Advertisement

މިދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ހައުސިންގް މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މި ދައުރު ނިމުމުގެ ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހދ. ފިނޭގައި ފެނާއި ނަރުދަމާ އާއި އިންޖީނުގޭގެ މަސައްކަތް އިފްތިތާޙްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މި ސަރުކާރަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ އާބާދީއަށް ބަލާފައި އެކަނި އެރަށްރަށަށް ކަންތައް ކޮށްދޭ ސަރުކާރެއް ނޫންކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ރަށްތަކެއް ގޮތުގައި އުފެދިފައިވާ ގައުމަކަށް ވާއިރު، އެއިން ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުން ވެސް އެ ރަށް ދެކެ ލޯބިވާ ކަން ސަރުކާރުން ގަބޫލު ކުރާ ކަމަށާ، ސަރުކާރުގެ ވިސްނުން ހުރީ، އެރަށްތަކުގެ ރައްޔިތުން އެހެން ރަށްރަށް ބަދަލުކުރާން ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

"މި ވިސްނުމާއި އެކީ އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރީ. އަޅުގަނޑުމެންގެ އެބައޮތް ތަސައްވުރެއް، ދިވެހިރާއްޖެ އޮންނަންވާ ގޮތުގެ. މި ރަށްތަކުން ލިބެންޖެހޭ ޚިދުމަތްތައް، އަސާސީ ޚިދުމަތް ތަކަކީ ކޮބައިކަން. އަދި ރަށުގައި ނެތް ޚިދުމަތް ތަކަށް ދެން ހުރި ރަށްތަކުން ލިބޭ ޚިދުމަތްތަކާ ހަމައަށް ވާސިލް ވެވޭނީ ކިހިނެއް ކަން." އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް އިތުރަށް ވިދާޅުވީ، ގައުމެއް ކުރިއަށް ދިޔުމުގައި އެ ގައުމަކު އޭރަކު ހުންނަ ވެރިއެއްގެ ވިސްނުމަކީ އެންމެ މުހިންމު އަދި އެންމެ އިސް ކަންތައްކަމެވެ. އެބޭފުޅެއްގެ ވިސްނުމުގައި ހުރީ ހުރިހާ ރަށްތަކެއް ކުރިއެރުވުމަށް ކަމަށް ވާ ނަމަ، ހުރިހާ ރަށެއްވެސް ތަރައްގީ ވާނެ ކަމަށާ، އަދި އެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ ވިސްނުމުގައި ހުރީ ވަކި ރަށެއް ތަރައްގީ ކޮށް އެރަަށަކަށް އެންމެން ޖަމާކުރުމަށް ކަމުގައި ވާނަމަ، އެގޮތަށް އެކަންވެސް ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއާއެކު އަސްލަމް ވިދާޅުވީ، ކޮވިޑު-19 އާއި ގުޅިގެން މި ދައުރުގެ ދެ އަހަރުގެ މަސައްކަތްތައް މަޑުޖެހިގެން ގޮސްފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ބޭނުންވި ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައި ނުވާކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރެވިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

"އިރާދަ ކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ފަދައިން ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށުގައި، އަޅުގަނޑުމެން އާބާދީގެ ވާހަކައެއްނޫން ދައްކަނީ، މީހުން ދިރިއުޅޭ 186 ރަށުގައި މި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމްކޮށް ކުރެވޭނެ." އަސްލަމް ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް