Advertisement

ވަޒީފާއަށް ގޮސް ކިޔެވި ޒަމާން މާޒީކޮށްލި ސަރުކާރުގެ ހިލޭ ޑިގްރީގައި 15,000 އަށްވުރެ ގިނަ ދަރިވަރުން

އެންމެ ކުޑައިރުން ފެށިގެން ވެސް އިވެނީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނޭށޭ ބުނާއަޑެވެ. ސާނަވީ އިމްތިހާނު ނިމުމުން މަތީ ސާނަވީ އިމްތިހާނު ވެސް ކިޔަވަން ބުނާ އަޑެވެ. އަދި މަތީ ސާނަވީއަށްފަހު ޑިގްރީއަށް ވެސް ކިޔަވަން ޖެހޭނެ ކަމަށާ، ރަނގަޅު ވަޒީފާއެއްވެސް ލިބޭނީ އެވަރަށް ކިޔެވިގެން ކަމަށޭ ބުނާ އަޑެވެ.

އެހެންނަމަވެސް، މަތީ ސާނަވީ އަށްފަހު، މާލީ ހާލަތު ތަންނުދިނުމާއި ގުޅިގެން ގިނަ ދަރިވަރުންގެ ޢިލްމު އުނގެނުމުގެ މަގަށް ބޮޑު ހުރަހެއް އެޅިގެންދެއެވެ. އެ ހުރަސް ގިރާ ކުރަން ރެއާއި ދުވާލު މަސައްކަތް ކޮށްގެން އެ ދަރިވަރުންނާއި އެމީހުންގެ މައިންބަފައިން ފައިސާ އެއްކުރަން ފަށައިގެންވެސް ބައެއް ފަހަރު ކަންކަން ހުންނަ ގޮތުން ކިޔަވަން ބޭނުންވާ ކޯސް ފީ އަށް ދައްކަންޖެހޭ މިންވަރަށް ފައިސާއެއް ރައްކާނުކުރެވެއެވެ. އޭގެ ސަބަބުން މަތީ ތައުލީމް ޙާޞިލް ކުރުމަށް ދެކެމުން އައި ހުވަފެން ނިމުމަކަށް ގެންނަން ޖެހުނު މީހުންވެސް ހަމަ ޔަގީނުންވެސް އަހަރެމެންގެ ތެރޭގައި ތިބޭނެއެވެ.

އެފަދަ ހިތާމަވެރި ގޮތަށް ތައުލީމީ ހަޔާތާއި އަލާވަދާއު ކިޔަން ބައެއް ދަރިވަރުންނަށް ޖެހުނު އިރު, އަނެއް ބައި ދަރިވަރުންނަކީ ކިޔަވަމުން ކިޔެވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިހާރަތަކާއި އެނޫންވެސް އެކިއެކި ތަންތަނުގައި ޕާޓް ޓައިމް ކޮށް ވަޒީފާ އަދާކޮށްގެން ލާރި ހޯދައިގެން ކިޔެވުމާއިގެން ކުރިއަށްދާ ދަރިވަރުންނެވެ. އެހެން ނަމަވެސް އެފަދައިން މަސައްކަތް ކުރަމުން، ކިޔެވުމަށް އެދެވޭ މިންވަރަށް ވަގުތުދީ، ހަމަ ނިދި ނިދައި، އަރާމު ކޮށްލާނެ ވަގުތު ހޯދުންވެސް ވަނީ ވަރަށް ބޮޑަށް ބޮޑު ގޮންޖެހުންތަކަކަށެވެ. އޭގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުންވެސް އެކި ބަލިމަޑުކަމާއި ކުރިމަތިލާންޖެހެއެވެ. އެ ހާލުގައި ދަރިވަރުން ކިޔެވި ޒަމާނެއްވެސް ދިޔަކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

Advertisement

އެހެންނަމަވެސް މިއަދު އެ ހާލަތު  މިވަނީ ބަދަލުވެފައެވެ. ޒަމާނުއްސުރެ ހިލޭ މަތީ ތައުލީމް ޙާޞިލް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ދަރިވަރުންނާއި މައިންބަފައިންގެ އެ ހުވަފެން އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުން މިވަނީ ހަގީގަތަކަށް ހަދައިދީފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތީ މުހިއްމު ވައުދުތަކަކާއެކުއެވެ. އޭގެތެރެއިން ތައުލީމީ ނިޒާމް ހަރުދަނާކުރުމަކީ، ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުގެ މުހިއްމު ބައެކެވެ. އަދި އޭގެ ތެރެއިން އެމަނިކުފާނު ރައްޔިތުންނަށް، ޚާއްސަކޮށް ކިޔަވާ ކުދިންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައި ދެއްވުމަށް ވެވަޑައިގެންނެވި ވައުދެވެ.

އަދި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެމަނިކުފާނުގެ އެ ވަޢުދު ފުއްދަވައިދެއްވުން ވެގެން ދިޔައީ މަތީ ތައުލީމު ހާސިލުކުރުމުގެ ހުވަފެން ދެކެމުންދިޔަ މާލީގޮތުން ފުދުންތެރި ނޫން ދަރިވަރުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން އުއްމީދަކަށެވެ.

"މިއީ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ އާ ފެށުމެއް. ސަރުކާރުގެ އަމާޒަކީ، މާލީގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން" ފުރަތަމަ ޑިގްރީއަށް ކިޔެވުން އިފްތިތާހުކުރުމަށް 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އެންރޯލްވި ދަރިވަރުންގެ އަދަދު 15,000 އިން މައްޗަށް

2019 ވަނަ އަހަރު، ސަރުކަާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއިއެކު ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެ ރަނުގެ ފުރުސަތުގެ ބޭނުން ހިފާފައެވެ. އެގޮތުން ހަމަ އެކަނި އެ އަހަރުގެ ތެރޭގައިވެސް 4,804 ދަރިވަރުން ވަނީ އެ ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކުރަން ފަށައިފައެވެ. އަދި 2020 ވަނަ އަހަރު، 4,818 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު 2021 ވަނަ އަހަރު  3,301 ދަރިވަރުން ވަނީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ތަޢުލީމް ހާސިލްކުރަން ފަށާފައެވެ. އަދި މި އަހަރުގެ މިހާތަނަށް 2,077 އަށްވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަޢުލީމް ހާސިލްކުރަން ވަނީ ފަށާފައެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމާއި ގުޅޭ ގޮތުން މި އަހަރުގެ އޮގަސްޓު މަހު ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ، އެ ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ އަދަދު ޖުމުލަ 15,000 އަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުންނެވެ. އަދި އެ 15,000 ދަރުވަރުންގެ ތެރެއިން 5،163 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރުމުގައި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާން ޖީލެއް އުފެއްދުން ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން 15،000 ދަރިވަރުން މިއަދު ނިޔަލަށް އެންރޯލްކޮށް ކިޔަވަމުންދާކަން އެނގުމުން ވަރަށް އުފާވޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުން މަޖިލިސް ހުޅުވުމަށް މިއަހަރު ބޭއްވި ޖަލްސާގައި ހިލޭ ޑިގްރީ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ ކަމަށާއި އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ހިދުމަތަށް ނުކުންނާނެ ކަމަށެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000އަށް ހަމަވުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ ސަބަބުން އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށްބޮޑަށް ފަހިވެއްޖެކަމަށާ، އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.  

މިއާއެކު މިނިސްޓަރ ވިދާޅުވީ ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާބޮޑު ހޭދައެއް ކުރަނީ ރާއްޖޭގެ ކުރިމަގު އުޖާލާވެ ގައުމު ބިނާކުރެވޭނީ ފަންނީ ހުނަރުވެރި ޒުވާނުންތަކެއް އުފެއްދިގެންކަމުގައިވާތީ ކަމަށެވެ.

ދަރިވަރުންނަށް ބޮޑު ލުއެއް

ހިލޭ ޑިގްރީއަށް ކިޔަވައިދެން ފެށުމުން އޭގެ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުން ލިބޭނެ ބަޔަކީ ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންނަށްކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެގޮތުން، މި ޕްރޮގްރާމް ފެށުން ވެގެންގޮސްފައިވަނީ މާލީ ތަނަވަސްކަން ނެތް އެތަށް ދަރިވަރުންނަށް މަތީ ތައުލީމް ޙާޞިލް ކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމުގައި އެ ދަރިވަރުން ބުނެއެވެ. މި ޕްރޮގްރާމް ތަޢާރަފް ވުމާއިއެކު ކުރިން ވަޒީފާ އަދާ ކުރަމުން ކިޔަވަމުން އައި ދަރިވަރުން ވެސް، ވަޒީފާ ދޫކޮށް ހަމައެކަނި ކިޔެވުމަށް ހުސްވެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވާ ކަމަށް އެ ދަރިވަރުން ފާހަގަކޮށްފައިވެއެވެ.

" ގިނަ ކުދިންނަށް ކުރިން ނުކިޔެވި އޮވެފައި، މިހާރު ދެން ފައިނޭންޝިއަލީ ދަތިކުދިންނަށްވެސް ވަރަށް ރަނގަޅު ފުރުސަތެއް މިއީ"

"ގިނަކުދިން ހަމަ މި ފުރުސަތުގެ ބޭނުން ހިފައިގެން ކިޔަވަންވީ. ވަރަށް “ސަޅި” ކަމެއްމިއީ.  ކިޔެވުމަށް އިތުރު ހިތްވަރެއް ލިބިއްޖެ"

"އަޅުގަނޑަކީ ނާސިން ކިޔަވާ ކުއްޖެއް. ފްރީ ޑިގްރީ ޕްރޮގްރާމް ނެތް ނަމަ ފައިނޭންޝިއަލީ ވެސް މި ކަން ވެގެންދާނެ އަޅުގަނޑުގެ ފެމިލީއަށް އޮފް ވަރަށް ބޮޑު ބުރަ އަކަށް. އެހެންނަމަވެސް، ފްރީ ޑިގްރީ އާއި އެކު ފައިނޭންޝިއަލި ވަރަށް ހަމަޖެހިލައިގެން އެކަމަށް ނުވިސްނާ ކިޔެވުމާއިގެން އުޅެވޭ."

ފްރީ ޑިގްރީ ޕްރޮގްރާމް ގެ ދަށުން ތައުލީމް ހާސިލް ކުރަމުންދާ ބައެއް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.

މި އެންމެހައި ކަމަކުންވެސް އެނގިގެންދަނީ ތަޢުލީމީ ޖީލެއް ބިނާ ކުރައްވަން ރައީސް ޞާލިހުގެ މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން ދަރިވަރުން ބަލައިގެންފައިވާ ކަމެވެ. އަދި ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީގޮތުން އެ މުޖުތަމަޢެއް ކުރިއަރައި ދިޔުމެއް ނޫން ކަމަށް ވިދާޅު ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުތައް ހަގީގަތަކަށް ވަމުންދާ ކަމެވެ. "ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއް. އެހެންވީމާ، ޤައުމު ތަރައްޤީވާން ބޭނުންނަމަ، އެންމެ ފުރަތަމަ ތަރައްޤީ ކޮށްދޭންޖެހެނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް." ރައީސް ޞާލިހު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް
ޢަލީ
އަނގަ އެއް. މަ ކިޔެވީ ވަޒީފާ އަދާކޮށްގެން.
17 Nov 2022
މީހުން
ވޮއިސް އިން މިނިވަން ނޫސްވެރިކަމެއް ކުރާކަން ޤަބޫލުކޮށްފިން. ރަނގަޅު ވާހަކަ ދައްކަން ނުކެރޭ ހިސާބަށް މީޑީއާތަކުގެ ފިކުރުތައް މިވަނީ ސިޔާސީވެފަ. ވޮއިސް އިދިކޮޅު ނޫހެއް ގޮތުގައި އޮވެ މިފަދަ ރިޕޯޓެއް ގެނައުން މިއީ ތަހުީބުކަމެއް
17 Nov 2022

Advertisement

Advertisement