުގައި ތައްޔާރުކުރާ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރިކަމުގައި ވިޔަސް މިހާރު ހުޅުމާލޭގައި ޢާންމުވަމުން އަންނަ ސްޓްރީޓް ފުޑްތަކާއި، ހެދިކާ ވިއްކާފަރާތަކުން އުފައްދާ ކާނާގެ ރައްކާތެރިކަމާއި ސާފުތާހިރުކަން އެޗްޕީއޭއިން ނުބަލާކަމަށެވެ.

އެޗްޕީއޭގެ އޮފިޝަލް ހާމަކުރިގޮތުގައި އެފަރާތްތަކުން ތައްޔާރުކުރާ ކާނާގެ ރައްކާތެރިކަން ނުބަލަނީ އެބޭފުޅުންގެ މެންޑޭޓުގައި އެކަން ނުވާތީއެވެ.

މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުން އަންނަ މި އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގައި ތައްޔާރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ހުޅުމާލެ ބްރިޖްއާއެކު ހުޅުމާލޭގައި މަގުމަތީގައި ކާނާ ތައްޔާރުކުރުމުގެ ވިޔަފާރިއަކީ ވަރަށް ގިނަބައެއްގެ މަޤުބޫލުކަން ލިބެމުންއަންނަ ތަންތަންކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް މި ކާނާ ތައްޔާރުކުރާ ތަންތަނަށް ބަލާއިރު މިފަދަ ތަންތަނުގެ ރައްކާތެރިކަމާއި، ސާފުތާހިރުކަމާ މެދު ސުވާލު އުފެދެއެވެ. މީގެ އިތުރުން މާލޭގައި ހިނގަމުން އަންނަ ގާޑިޔާތަކާއި، އަމިއްލަ ފަރާތްތަކުން މަގުމަތީ މޭޒު ބަހައްޓައިގެން ވިއްކަމުން އަންނަ ހެދިކާތަކަކީވެސް ރައްކާތެރިކަން ކަށަވަރު ނުކުރާނެ ފަރާތެއްނެތި ޢާންމުންނަށް ހިދުމަތް ދެމުންއަންނަ ތަންތަންކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް